ރާއްޖޭގެ އެންމެ ދެކުނުގައި ހިމެނޭ ހުރިހާ އަތޮޅަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ހުދު ސަމާލު ނެރެފިއެވެ.

މޫސުމާއި ބެހޭ ރާއްޖޭގެ ގައުމީ އިދާރާ (މެޓް) އިން ހުދު ސަމާލު ނެރެފައި ވަނީ، ތ އަތޮޅުން ފެށިގެން އައްޑޫ ސިޓީ އާ ހަމައަށެވެ.

އެ ސަމާލުގައި ބުނެފައި ވަނީ، ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށެވެ.

މި ސަމާލުގެ މުއްދަތު ހަމަވާނީ 23:45 ހާއިރުއެވެ.

ކުރިއަށް އޮތް 24 ގަޑިއިރު މޫސުން ލަފާކޮށް މެޓް އޮފީހުން ވިދާޅުވީ، ރާއްޖޭގެ އެކިހިސާބަށް ވިއްސާރަ ކުރުމާއެކު ގުގުރުން އެކަށީގެން ވާ ކަމަށެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެކަމަށްވެސް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން ވިދާޅުވިއެވެ.

އަދި ރާއްޖޭގެ ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި، އެހެން ހިސާބުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް މެޓް އޮފީހުން ވިދާޅުވިއެވެ.