ވެލާނާ އިންޓަނޭޝަންލް އެއާޕޯޓް (ވީއައިއޭ) ވަކި ބަޔަކަށް ދޭން އުޅޭ މައްސަލަ އެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅައިފިއެވެ.

މިފަދަ މައްސަލަ އެއް ހުށަހެޅިފައިވާ ކަން އޭސީސީ އިން ވަނީ "ވަގުތު" އަށް ކަށަވަރުކޮށްދީފައެވެ.

އޭސީސީ އިން ވިދާޅުވިގޮތުގައި، އެފަދަ މައްސަލަ އެއް ހުށަހަޅައިފައި ވަނީ ސީޕްލޭން ޓާމިނަލް ދައުލަތަށް ގެންލުންވާނެހެން ވަކިބަޔަކަށް ދޭން އުޅޭތީއެވެ. އަދި އެމައްސަލަ އޭސީސީ އަށް ހުށަހަަޅައިފައި ވަނީ މިމަހުގެ ދެވަނަ ދުވަހު ކަމަށް އެކޮމިޝަނުން ވަނީ ވިދާޅުވެފައެވެ.

"އަޅުގަނޑުމެންނަށް އެމައްސަލަ ހުށަހެޅިފައި ވަނީ މިމަހުގެ ދެވަނަ ދުވަހު. މިހާރު އޭސީސީ އިން ދަނީ މައްސަލަ ބަލަމުން. ސީޕްލޭޏް ޓާމިނަލްގެ މައްސަަލަ އޭސީސީ އަށް ހުށަހަޅައިފައި ވަނީ މިހާރު އޮތީ ދައުލަތަށް ގެއްލުންވާނޭހެން ޓާމިނަލް ބަޔަކާ ހަވާލުކޮށްފައި ކަމަށް ބުނެ" ކައޭސީސީގެ މީޑިއާ އޮފިޝަލު ހަސަން މަނިކު ވިދާޅުވިއެވެ.

މީގެ ކުރިންވެސް ވަނީ ސީޕްލޭން ޓާމިނަލް މިހާރުވެސް އޮޕަރޭޓްކުރަމުން އަންނަ އެއް ކުންނި ކަމަށްވާ ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އަށް ހިންގުން ހަވާލުކުރުމަށް އުޅޭ މައްސަލައެއް ފެންމަތިވެފައެވެ. އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުން މަޖިލީހުންވެސް ވަނީ އެމައްސަލަ ބަލައި އޮޑިޓެއް ތައްޔާރުކޮށްފައެވެ. އެ އޮޑިޓުގައިވާ ގޮތުން އެމްއޭސީއެލް އިން ޓާމިނަލްގެ ހިންގުމާއި ހަވާލުވެއްޖެ ނަމަ އެކުންފުންޏަށް ވާނެ ފައިދާ އިތުރުވާނެއެވެ.

މީގެ ކުރިން އެމްއޭސީއެލް އިން ވަނީ ސީޕްލޭން ޓާމިނަލް ހިންގުމަށް އެކުންފުންޏާ ހަވާލުކުރަން އެޅޭކަން ހާމަކޮށްފައެވެ. އެމްއޭސީއެލް އިން ވިދާޅުވެފައި ވަނީ ސީޕްލޭން ޓާމިނަލް ހިންގުމާއި އެކުންފުނިން ހަވާލުވި ކަމުގައި ވީނަމަވެސް އެކަން ކުރަމުންދާ މީހާރު ސީޕްލެއިން އޮޕަރޭޓްކުރާ ކުންފުނިތަކަށް އެއްވެސް ގެއްލުމެއް ނުވާނޭ ފަދައިން ކަމަށެވެ. އަދި ޓީއެމްއޭ އިން އަދި އެހެން ތަންތަނުގެ ސީޕްލެއިން ޓާމިނަލް ތައްވެސް އަތުލުމުގެ ވިސްނުން ނެތް ކަމަށް އެކުންފުނިން ވަނީ ހާމަކޮށްފައެވެ.

މިހާރު އެންމެ ގިނަ އަދަދެއްގެ ސީޕްލެއިން އޮޕަރޭޓް ކުރަމުން އަންނަނީ ޓީއެމްއޭ އިންނެވެ. ޓީއެމްއޭ ގެ އިތުރުން މޯލްޑިވިއަން އާއި މަންޓާ އެއާ އިންވެސް ސީޕްލެއިން އޮޕަރޭޓް ކުރަމުން އަންނަ އިރު، ފްލައިމީ އިންވެސް އެމަސައްކަތް ފެށުމަށް އަންނަނީ ތައްޔާރުވަމުންނެވެ.