ކައުންސިލްތަކުގެ އުމުރު ތިން އަހަރުން ފަސް އަހަރަށް ބަދަލު ކުރުމަށް ގާނޫނު އަސާސީއަށް އިސްލާހު ގެންނަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށައެޅުއްވި އިސްލާހް ފާސްކޮށްފިއެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން އިންތިހާބު ކުރެވޭ ކައުންސިލްތަކުގެ މިހާރުގެ ދައުރަކީ ތިން އަހަރު ދުވަހެވެ.

ސަރުކާރުގެ ފަރާތުން ގާނޫނުއަސާސީއަށް މި އިސްލާހު ހުށަހެޅުއްވީ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމެވެ. މި އިސްލާހު ފާސްވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ 66 މެމްބަރުންގެ ވޯޓުންނެވެ.

ކައުންސިލް ދައުރު ފަސް އަހަރަށް ބަދަލުކުރުމުގެ އިތުރުން، ސިޓީ ކައުންސިލުތަކުގެ މޭޔަރުންނާއި ޑެޕިއުޓީ މޭޔަރުން، އަދި އަތޮޅު ކައުންސިލުތަކާއި ރަށު ކައުންސިލުތަކުގެ ރައީސުންނާއި އެމީހުންގެ ނައިބުން ސީދާ ރައްޔިތުންގެ ސިއްރު ވޯޓަކުން އިންތިހާބުކުރުމަށް ހުށަހެޅި އިސްލާހާއި، އަތޮޅު ކައުންސިލުތަކުގެ މެމްބަރުން ކަމުގައިވާނީ ކޮންމެ ރަށެއްގެ ރަށު ކައުންސިލުގެ ރައީސުން ކަމުގައި ކަނޑައަޅަންވެސް މިއަދު މަޖިލީހުން ވަނީ ފާސްކޮޮށްފައެވެ.

ޤާނޫނު އަސާސީގެ އަށްވަނަ ބާބަށް ހުށަހެޅި މި އިސްލާހުތަކަކީ ލާމަރުކަޒީ އުސޫލުން ރާއްޖޭގެ އިދާރީ ދާއިރާތައް ހިންގުމުގެ ނިޒާމު ހަރުދަނާކޮށް، ލޯކަލް ކައުންސިލުތައް ބާރުވެރިކުރުވުމަށްޓަކައި ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އިސްލާހުތަކެކެވެ.

މަޖިލީހުގެ ކޮމިޓީން ދިރާސާކޮށް، މަޖިލީހުގެ ތަޅުމަށް ފޮނުވި ރިޕޯޓުގައި ބުނެފައި ވަނީ ޤާނޫނަށް ގެނައި މި އިސްލާހުތަކަށް އަމަލުކުރަން ފަށާނީ އިސްލާހު ތަސްދީގުކޮށް، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރުމަށްފަހު، އެންމެ ފުރަތަމަ ބާއްވާ ލޯކަލް ކައުންސިލް އިންތިހާބެއްގައި ކަމަށެވެ.

ލާމަރުކަޒީ ގާނޫނަށް ހުށަހެޅި އިސްލާހުތަކުގެ ތެރޭގައި ކައުންސިލްތަކުން ވަކިކުރި ބާރުތައް އަލުން އިޔާދަކޮށްދީ، ރައްޔިތުންގެ މަންދޫބުންގެ ބައިވެރިވުމާ އެކު ކައުންސިލްތައް ހިންގޭނެ މަގުފަހިކޮށްދޭނެ ކަންކަން ހިމެނެ އެވެ. އޭގެ ތެރޭގައި ކައުންސިލްތައް މާލީ ބާރުވެރިކުރުވުމުގެ ގޮތުން ދައުލަތުގެ އާމްދަނީގެ ފަސް ޕަސެންޓަށް ވާ ފައިސާ ދިނުން ހިމެނެއެވެ.

މި އިސްލާހް މަޖިލީހުގެ ތަޅުމުން ފާސްކޮޮށްފައިވާއިރު، އެ އިސްލާހް ރައީސުލްޖުމްހޫރިއްޔާ ތަސްދީގްކުރެއްވުމުން، އަންނަ އަހަރުގެ އޭޕްރީމް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި ކޮންމެ ކައުންސިލެއްވެސް އިންތިހާބުކުރާނީ ފަސްއަހަރު ދުވަހުގެ މުއްދަތަކަށެވެ.

ކުރިޔަށް އޮތް 2020 ވަނަ އަހަރުގައި ކައުންސިލްތަކުގެ ބަޖެޓުގެ ގޮތުގައި ކަނޑައާޅާފައި ވަނީ 1.6 ބިލިއަން ދިވެހި ރުފިޔާއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ގައުމީލޭ

    މިހާރު ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލުގަ އެއޮތޯ ސޫދާ ރައްޔިތުންލާ ވޯޓްގެ ބާރުކަނޑުވާލައިފަ. އެމްޑީޕީ ބޭނުން ނުވާ ކައުންސިލަރުން ހޮވެއްޖާ ވަކިކޮށް އެއްލާލެވޭ ގޮތަށް.