ދިވެހިރާއްޖޭގެ އެންމެ މަތީ ކޯޓު، ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް އައްޔަން ކުރެވުމާއެކު، ހުސްނުއްސުއޫދު މީސްމީޑިއާ އިން ގެއްލިއްޖެއެވެ.

މީގެ ކުރިން ސުއޫދު ދިޔައީ އޭނާގެ އަމިއްލަފުޅު ޓްވިޓާ އެކައުންޓުން ޤާނޫނީ ރޮނގުންނާއި، ޝަރުޢީ ރޮނގުންވެސް އޭނާގެ ޙިޔާލުތައް ފާޅުކުރައްވަމުންނެވެ. އަދި މީސްމީހުން އޭނާ އަށް ކުރައްވާ ސުވާލުތަކަށް ޖަވާބު ދެއްވަމުން ގެންދެވި ކަން ފާހަގަކުރެވެއެވެ. އެތައް ހާސް ބަޔަކު ފޮލޯކުރަމުން ދިޔަ ސުއޫދުގެ ޓްވިޓާ އެކައުންޓް އޭނާ މިހާރު ވަނީ ޑީއެކްޓިވޭޓް ކޮށްލާފައެވެ.

ސުއޫދު އެންމެ ފަހުން ހުންނެވީ ރައީސުލްޖުމްހޫރިއްޔާ، އިބްރާހީމް މުހައްމަދު ޞާލިހު، ވެރިކަމުގެ ހުވާ ކުރެއްވުމާ އެކު، އުފެއްދެވި މަރާލާފައިވާ މީހުންނާއި، ގެއްލިފައިވާ މީހުންގެ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަނުގެ ރައީސް ކަމުގެ މަޤާމުގައެވެ. އެ މަޤާމުގައި ހުންނަވައިގެން ވެސް، ސުއޫދު ވަނީ އެ ކޮމިޝަނުން ބަލަމުންދާ މައްސަލަތަކާ މެދު އާއްމުން ކުރި ބައެއް ސުވާލުތަކާ ބެހޭގޮތުންވެސް މަޢުލޫމާތު ދެއްވާފައެވެ.

ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގައިވާ ގޮތުން އެއްވެސް ފަރާތަކަށް ޤާނޫނީ ލަފާ ދިނުން ފަދަ މަސައްކަތެއް ކުރުމަކީ ވެސް މަނާ ކަމެކެވެ. އަދި އެހެން މީހުންނާއި މުޢާމަލާތް ކުރާއިރު ވެސް ވަކި ފަރާތަކަށް ޚާއްސަ ވެގެން އުޅުއްވާ ކަން ދޭހަވެގެން ނުވާނެއެވެ.

ހަތް ފަނޑިޔާރުންގެ ބެންޗެއް އެކުލެވޭ ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް ހުސްނުއްސުއޫދު އައްޔަން ކުރެވުނީ މިދިޔަ ހަފްތާގެ ތެރޭގައެވެ. މި ސަރުކާރު އައި ފަހުން، ރައްޔިތުން މަޖިލިސް މެދުވެރިވެގެން، ވަނީ މީގެ ކުރިން ސުޕްރީމް ކޯޓުގައި ތިއްބެވި ފަސް ފަނޑިޔާރުންގެ ތެރެއިން 4 ފަނޑިޔާރުން އެމީހުންގެ މަޤާމްތަކުން ދުރުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ރައްޔިތުން

  ސޫދު އިންސާފުގެ މަގަށް ދިޔައީ

 2. އެހެންޏަ

  މީސްމީޑިއާ ކީއްކުރަން އޭނަ ދުނިޔޭން ގެއްލުނަސް އަހަރުންނަށް ކޮން ކަމެއް؟

 3. އަޙްމަދު

  ވަރަށް އުފާވެއްޖެ.

 4. ހަމަހަމަ

  ޥަގުތުން އެވީ ހުރިތާހުރި މިނިވަން މުއައްސަ ސާއަކަށް. ދެން މީން އިރަކު ހުދާ ކަޅު ނޫން ކުލައެއް ދުވަހަކު ލޮލަށް ނުފެންނަފަދަ މީހަކަށަ ތިވީ.