ޑައިމަންޑް ބެކް ސްކުއިޑް (ތުތި ބޯވަދިލަމަސް)ގެ މަސްވެރިކަން ކުރުމަށް ބޭނުންކުރާ އާލާތް ދިގުމުއްދަތުގައި އަގު އަދާކުރާގޮތަށް ދޫކުރަން ފިޝަރީޒް މިނިސްޓްރީން އަނެއްކާވެސް ނިންމައިފިއެވެ.

އެ މިނިސްޓްރީން ވިދާޅުވީ، ދިވެހިރާއްޖޭގެ ކަނޑުގެ މުއްސަނދިކަން އެންމެ ފުރިހަމަގޮތުގަ ބޭނުންކުރުމުގެގޮތުން، ރާއްޖޭގެ މާކަނޑުގެ ފުން ސަރަހައްދުގައި ދިރިއުޅޭ ތުތި ބޯވަދިލަމަހުގެ މަސްވެރިކަން އާލާ ކުރުމުގެ ގޮތުން ދިގުމުއްދަތުގައި އަގު އަދާކުރާގޮތަށް އެމަސްވެރިކަން ކުރުމަށް ބޭނުންވާ އާލާތް ފޯރުކޮށްދިނުމުގެ ގޮތުން ހިންގާ ޕްރޮގްރާމްގައި ބައިވެރިވުމަށް އާއްމުކޮށް ހުޅުވާލާފައިވާކަމަށެވެ.

މިއީ މި ޕްރޮގްރާމަށް އާއްމުކޮށް ހުޅުވާލާ 6 ވަނަ ފަހަރެވެ. އަދި މިފިޔަވަހީގައި ދޫކުރުމަށް ހަމަޖެހިފައިވަނީ 2 ސެޓުކަމަށްވެސް ފިޝަރީޒް މިނިސްޓްރީން ވިދާޅުވިއެވެ.

މިނިސްޓްރީން ވިދާޅުވީ، މިތަކެތި ބަލަން ބޭނުންވާ ފަރާތްތަކަށް ހުޅުމާލޭ އިންޑަސްޓްރިއަލް އޭރިޔާގައި ހުންނަ މިމިނިސްޓްރީގެ ފެޑް ސެންޓަރއިން ސަރުކާރު ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 9:00 އިން 12:00 އަށް ފެންނަން ހުންނާނެ ކަމަށެވެ.

އަދި އެ ފުރުސަތު ޑިސެމްބަރ މަހުގެ 5 ވާ ބުރާސްފަތި ދުވަހުގެ އޮފީސް ބަންދުވުމާއި ހަމަޔަށް ހުޅުވިފައި ހުންނާނެ ކަމަށްވެސް މިނިސްޓްރީން ވިދާޅުވިއެވެ.

ތުތިބޯވަދިލަމަހުގެ މަސްވެރިކަން ކުރުމަށް ބޭނުންކުރާ އާލާތް ދިގުމުއްދަތުގައި އަގުއަދާކުރާގޮތަށް އެދި ހުށަހަޅާ ފޯމާއި، ތުތި ބޯވަދިލަމަހުގެ މަސްވެރިކަންކުރުމަށް ބޭނުންވާ އާލާތް ދިގުމުއްދަތުގައި އަގުއަދާކުރާގޮތަށް ދޫކުރުމުގެ އުޞޫލު، މިމިނިސްޓްރީގެ ރިސެޕްޝަނުންނާއި މިމިނިސްޓްރީގެ ވެބްސައިޓުން ލިބޭނެއެވެ.