ނައިބު ރައީސް އަބްދުﷲ ޖިހާދު - ފޮޓޯ: ރައީސް އޮފީސް

ސިވިލް ސަރވިސްގެ ޚިދުމަތުގައި ތިބި މުވައްޒަފުންގެ މަސައްކަތުގެ އަގު ވަޒަންކުރުމަކީ، އެ މުވައްޒަފުންގެ މަސައްކަތަށް ލިބޭނެ އިތުރު ކުރިއެރުމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޢަބްދުﷲ ޖިހާދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، މިއަދު ހެނދުނު ދަރުބާރުގޭގައި ބޭއްވެވި "ސިވިލް ސަރވިސް ކޮންފަރެންސް 2018" ފެށްޓެވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި ރާއްޖެފަދަ ކުދިކުދި ޖަޒީރާތަކަކުން އުފެދިފައިވާ ޤައުމެއްގައި، ރައްޔިތުން ބޭނުންވާ މިންވަރަށް ޚިދުމަތް ދިނުމަކީ ބޮޑެތި ގޮންޖެހުންތަކެއް ހުރިކަމެއްކަމަށާއި، ބަވަނަވަމުން މިދާ ދުނިޔޭގައި، ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ރައްޔިތުންނަށް އެންމެ ފުރިހަމަ ޚިދުމަތެއް ދިނުމަށް ސިވިލް ސަރވިސްއިން އަބަދުވެސް މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

ސިވިލް ސަރވިސްގެ ޚިދުމަތް ލިބިގަންނަ ރައްޔިތުންގެ ފަރާތުން އެންމެ ބޮޑަށް އިވެމުންދާ ޝަކުވާތަކުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ނައިބު ރައީސް ވިދާޅުވީ ސިވިލް ސަރވިސްގެ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރެވޭނެ އެންމެ ބޮޑު އެއް އަސާސަކީ، ޚިދުމަތާ ގުޅޭ މީހުންގެ ފެންވަރު ރަނގަޅުކުރުން ކަމުގައެވެ.

މިގޮތުން، މަސައްކަތަށް އެކަށޭނަ، ހުނަރު ހުރި، އެންމެ ޤާބިލު ފަރާތްތަކަށް ވަޒީފާ ހަމަޖެހިގެން ދިޔުން ނުވަތަ "ކޮމްޕީޓެންސީ ބޭސްޑް ރެކްރޫޓްމަންޓް" ނިޒާމެއްގެ ދަށުން ވަޒީފާތަކަށް ބޭނުންވާ މީހުން ޢައްޔަން ކުރެވިގެން ދިއުމަކީ މުހިންމު ކަމެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

އަދި ރާއްޖޭގެ ކޮންމެ ރަށެއްގެ ރައްޔިތުންނަށް ސަރުކާރުން ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި، އެންމެ ބޮޑަށް ބޭނުންކުރެވިދާނެ އެއްޗަކީ ޓެކޮނޮލޮޖީކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ސިވިލް ސަރވިސްގެ ޚިދުމަތް ފޯރުކޮށްދިނުމުގައިވެސް ބަލަންވީ، ޓެކްނޮލޮޖީގެ ބޭނުންހިފައި، ކަރުދާސް ވީހާވެސް މަދުކޮށް، ޢާންމު ރައްޔިތުންނާ ވީހާވެސް ގާތުން ޚިދުމަތް ފޯރުކޮށްދިނުމަށްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

އަދި ސިވިލް ސަރވިސް މުވައްޒަފުންނަކީ، ރައްޔިތުންނަށް ހިދުމަތްކޮށްދެން ތިބި ބައެއް ކަމަށާއި ރާއްޖޭގައި އެތަކެއް ފިކުރެއް އޮތް އިރު ހިދުމަތް ދިނުމުގައި އެ ހިދުމަތް ރައްޔިތުމީހާއަށް ފީރުކޮށްދިނުމަށް ބުރޫ އަރާ ފަދަ އެއްވެސް ކަމެއް މުވައްޒަފުން ކޮށްގެން ނުވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ، އަދި އޮފީސްތަކުގެ ތެރޭގައި ބައިބައިވުން އުފައްދައި، މަސައްކަތުގެ މާހައުލު ކިލަނބުކޮށް ހަދާ މުވައްޒަފުންނާމެދު ފިޔަވަޅު އަޅަންޖެހޭކަމުގައި އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަގުބަޒަން އެބަކުރޭތަ