ކުއްލި ގޮތަކަށް ރޭ ނިޔާވި ށ. ކޮމަންޑޫ އަސަރީގޭ ޕޮލިސް ކޮންސްޓަބަލް އަހުމަދު ވިފާޤުގެ ޙާލު ދެރަވެ އޭނާ ހޭނެތިގެން ވެއްޓުނީ، ފުލުހުންގެ ތަމްރީނުގެ ތެރެއިން ކުރިއަށްގެންދިޔަ ޑްރިލް ކްލާހެއްގައި ހުއްޓައި ކަމަށް ބައެއް ނޫސްތަކުން ބުނެފިއެވެ.

މިކަން ހާމަކޮށް "ސަން އޮންލައިން"ގައި ބުނެފައިވަނީ، ވިފާޤުގެ ހާލުދެރަވެގެން ހޭނެތުނީ، އިއްޔެ މެންދުރުގެ ވަގުތެއްގައި ކަމަށެވެ. އަދި ކުޑަހުވަދޫ ހޮސްޕިޓަލަށް ގެންގޮސް ވިފާގަށް ފަރުވާދޭން ފެށި އިރު ވެސް އޭނާގެ ހޭވެރިކަން ނެތް ކަމަށް އާއިލާ އާއި ޙަވާލާދީ އެ ނޫހުގައި ބުނެފައިވެއެވެ. އެއާއި އެކު އޭނާ ވީހައިވެސް އަވަހަށް މާލެ ގެންދިއުމަށް ކުޑަހުވަދޫ ހޮސްޕިޓަލުން ލަފާ ދިން ކަމަށް ވެއެވެ.

ކުޑަހުވަދޫ ހޮސްޕިޓަލުގެ އޮފިޝަލަކު ވިދާޅުވީ، އެ ވިފާޤު ހޮސްޕިޓަލަށް ގެންދިޔައިރު ވަރަށް ގަދައަށް ހުން އައިސްފައިހުރި ކަމަށާއި، އެނާގެ ސިނކުޑީގައި އިންފެކްޝަން އުފެދިފައިވާ ކަމަށެވެ. އަދި އޭނާ އަށް ފަރުވާ ދީފައިވަނީވެސް ކޯމާގައި އޮއްވާކަމަށް އެ ހޮސްޕިޓަލުން ވަނީ މަޢުލޫމާތު ދީފައެވެ.

އުމުރުން 25 އަހަރުގެ ވިފާޤު ނިޔާވީ، ދ. އަތޮޅު ވާނީގައި ކުރިއަށްދިޔަ ޕޮލިސް ޓްރޭނިން ސްކޫލްގައި ޕޮލިސް ބޭސިކް ޓްރޭނިން ތެރެއިން ބަލިވެގެން ކުޑަހުވަދޫގައި ފަރުވާ ދިނުމަށް ފަހު މާލެ ގެނައުމަށް ދަތުރުކުރަމުން ދަނިކޮށް ރޭ ރޭ 11:48 ހާއިރުއެވެ.

ވިފާޤުގެ ކަށުނަމާދު އޮތީ މިއަދު މެންދުރު ނަމާދަށް ފަހު އިސްލާމީ މަރުކަޒުގައެވެ. ވިފާޤުގެ ޖަނާޒާގައި ސަރުކާރާއި، ފުލުހުންގެ އިސް ބޭފުޅުންގެ އިތުރުން ފުލުހުން ޢާއިލާތަކާއި ޢާންމުންގެ ގިނަ ބަޔަކު ބައިވެރިވެފައިވެއެވެ.