ސަރުކާރުން މީގެ ކުރިން ދައުލަތާއި ބައެއް ކުންފުނިތަކާއި މެދު ޖެހިފައިވާ މައްސަލަތަކަށް ބަދަލުދޭން ނިންމާ ނިންމުންތައް ގިނަވަމުން ދިއުމުގެ ސަބަބުން މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް (މަވޯޓާ ޝަރީފް) ސަރުކާރަށް ހޫނު ރައްދުތަކެއް ދެއްވައިފިއެވެ.

ޝަރީފް ސަރުކާރަށް ފާޑު ވިދާޅުވެ ވާހަކަފުޅު ދައްކަވައިފައި ވަނީ މިއަދު މަޖިލީހުގައި ކުރިއަށް ދިޔަ ދީބާޖާ އަށް ބަދަލުދޭން ކޯޓުން ނިންމި ނިންމުމަށް ބަހުސްކުރައްވަމުންނެވެ.

އޭނާ ވިދާޅުވީ ވަކި ކުންފުނިތަކަކަށް ސަރުކާރުން ބަދަލުދޭން ނިންމަނީ އެކަމުގެ އަޑީގައި އެމްޑީޕީއިންނާއި ރައްޔިތުންގެ މަޖިލީހުގެ އަދި، ދައުލަތުގެ އިސް ފަރާތްތަކެއް ޝާމިލުވެގެން އެކަންކަމަށް ނުފޫޒު ފޯރުވައިގެން ކަމަށެވެ.

މަޖިލީހުގައި ބަހުސް ކުރައްވަމުން ޝަރީފް ވިދާޅުވީ ދީބާޖާ މައްސަލަ ރިވިއު ކުރުމަށް ނުކެރިގެން އުޅުމުން ސުވާލު އުފެދޭ ކަމަށާއި، އެހެން ނަމަވެސް މީގެ ކުރިން ބައެއް ސިޔާސީ ލީޑަރުންގެ މައްސަލަ ވަނީ ރިވިއު ކޮށްފައި ކަމަށެެވެ.

"އިހައް ދުވަހު ނޫންތޯ ޕީޖީ އިން ސުޕްރީމް ކޯޓުން ކޮށްފައި ހުރި ހުރިހާ ނިހާއީ ހުކުމެއް ރިވިއު ކުރީ ސިޔާސީ ލީޑަރުންނާ ޖެހިފައި. ރައްޔިތުން ކުރާ ސުވާލަކީ ސިޔާސީ ލީޑަރުންނާއި ޖެހުމުން ރިވިއު ކުރެޔޭ. ދަުލަތުގެ މުޅި މާލިއްޔަތު ރައްޔިތުންގެ ފައިސާގެ މައްސަލަ ރިވިއުކުރާކަށް ނުޖެހެޔޭ. މިޒާތުގެ ވާހަކައަކީ ބަލައިގަނެވޭނެ ކަންކަމެއް ނޫން" ޝަރީފް ވިދާޅުވިއެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ މިމައްސަލަ ރިވިއު ކުރެވެން އެބަ އޮތް ކަމަށް ސަރުކާރުން ބުނެފައިވާ ކަމަށާއި، އެހެން ނަމަވެސް ދީބާޖާގެ މައްސަލަ ގޮސްފައި ވަނީ މުޅިން ނުފޫޒުގެ ތެރެއިން ކަމަށެވެ.

އެގޮތުން އޭރުގެ އެޓާނީ ޖެނެރަލްގެ މަގާމުގައި އިންނެވި ފަރާތުން އެމައްސަަލަ ރިވިއު ކުރުމަށް ދޫނުކޮށް "އޮފީހުގެ ވަތްގަނޑަކަށް" މައްސަލަ އިންނެވީ މައްސަލައިގެ މުއްދަތު ހަމަވަންދެއ ކަމަށާއި، އެއީ ރާވައިގެން ގަސްތުގައި ކޮށްފައިވާ ކަމެއް ކަމަށް އޭނާ ވަނީ ތުހުމަތު ކުރައްވާފައެވެ.

"މިއަދު އޅުގަނޑުމެންނަށް މިފެންނަނީ ދައުލަތުގެ ފައިސާއިން 300 މިލިއަނުން 3000 މިލިއަނުން މީކީ އެއްވެސް މައްސަލައެއް ނޫން ކަމަށް. ނޫން އިނގޭތޯ. ހަމަ ސަރުކާރަށް ލިބިފައި ހުރި ސައްހަ ލާރި މިދަނީ، މިއަހަރުވެސް 4000 މިލިއަން ރުފިޔާ މިދަނީ ތި ޑެފިސިޓްތަކެއްގެ ސަބަބުން" ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ދައުލަތުން އެވަރަށް ތަންތަނަށް ބަދަލު ދޭން ޖެހިއްޖެ ނަމަ އަންނަ އަހަރު ސަރުކާރުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މަޝްރޫތައް ހުއްޓޭނެ ކަމަށެވެ. އަދި އޭރުން އަންނަ އަހަރު، ބަދަލުދިނުން ނޫން އެއްވެސް ކަމެއް ކުރެވިފައި ނޯންނާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އަދި ރައްޔިތުންގެ ފައިސާ އަށް މިހާރަށްވުރެ ބޮޑަށް ސަރުކާރުން ވިސްނަން ޖެހޭ ކަމަށާއި، އެކަމަށް ހާއްސަކޮށް ގާނޫނެއް އެކުލަވާލުމަކީ މުހިންމު ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.