ފިނޭންސް މިނިސްޓްރީ މެދުވެރިކޮށް ދައުލަތުގެ އެކިއެކި އިދާރާތަކުން އެއްވެސް ފަރާތެއްގެ އެކައުންޓަކަށް ފައިސާ ޖަމާކޮށްފިނަމަ އެކަން އެސްއެމްއެސް އެއް ނުވަތަ އީމެއިލްއެއް މެދުވެރިކޮށް އެންގޭނޭ ނިޒާމެއް ގާއިމްކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން މިއަދު ނެރެފައިވާ ނޫސްބަޔާނުގައި ބުނެފައި ވަނީ އެ އިދާރާ މެދުވެރިކޮށް އެކައުންޓަކަށް ފައިސާ ޖަމާކޮށްފިނަމަ އެކަން އެންގޭނޭ ނިޒާމެއް ގާއިމް ކޮށްފައިވާ ކަމަށެވެ. ނަމަވެސް ޕަބްލިކް އެކައުންޓިން ސިސްޓަމްގައި ރަޖިސްޓްރީ ކުރި އިރު މޯބައިލް ނަމްބަރާއި އީމެއިލް ލިބިފައި ނެތް ފަރާތްތަކާއި އަދި ރަޖިސްޓްރީ ކުރެވުނު ފަހުން އީމެއިލް އަދި މޯބައިލް ނަންބަރު ބަދަލުވެފައިވާ ފަރާތްތަކަށް ހިދުމަތް ދިނުމުގައި ދަތިތަކެއް ކުރިމަތިވާނެ ކަމަށެވެ.

"މިދެންނެވި އެސްއެމްއެސް އަދި އީމެއިލް ފޮނުވޭނީ ޕަބްލިކް އެކައުންޓިން ސިސްޓަމްގައި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކުގެ މޯބައިލް ނަންބަރު އަދި އީމެއިލް އެޑްރެސް ވެންޑަ ރަޖިސްޓްރީ ކުރިއިރު މިމިނިސްޓްރީއަށް ލިބިފައިވާނަމަ އެވެ." މިނިސްޓްރީން ބުނެފައިވެ އެވެ.

މި މެސެޖުތައް ފޮނުވަމުންދާނީ މިނިސްޓްރީގެ ކޯލް ސެންޓަރުގެ ނަންބަރު 1617 އިން ކަމަށާއ ިއަދި މިނިސްޓްރީގެ އީމެއިލް އެޑްރެސް އިން ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފައިވެއެވެ.

އަދި މިހިދުމަތް އެންމެ ފުރިހަމަ ގޮތުގައި ކުރިއަށް ގެންދިއުމަށް މިނިސްޓްރީގެ ވެންޑާ މެއިންޓަނަންސް ފޯމުގައިވާ ކޮމިއުނިކޭޝަން ބައި ފުރިހަމަ ކުރުމަށްފަހު ކުންފުންޏެއް ނަމަ ސޮއި އަދި ސްޓޭމްޕް ޖެހުމަށްފަހު [email protected] އަށް އީމެއިލް ކުރެވޭނެ ކަމަށްވެސް ފިނޭންސް މިނިސްޓްރީން ވަނީ އެދިލައްވާފައެވެ.

މީގެ ކުރިން ވެސް މިނިސްޓްރީއިން ވަނީ އެ އިދާރާ މެދުވެރިކޮށް ދައުލަތުގެ އެހެން އިދާރާތަކުގެ އެކި ފަރާތްތަކަށް ފައިސާގެ އަދަދު ޖަމާކުރެވެމުންދާ މިންވަރު ބަލާލެވޭނޭ އިންތިޒާމެއް ހަަމަޖައްސާފައެވެ.