ނޭޕާލުގައި މިހާރު ކުރިޔަށްދާ 13 ވަނަ ސައުތް އޭޝަން ގޭމްސްގެ ޓޭބަލް ޓެނިސް އަންހެން ޑަބަލްސް އިވެންޓުގައި އިންޑިއާގެ ޕެއާ އަތުން ރާއްޖޭގެ ފާތިމަތު ދީމާ އަލީ އަދި އައިޝަތު ރަފާ ނާޒިމްގެ ޕެއާ ބަލިވެއްޖެ އެވެ.

ޓީޓީގެ ޑަބަލްސް ކުއާޓާ ފައިނަލުގައި ދީމާ އަދި ރަފާ ޕެއާގެ މައްޗަށް އިންޑިއާގެ ސްރީޖާ އަދި މަދުރިކާގެ ޕެއާ ކުރި ހޯދީ 4 ސެޓު 2 ސެޓުންނެވެ. ޑަބަލްސް މެޗުތައް ކުޅެނީ މުޅިއެކު ހަތް ގޭމަށެވެ. އޭގެ ތެރެއިން ހަތަރު ގޭމް ކާމިޔާބުކުރާ ޕެއާ މެޗުން މޮޅުވީ އެވެ.

މިއަދުގެ މެޗުން ބަލިވި ނަމަވެސް މެޗުގެ ފުރަތަމަ ސެޓު ކާމިޔާބުކޮށް ފުރަތަމަ ލީޑު ނެގީ ރާއްޖެ އިންނެވެ. 12-10 އިން ރާއްޖެ ފުރަތަމަ ސެޓު ގެންދިޔަ ނަމަވެސް ޖެހިގެން އައި ދެ ސެޓު އިންޑިއާގެ ޕެއާ އިން ވަނީ ކާމިޔާބުކޮށްފައެވެ. ސްރީޖާ އަދި މަދުރިކާގެ ޕެއާ އިން މި ދެ ސެޓު ކާމިޔާބުކުރީ 4-11 އަދި 7-11 އިންނެވެ.

މެޗުގެ ހަތަރުވަނަ ސެޓުގައި ދެޓީމުގެ ފަރާތުން ވެސް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އިރު މި ސެޓު ދީމާ އަދި ރަފާގެ ޕެއާ ކާމިޔާބުކުރީ 11-9 އިންނެވެ. ހަތަރުވަނަ ސެޓުގައި މޮޅަށް ކުޅުނު ނަމަވެސް މެޗުގެ ފަހު ދެ ސެޓުގައި ދީމާ އަދި ރަފާ އަށް އެ ކުޅުން ތަކުރާރު ނުކުރެވުމުގެ ސަބަބުން އިންޑިއާގެ ސްރީޖާ އަދި މަދުރިކާގެ ޕެއާ އިން ވަނީ މި ދެ ސެޓު 11-6 އަދި 6-11 އިން ގެންގޮސް މެޗު ކާމިޔާބުކޮށްފަ އެވެ.

ދީމާ އާއި ރަފާގެ ޕެއާ ކުއާޓާ ފައިނަލުން ފުރުސަތު ހޯދީ އިއްޔެ ކުޅުނު މެޗުން ލަންކާގެ ޕެއާއެއް ކަމަށްވާ އައިލާ ޗިޓީ އާއި އިރާންޑީގެ ޕެއާ އަތުން މޮޅުވެގެންނެވެ. ހަތް ސެޓަށް ކުޅުނު މި މެޗުން ދީމާ އާއި ރަފާގެ ޕެއާ މޮޅުވީ 7-4 އިންނެވެ. ލަންކާގެ އައިލާ ޗިޓީ އާއި އިރާންޑީގެ ޕެއާ އަކީ ޓީޓީގެ އަންހެން ޓީމު އިވެންޓްގެ ސެމީ ފައިނަލުގައި ރާއްޖޭގެ މައްޗަށް ކުރިހޯދި ލަންކާ ޓީމުގެ މުހިންމު ދެކުޅުންތެރިންނެވެ.

ރާއްޖޭގެ އަންހެން ޓީޓީ ކުޅުންތެރިން ފަހަކަށް އައިސް ބައިނަލްއަގުވާމީ މުބާރާތްތަކުގައި ރަނގަޅު ނަތީޖާތަކެއް ނެރެމުން އަންނަ އިރު ޓީޓީ އަކީ މިއަހަރު އޮތް އިންޑިއަން އައިލެންޑް އޯޝެން ގޭމްސް (އައިއޯއައިޖީ) ގައި ރާއްޖެ އިން އެއް ކުޅިވަރަކުން އެންމެ ގިނަ މެޑަލް ހޯދި ކުޅިވަރެވެ. އައިއޯއައިޖީގައި މި ފަހަރު ރާއްޖޭން އަންހެން ސިންގަލްސް އާއި އަންހެން ޑަބަލްސް ބައިން ރަން މެޑަލާއި ރިހި މެޑަލް ހޯދިއިރު ރަފާ އާއި ދީމާގެ ޕެއާ އަކީ މިވަގުތު ރާއްޖޭގެ ޓީޓީގެ އެންމެ ވަރުގަދަ އަދި އެންމެ ކާމިޔާބު ދެ ކުޅުންތެރިންނެވެ.

ސާފް ގޭމްސްގެ ޑަބަލްސް އިވެންޓުން ރާއްޖޭގެ ހުރިހާ ޕެއާ އެއް ބަލިވި ނަމަވެސް އަންހެން ޓީމް އިވެންޓުން ރާއްޖޭގެ ޓީމުން ވަނީ ލޯ މެޑަލް ހޯދައިފަ އެވެ. އަންހެން ޓީޓީ ޓީމަށް ލޯ މެޑަލް ލިބެނީ މުބާރާތުގެ ގަވާއިދުގައިވާ ގޮތުގެ މަތިން ތިންވަނަ ހޮވާ މެޗު ކުޅެން ނުޖެހުމުން ސެމީގައި ބަލިވާ ޓީމަށް އޮޓަމެޓިކުން މެޑަލް ދޭން ނިންމާފައި އޮތުމުންނެވެ.

ޓީޓީގައި ރާއްޖެ އަށް ދެން ކުރިއަށް އޮތީ ސިންގަލްސް އިވެންޓް ތަކެވެ.