ފީފާ ވޯލްޑް ކަޕްގެ މި ސަރަހައްދުގެ އޮފިޝަލް ބްރޯޑްކާސްޓަރ ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގެ ހުއްދަ ނެތި، "2018 ފީފާ ވޯލްޑް ކަޕް ރަޝިއާ" ގެ ނަމުގައި މީޑިއާތަކާއިި ވިޔަފާރި ކުންފުނިތަކުން ޕްރޮމޯޝަނަލް ހަރަކާތްތައް ކުރިއަށް ނުގެންދިއުމަށް އެކުންފުނިން އެދެފިއެވެ.

މި ސަރަހައްދުގައި ވޯލްޑްކަޕް ފުޓުބޯޅަ މުބާރާތް ބްރޯޑްކާސްޓް ކުރުމާއި މުއާމަލާތްތަކާއި މާކެޓް ކުރުމާއި ޑިޖިޓަލް ޕްލެޓްފޯމްތައް ބޭނުންކޮށްގެން ޕްރޮމޯޓްކުރުމާއި އެނޫންވެސް މުއާމަލާތް ކުރުމުގެ ހައްގު ލިބިފައިވަނީ ހަމައެކަނި ޕީއެސްއެމްއަށެވެ.

އެ ކުންފުނިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ވޯލްޑް ކަޕްގެ ނަމުގައި ޕްރޮމޯޝަނެއް ނުވަތަ އެ ނަމުގައި އެހެން ވެސް ހަރަކާތެއް ހިންގާ ނަމަ އެ ފަރާތްތަކުން އެ ކުރަނީ ޕީއެސްއެމްގެ ހައްގުތަކަށް އުނިކަން ލިބޭ ފަދަ ކަމެއް ކަމަށާއި އެފަދަ އަމަލުތައް ހިންގަމުންދާތީ ގާނޫނީ ގޮތުން ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ޕީއެސްއެމުން ދީފައި ވެއެވެ.

އަދި މިފަދަ ކަންކަމުގައި އަމަލު ކުރާ ބައިނަލްއަގްވާމީ ހަމަތަކާއި އުސޫލުތަކާއި ރާއްޖޭގެ ގާނޫނީ އޮނިގަނޑުގެ ތެރެއިން ފިޔަވަޅު އަޅަމުން ދާނެ ކަމަށް ޕީއެސްއެމް ވަނީ ބުނެފައެވެ.

މިފަހަރުގެ މުބާރާތުގެ މެސްކޮޓް، ލޯގޯ އަދި ރަސްމީ ބޯޅަ ފަދަ ތަކެތި ބޭނުން ކުރުމުގައިވެސް ޕީއެސްއެމްގެ ހުއްދަ ނަގަން ޖެހޭނެ ކަމަށް ޕީއެސްއެމްއިން ވަނީ ބުނެފައެވެ. އަދި އެތަކެތި ހިމެނެނީ މިހާރު ޕީއެސްއެމްއަށް ލިބިފައިވާ ހައްގުގެ ދަށުން ފިކުރީ މުދަލުގެ ތެރޭގައި ކަމަށް ވަނީ ބުނެފައެވެ.

ނަމަވެސް އެ ކުންފުނިން ބުނީ "2018 ފީފާ ވޯލްޑް ކަޕް ރަޝިއާ" އާ ގުޅިގެން ރާއްޖޭގެ އެއްވެސް ޖަމިއްޔާއެއް، ޖަމާއަތެއް، ވިޔަފާރި ކުންފުންޏެއް އަދި މީޑިއާއަކުން އެއްވެސް ހަރަކާތެއް ހިންގަން ޝައުގުވެރިވާ ނަމަ ޕީއެސްއެމާ ގުޅިގެން އެ ހަރަކާތެއް ހިންގުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

ކުރިން ވޯލްޑް ކަޕް މުބާރާތުގެ މެޗުތައް އެކި ސަރަހައްދުތަކުގައި ޕްރޮޖެކްޓަރުތައް ބަހައްޓައިގެން އާންމުން އެއްވެ އުޅޭ ސަރަހައްދުތަކުގައި ދައްކައެވެ.