ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސް ވާނެ ކަމަށް ލަފާކޮށް ހުދު ސަމާލު ނެރެފިއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ހުދު ސަމާލު ނެރެފައިވަނީ މިއަދު 18:00 އިން 23:00 އަށް އ. އަތޮޅުން ފެށިގެން ތ. އަތޮޅާ ހަމައަށެވެ. އެމުއްދަތުގައި އެ އަތޮޅުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް އެ އިދާރާއިން ލަފާކުރެއެވެ.

މިދުވަސްވަރަކީ ހުޅަނގު މޫސުމުގެ ވިއްސާރަ ރާއްޖެއަށް ކުރަމުންދާ ދުވަސްވަރެކެވެ. އެގޮތުން ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި ދާދި ފަހުން މަސްބާނަން ނުކުމެ އުޅުނު ޑިންގީއަކަށް ހޮނު އަޅާފައިވެއެވެ.

ރާއްޖޭގެ ބޮޑުބަޔަކަށް ހުދު ސަމާލު ނެރެފައިވާއިރު، މެޓް އޮފީހުން ބުނީ ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރާނެ ކަމަށެވެ. އަދި އުތުރާއި މެދުތެރޭގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެކަމަށްވެސް ލަފާކުރެވޭ ކަމަށް ބުނެފައިވެއެވެ.

މީގެ އިތުރުން ދެކުނުގެ އަތޮޅުތަކަށް އިރުދެކުނާއި ދެކުނުން ގަޑިއަކު 10 މޭލާއި 18 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެކަމަށާއި އެހެން ހިސާބު ތަކަށް ދެކުނާއި ހުޅަނގުދެކުނުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެ ކަމަށް އެ އިދާރާއިން ލަފާ ކުރެއެވެ. އަދި ދެކުނުގެ ކަނޑުުތައް އާދައިގެވަރަކަށް ގަދަ ވެފައި އެހެން ހިސާބުތަކުގެ ކަނޑުތައް ގަދަ ވާނެ ކަމަށްވެސް އެ އިދާރާއިން ލަފާ ކުރެއެވެ.