އަންނަ އަހަރުގެ ބަޖެޓުގައި އެންމެ ބޮޑު އާމްދަނީއެއް ލިބޭނީ ޓެކުހުން ކަމަށް ލަފާކޮށްފިއެވެ.

2020 ވަނަ އަހަރުގެ ބަަޖެޓުގެ ޓެކުހުން ދައުލަތުގެ ޖުމްލަ އާމްދަނީގެ 48 އިންސައްތަ ލިބޭނެ ކަމަށް ލަފާކުރާ ކަމަށް ބަޖެޓުގައި ވަނީ ބުނެފައެވެެ. ޓެކުހުން ލިބޭނެ ކަމަށް ބަޔާންކޮށްފައި ވަނީ 178 ބިލިއަން ރުފިޔާ އެވެ. އަންނަ އަހަރަށް ދައުލަތުން ކަނޑައަޅާފައި ވަނީ 39.5 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެބަޖެޓުގެ 6.8 ބިލިއަން ރުފިޔާ އަކީ އެހެނިހެން ގޮތްގޮތުން ލިބޭނެ އާމްދަނީ ކަމުގައި ކަނޑައަޅާފައި ވާއިރު ބޭރުގެ ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް 5.2 ބިލިއަން ރުފިޔާ ވަނީ ބަޖެޓުގައި ހިމަނާފައެވެ.

އޭގެ ތެރެއިން އެންމެ ބޮޑު އާމްދަނީއެއް ދައުލަތަށް ލިބޭނީ ޓޫރިޒަމް ގުޑްސް އެންޑް ސާވިސަސް އިން ކަމަށާއި އެއީ 5 ބިލިއަން ރުފިޔާ ކަމަށް ބަޖެޓުގައި ވަނީ ބުނެފައެވެ. ދެވަނަ އަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭނެ ކަމަށް ލަފާކޮށްފައި ވަނީ ބިޒްނަސް ޕްރޮޕަޓީ ޓެކުހުންނެވެ. އެއީ 4 ބިލިއަން ރުފިޔާއެވެ. މީގެ އިތުރުން އިމްޕޯޓް ޑިއުޓީގެ ގޮތުގައި 3.5 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ބަޖެޓުގައި ވަނީ ލަފާކޮށްފައެެވެ.

ޖީއެސްޓީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކޮށްފައި ވަނީ 2.9 ބިލިއަން ރުފިޔާއެވެ. އަދި ގްރީން ޓެކުހުގެ ގޮތުގައި 970 މިލިއަން ރުފިޔާ، އެއާޕޯޓް ސާވިސް ޗާޖުގެ ގޮތުގައި 877 މިލިއަން ރުފިޔާ އަދި އެހެނިހެން ޓެކުހުގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކޮށްފައި ވަނީ 442 މިލިއަން ރުފިޔާއެވެ.

މިއަހަރުގެ ބަޖެޓު ހުށަހަޅާފައި ވަނީ މިދިޔަ ސަރުކާރުންނެވެ. މިއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ދައުރުގެ ފުތަތަމަ ބަޖެޓެވެ.

މިދިޔަ އަހަރު ފާސްކޮށްފައިވާ މިއަހަރުގެ ބަޖެޓުގައި ހިމެނެނީ 30 ބިލިއަން ރުފިޔާއެވެ. ރައީސް ސޯލިހް ވެރިކަމަށް ވަޑައިގެން ވަނީ 1.7 ބިލިއަން ރުފިޔާގެ ސަޕްލެމެންޓްރީ ބަޖެޓެއް ހިމަނާފައެވެ.