ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) ގެ ނައިބު ރައީސްގެ މަޤާމަށް، ރައްޔިތުންގެ މަޖިލީހުގެ މާފަންނު ދެކުނު ދާއިރާގެ ކުރީގެ މެމްބަރު، އަބްދުﷲ ރިފާއު (ބޮޗޭ) އައްޔަނުކޮށްފިއެވެ.

ބޮޗޭ ޑީއާރުޕީގެ ނައިބު ލީޑަރު ކަމަށް އައްޔަނު ކޮށްފައި ވަނީ މިއަދު ބޭއްވި އެ ޕާޓީގެ ކައުންސިލް ބައްދަލުވުމުގައެވެ. މި މަޤާމަށް ބޮޗޭ މިއަދު އައްޔަނުކުރި އިރު، މީގެ ކުރިން އޭނާ ހުންނެވީ ޑީއާރުޕީގެ ރަޖިސްޓްރާގެ މަޤާމުގައެވެ.

ބޮޗޭ ޑީއާރުޕީގެ ނައިބު ރައީސް ކަމަށް އައްޔަނުކުރުމުން ޕާޓީގެ ހުސްވެފައިވާ ރަޖިސްޓްރާގެ މަޤާމު މިއަދު އޮތް ކައުންސިލް ބައްދަލުވުމުގައި ވަނީ މުސްތަފާ އަބްދުﷲ ހަމަޖައްސާފައެވެ.

ކުރިން ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގައި ހުންނެވި ބޮޗޭ ޑީއާރުޕީއަށް ސޮއިކުރައްވާފައި ވަނީ، މިދިޔަ ޖުލައި މަހުގެ ތެރޭގައެވެ. އޭނާ އެ ޕާޓީއަށް ސޮއި ކުރުމުން، ޕާޓީގެ ރަޖިސްޓްރާގެ މަޤާމު ހަވާލުކޮށްފައި ވަނީވެސް ކައުންސިލް ބައްދަލުވުމަކުން ފާސްކޮށްގެންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ޑީއާރުޕީއާއި ހަވާލުވުމަށްފަހު އަންނަނީ އެ ޕާޓީ ކޮޅަށްޖަހައި ސިޔާސީ ގޮތުން ވާދަވެރި، ވަރުގަދަ ޕާޓީއަކަށް ހެދުމަށް ގިނަގުނަ މަސައްކަތެއް ކުރައްވަމުންނެވެ. ޖާބިރު މީގެ ކުރިން ވިދާޅުވީ، ޑީއާރުޕީ އަށް ބޮޑެތި ބަދަލުތަކެއް ކުރިއަށް އޮތްތާނގައި އަންނާނެ ކަމަށާއި މަޖިލީހުގައި ތިއްބަވާ ބައެއް މެމްބަރުންވެސް ޕާޓީއާއި ގުޅިވަޑައިގަންނަވާނެ ކަމަށެވެ.