އަންނަ އަހަރުގެ މާރޗް މަހުން ފެށިގެން ދިވެހިރާއްޖެއިން ޖަރމަން ޝެންގެން ވިސާ ނެގޭނެކަމަށް ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އޭނާ މިގޮތަށް ވިދާޅުވީ މިއަދު ހެނދުނު ފޮރިން މިނިސްޓްރީގައި، ޖަރުމަންވިލާތުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖޯން ރޯޑް އާއިއެކު ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

އެ ނޫސްވެރިންގެ ބައްދަލުވުމުގައި ޝާހިދު ވިދާޅުވީ، ޔޫރަޕްގެ ޤައުމުތަކަށް ދަތުރުކުރުމަށް ދިވެހިން ވިސާ ނަގަން މިހާރު ދާން ޖެހެނީ އިންޑިއާގެ ދިއްލީއަށް ނުވަތަ ސްރީލަންކާގެ ކޮލަމްބޯއިން ކަމަށެވެ.

އަދި އެކަމަކީ ބުރަ އަދި އުނދަގޫ ކަމެއްކަން ފާހަގަކުރައްވަމުން މިނިސްޓަރ ވިދާޅުވީ، މިމައްސަލައަށް ހައްލެއްހޯދުމަށް ޖަރުމަންވިލާތާއި، ޔޫރަޕިއަން ޔޫނިއަންގެ އިތުރު ޤައުމުތަކާއި، ވިސާގެ ޚިދުމަތް ފޯރުކޮށްދޭ ވީ.އެފް.އެސް ގްލޯބަލްއާއިއެކު ދިވެހި ސަރުކާރުން މަޝްވަރާތައް ކުރައްވަމުން ގެންދަވާކަމަށެވެ.

"ފުރަތަމަ ޖަރުމަންވިލާތުން އެކަނި މި ޚިދިމަތް ދިން ނަމަވެސް އަޅުގަނޑުމެން އުއްމީދުކުރަނީ ކުރިއަށް އޮތް ތަނުގައި ޔޫރަޕްގެ އެހެން ޤައުމުތަކުންވެސް ރާއްޖޭގައި ތިބެގެން ޝެންގެން ވިސާ ލިބޭނެ މަގުފަހިކޮށްދޭނެކަމަށް،" މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ، މިހާރު މަސައްކަތްކުރަމުން ދަނީ ޔޫރަޕިއަން ޔޫނިއަންގެ ޤައުމުތަކަށް ދިވެހިންނަށް ވިސާއާއި ނުލައި ދަތުރުކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ކަމަށެވެ. އަދިމިކަމާއި ބެހޭ ގޮތުން ޔޫރަޕިއަން ޔޫނިއަންއާއި، އެޔޫނިއަންގެ މެމްބަރު ޤައުމުތަކާއިއެކު ވާހަކަ ދެކެވި، މަޝްވަރާތައް ކުރިއަށްދާކަން މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ އިތުރަށް ވަނީ މިހާރުވެސް ދުނިޔޭގެ 84 ޤައުމަކަށް ކުރިން ވިސާ ނެގުމަކާއި ނުލައި ދިވެހިންނަށް ދަތުރުކުރެވޭކަމަށެވެ. އޭގެ ތެރޭގައި އިނގިރޭސިވިލާތް ހިމެނެއެވެ.

އެގޮތުން މިއަހަރު އެކަނިވެސް ޔުނައިޓެޑް އަރަބް އެމިރޭޓްސް، ރަޝިޔާ، މޮރޮކޯ އަދި ތައިލެންޑަށް ކުރިން ވިސާ ނެގުމަކާ ނުލައި ދިވެހިންނަށް ދަތުރުކުރެވޭ ގޮތަށް ވިސާ ވެއިވަރ އެގްރިމެންޓްތައް ހެދި، އިންޑިއާ އަދި ސްރީލަންކާއިން ވިސާގެ ބޮޑެތި ލުއިފަސޭހަތަކެއް ހޯދިފައިބެގާކަމަށްވެސް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

"ދިވެހި ޕާސްޕޯޓަކީ، އޭގައިވާ ސަލާމަތީ ސިފަތަކާއިއެކު، ދެކުނު އޭޝިއާގެ އެންމެ ބާރުގަދަ ޕާސްޕޯޓް،" ދިވެހި ޕާސްޕޯޓްގެ ރައްކާތެރިކަމާއި ބެހޭ ގޮތުން ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވިއެވެ.

ރާއްޖެއިން ޝެންގެން ވިސާ ދޫކުރުމުގެ ޚިދުމަތް ފަށަނީ މާރޗް މަހުން ފެށިގެންކަަމަށް އެ ނޫސްވެރިންގެ ބައްދަލިވުމުގައި ޝާހިދު ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަހުމަދު

    ވަރަށް އުފާވެރި ޚަބަރެއް ، މިހާރުވެސް ދަރިފުޅު ކައިރިޔައް ނުދެވި މިއުޅެނީ

  2. ރަށުމަންޖެ

    އައްސަރިބަހާ ސާބަސް މިނިސްޓަރ ޝާހިދްއަށް

  3. ގާދިރު

    ސާބަސް ގިނަ ގިނައިން ދަތުރުކުރޭ ... އެކަމަކު ކަރޕެޓް ގެޔަށް ނުގެންދަވާތި