ލޯކަލް ކައުންސިލްތަކަށް އިންތިޚާބުވާ މެމްބަރުންވެސް މަޤާމުން ވަކިކުރުމުގެ ބާރު ރައްޔިތުންގެ މަޖިލީހަށް ނުދޭން ނިންމައި، ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު މަޖިލީހުން ފާސްކޮށްފިއެވެ.

ލާމަރުކަޒީ ޤާނޫނަށް އެ އިސްލާހު ހުށަހަޅުއްވާފައިވަނީ ސަރުކާރުގެ ފަރާތުން ހުޅުމާލޭ ދާއިރާގެ މެމްބަރު އަލީ ނިޔާޒެވެ. އެ އިސްލާހުގައި ވަނީ ކައުންސިލަރަކު ނުވަތަ ކައުންސިލްގެ ރައީސަކު، ނުވަތަ ސިޓީ އެއްގެ މޭޔަރަކަށް ވިއަސް، އެ ބޭފުޅަކު ވަކި ކުރުމުގެ އިޙްތިޔާރު މަޖިލީހަށް ލިބޭ ގޮތަށެވެ. ނަމަވެސް، އެބޭފުޅުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅޭނީ އެލްޖީއޭގެ ބޯޑު މެމްބަރުންގެ ތެރެއިން ތިންބައިކުޅަ ދެބައި ވޯޓު ލިބިގެން ކަމަށް އިސްލާހުގައި ވަނީ ބުނެފަ އެވެ.

އެ އިސްލާހާއި ގުޅިގެން އެތައް ބައެއްގެ ފާޑުކިޔުންތައް އަމާޒުވިއެވެ.

މިއަދުގެ ޖަލްސާގައި އެ ގާނޫނަށް ގެންނަން ހުށަހެޅި އިސްލާހު ބަދަލުކުރަން ތިނަދޫ ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަބްދުﷲ ސަނީފު ހުށަހެޅިއެވެ.

އޭނާ ހުށަހެޅި އެ އިސްލާހުގައި ވަނީ މޭޔަރުންނާއި ކައުންސިލްގެ ރައީސުންނާއި މެމްބަރުން ވަކިކުރުުގެ ބާރު އެއްވެސް ބަޔަކަށް ދިނުން ނިމުމަކަށް ގެނެސް، އޭގެ ބަދަލުގައި އޮތީ ކައުންސިލަރެއްގެ މައްސަލަ ބެލުމަށްފަހު ތިން މަސްދުވަހަށް ސަސްޕެންޑު ކުރުމުގެ ބާރު އެލްޖީއޭ އަށް ދޭ ގޮތަށެވެ.

ސަނީފް ހުށަހެޅި އެ އިސްލާހު ފާސްވެފައި ވަނީ 75 މެމްބަރުންގެ ވޯޓާއެކުގައެވެ.

މީގެ އިތުރުން، ލާމަރުކަޒީ ގާނޫނަށް ގެނައި އެ އިސްލާހާއެކު އަދިވެސް އެހެން އިސްލާހުތަކާއެކު ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު މަޖިލީހުން ފާސްކުރީ 76 މެމްބަރުންގެ ވޯޓާއެކުއެވެ.