މާލޭގެ ހެންވޭރުގައި ހުރި ގެއެއްގެ ހަތަރު ވަން ފަންގިފިލާއިން ވެއްޓުނު ކުއްޖަކަށް އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ދޭން ފަށައިފިއެވެ.

ފުލުހުން ވަނީ މިފަދަ ހާދިސާއެއް ހިނގައިގެން އުޅޭކަން "ވަގުތު"އަށް ކަށަވަރުކޮށްދެއްވާފައެވެ.

ފުލުހުން މީޑިއާ އޮފިޝަލް "ވަގުތު"އަށް ވިދާޅުވީ، ހެންވޭރު ވައިޖެހޭ މަގުގައި ހުރި ގެއެއްގެ ހަތަރުވަނަ ފަންގިފިލާއިން ކުއްޖަކު ވެއްޓިގެން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ މިއަދު 14:18 ހާއިރު ކަމަށެވެ.

"އެ ކުއްޖާ ވަނީ އޭޑީކޭއަށް ގެންގޮސްފައި، އެ ކުއްޖާގެ ހާލު ސާފެއް ނުވޭ". ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

"ވަގުތު"އަށް މައުލޫމާތުދެމުން އޭޑީކޭގެ މެނޭޖިންގ ޑިރެކްޓަރ އައްފާލް ވިދާޅުވީ، އިމާރާތަކުން ވެއްޓިގެން އެ ހޮސްޕިޓަލްގައި ފަރުވާދެމުން ދަނީ ފަސް އަހަރުގެ ފިރިހެން ކުއްޖަކަށް ކަމަށެވެ.

އެ ކުއްޖާ ވެއްޓެން މެދުވެރިވި ސަބަބު އަދި ނޭގެއެވެ. ފުލުހުން ދަނީ އެކަމުގައި ބަލަން ޖެހޭ ކަންތައްތައް ބަލަމުންނެވެ.

ވެއްޓިފައި ވަނީ ހާއްސަ އެހީއަށް ބޭނުންވާ ކުއްޖެއް ކަމަށް މައުލޫމާތު ލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު