ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު ޢަބްދުﷲ ދީދީ މިސްރުގެ ޗީފް ޖަސްޓިސް ސައީދު މަރްއީ އުމަރުއާ ބައްދަލުކުރައްވައިފިއެވެ.

އުއްތަމަ ފަނޑިޔާރު، ޑރ. އަބްދުﷲ ދީދީ މިހާރު މިސްރަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެގައުމުގެ ޗީފް ޖަސްޓިސްއާ ބައްދަލުކުރެއްވީ އިއްޔެއެވެ. އެ ބައްދަލުވުމުގައި ދިވެހިރާއްޖޭގެ އަދުލު އިންސާފު ގާއިމުކުރުމުގެ ބާރާއި މިސްރުގެ ޖުޑިޝަރީއާ ދެމެދުގައި އެއްބާރުލުން ވަރުގަދަކޮށް ގުޅުންބަދަހިކުރުމާ ގުޅޭގޮތުން ދެ ބޭފުޅުން ވަނީ މަޝްވަރާ ކުރައްވާފައެވެ.

މި ބައްދަލުވުމުގައި އުއްތަމަ ފަނޑިޔާރާއެކު އޮނަރަބަލް ޑރ. އާދިލް އުމަރު ޝަރީފް އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް ޢަބްދުލްގަނީ މުޙައްމަދު ބައިވެރިވެ ވަޑައިގެންނެވިއެވެ.

އެމަނިކުފާނު މިސްރަށް ވަޑައިގަތީ ޖުޑީޝަލް ސާވިސް ކޮމިޝަނުން އެމަނިކުފާނުގެ ސުލޫކީ މައްސަލައެއް ބަލަމުންދާ ދަނޑިވަޅެއްގައެވެ. އެހެން ނަމަވެސް އެ މައްސަލަ ބަލެމުގެ އިހްތިޔާރު ޖޭއެސްސީ އަށް ލިބިގެންނުވާ ކަމަށް ބުނެ ޑރ. ދީދީ ވަނީ ބަޔާނެއް ނެރެ އެ ކޮމިޝަނަށް ހާޒިރުވާން އުޒުރުވެރިވެ ވަޑައިގެންފައެވެ. ނަސޭހަތް ދިނުމުން ނަސޭހަތުގެ ލިޔުމާއި ހަވާލުނުވުމުން އުއްތަމަ ފަނޑިޔާރުގެ އިތުރު މައްސަލައެއް ބެލުމަށް ޖޭއެސްސީން ވަނީ ނިންމައިފިއެވެ.