ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީއަތް ކުރިއަށް ގެންދިއުމަށް ބެންޗެއް ކަނޑައަޅައިދޭން ސުޕްރީމް ކޯޓުގައި އެމަނިކުފާނު އެދިވަޑައިގެންފިއެވެ.

ކުރީގެ ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ މަނީ ލޯންޑަރިންގެ މައްސަލައެވެ. މި މައްސަލާގައި ޝަރީއަށް ކުރިއަށް ގޮސް ހުކުމް އިއްވަން ހަމަޖެހިފައި އޮތް ދުވަހު ޖުޑިޝިއަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ވަނީ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމްގެ ސުލޫކީ މައްސަލައެއް ބަލައި އޭނާ ސަސްޕެންޑް ކޮށްފައެވެ. އޭގެ ފަހުން އެދުވަހު ބާއްވަން ހަމަޖެހިފައިވާ ޝަރީއަތްވެސް ވަނީ ކެންސަލް ވެފައެވެ.

ޔާމީންގެ ޝަރީއަތުގެ އަޑުއެހުން މިހާރު ތާވަލް ކޮށްފައިވަނީ މިމަހުގެ 17 ވަނަ ދުވަހުގައެވެ. ސަރުކާރުގެ އިދިކޮޅު ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަގައި ޔާމީންގެ ޝަރީއާތް މިމަހުގެ 17 ވަނަ ދުވަހަށް ތާވަލް ކޮށްފައިވަނީ ރާވާއިގެން ކަމަށެވެ.

މިއަދު ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްސަލަ ބަލަން ބެންޗެއް ކަނޑައަޅައިދޭން، އެމަނިކުފާނު ކްރިމިނަލް ކޯޓުގެ އިތުރުން ސުޕްރީމް ކޯޓުގައިވެސް އެދިފައިވާ ކަމަށެވެ. އަދި އެފަރާތްތަކުންވެސް އަންނަނީ ޔާމީންގެ މައްސަލަ ބެލުމަށް ބެންޗެއް ކަނޑައަޅައިދެއްވުމަށް ތަކުރާރު ކޮށް ގޮވާލަމުން ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ، މިކަމާއި ގުޅިގެން އެއްވެސް ފަރާތަކަށް ޖަވާބެއް ލިބިފައި ނުވާ ކަމަށެވެ.

"އެއަކަށް މިހާތަނަށް އެއްވެސް ޖަވާބެއް ލިބުނު ކަމެއް އެނގިފައެއް ނެތް" އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ، މި މަހުގެ 17 ވަނަ ދުވަހަކީ މި ސަރުކާރަށް އަހަރެއް ވާ ދުވަސް ކަމުން ސަރުކާރުގެ އިސްފަރާތްތަކުން ބޭނުން ވަނީ ޔާމީން ޖަލަށް ލުމަށް ކަމަށެވެ. އަދި މިކަމަކީ އިއްތިފާގުން ދިމާވި ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން އަދުރޭ ވިދާޅުވީ، ކުރީގެ ރައީސް ޔާމީންގެ މައްޗަށް ޙުކުމް އިއްވުމަކީ މި ސަރުކާރުގެ ވަޢުދެއް ކަމަށާއި، ކޮންމެ ގޮތެއް ހަދައިގެން ވިޔަސް އެ ވަޢުދު އެފަރާތުން ފުއްދާނެ ކަމަށެވެ.