ސިންމެތި ބަސްތާއެއް ވެއްޓި ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް މަރުވި ބަންގްލަދޭޝްގެ އަންހެން ކުއްޖެއް ކަމަށްވާ ރައުޝާން ޖިއާން މަރުގެ މައްސަލާގައި ދައުލަތުން ދައުވާ ކޮށްފައިވާ ޑަބްލިޔޫ ކޮންސްޓްރަކްޝަންގެ ވެރިޔާ އާދަމް ޝަފީގު, އެ މައްސައާ ގުޅިގެން ޖިނާއީ އެއްވެސް މަަސްއޫލިއްޔަތެއް އުފުލަން ނުޖެހޭ ކަމަށް ކުރިމިނަލް ކޯޓުން ކުރި ހުކުމް ދައުލަތުން އިސްތިއުނާފްކޮށްފިއެވެ.

ޑަބްލިއު ކޮންސްޓްރަކްޝަންގެ ފަރާތުން އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު، އާދަމް ޝަފީގު އާއި ސައިޓް ސުޕަވައިޒަރަކަށް ހުރި މޫސާ ހަސަންގެ މައްޗަށް ދަޢުވާ ކޮށްފައިވަނީ މީހަކު މަރުވެދިޔުމުގެ އިހުމާލުގެ ޢަމަލެއް ކުރުމުގެ ދަޢުވާއެވެ. އެ ކުންފުނީގައި މަސައްކަތް ކުރާ ބިދޭސީ 2 މަސައްކަތްތެރިން ކަމަށްވާ ކެޝަރިވަލް ޗައުހާން އާއި ގުލަމް މުހައްމަދުގެ މައްޗަށް ކޮށްފައިވަނީ ކުރިމަތިވެދާނެ ކަމަށް އެނގޭ ނުރައްކަލެއްގެ އިންޒާރު، އެކަށީގެންވާ ސަބަބެއް ނެތި ނުރައްކަލެއްގައިވާ މީހާއަށް ނުދިނުމުގެ ދަޢުވާއެވެ.

އެމައްސަލާގައި ހިމެނޭ މުތުމަނި ރާމް ޗަންދްރަން އަށް އިއްވީ 3 އަހަރާއި، 2 މަހާއި 12 ދުވަހުގެ ޖަލު ހުކުމެކެވެ. އޭނާގެ މައްޗަށް އެ ޙުކުމް އިއްވީ ވިންޗު އޮޕަރޭޓު ކުރުމުގައި އެ މަސައްކަތް މީގެ ކުރިން ނުވެސް ކުރާ މީހަކާ އެކު މަސައްކަތުގައި އޭނާ ބައިވެރިވެފައިވާ ކަން ޝަރީޢަތަށް ސާބިތުވުމާ ގުޅިގެންނެވެ. އަދި އެއީ މީހަކު މަރުވެދިޔުމުގައި ފަރުވާ ކުޑަ ޢަމަލެއް ކުރުމަށް ބައިވެރިވުން ކަމަށް ސާބިތުވެފައިވާތީ ކަމަށް ޤާޒީ ވިދާޅުވިއެވެ.

ކެޝަރިވަލް ޗައުހާން އާއި ގުލަމް މުހައްމަދުގެ މައްޗަށް ވެސް ދަޢުވާ ވަނީ ސާބިތުވެފައެވެ. އެމީހުންނަކީ އެ ގަޑީގައި ޢިމާރާތް ކުރަމުންދިޔަ ސައިޓުގެ ތިރީގައި ތިބި ބައެކެވެ. އެމީހުންގެ މައްޗަށް ޙުކުމް ކޮށްފައިވަނީ ކުރިމަތިވެދާނެ ގެއްލުމަކަށް އިންޒާރު ދިނުމަށް އެމީހުން އެއްވެސް މަސައްކަތެއް ނުކުރުމުގެ ސަބަބުންނެވެ. އެމީހުންގެ މައްޗަށް ދަޢުވާ ސާބިތުވުމާއި ގުޅިގެން އެމީހުންގެ މައްޗަށް އަންނާނީ 1 މަހާއި 6 ދުވަހުގެ ޖަލު ޙުކުމެކެވެ.

ޑަބްލިއު ކޮންސްޓްރަކްޝަންގެ މެނޭޖިންގ ޑިރެކްޓަރު، އާދަމް ޝަފީގު ވަނީ އެ މައްސަލައިގައި ޙުކުމެއް ނައިސް ސަލާމަތްވެފައެވެ. އޭނާއަކީ މ. ނަލަހިޔާ މަންޒިލްގެ މަސައްކަތުގައި އެ ކުންފުނީގެ ފަރާތުން ސޮއިކުރި ފަރާތް ކަމަށް ވިއަސް، އަދި ރައްކާތެރި ކަމުގެ ގޮތުން ކަމާބެހޭ ފަރާތްތަކުން ނަގަން ޖެހޭ ހުއްދަތައް ނަގަން ޖެހޭ ފަރާތް ކަމަށް ވިއަސް، އޭނާ އަކީ އެ ހިނގި ހާދިސާ ހިނގުމުގައި ޒިންމާވާން ޖެހޭ ފަރާތަކަށް ނުވާ ކަމަށް ޝަރީޢަތުން ވަނީ ކަނޑައަޅާފައެވެ.

ޤާޒީ ޙުކުމް ކުރެއްވުމުގައި ފާހަގަކުރެއްވި ކަންތައްތަކަށް ބަލާއިރު، ޝަފީގު އަކީ ހަމައެކަނި ކުންފުނީގެ ފަރާތުން އެ ޢިމާރާތުގެ އެއްބަސްވުމުގެ އެއްބަސްވުމުގައި ސޮއި ކުރުމުގެ އިތުރަށް އެއްވެސް ގޮތަކަށް ޢަމަލީ މަސައްކަތެއް ކުރަން ނުޖެހޭ ފަރާތެއް ކަން ފާހަގަކުރެއްވިއެވެ. އެހެންކަމުން ޖިނާޢީގޮތުން އޭނާ މަސްއޫލިއްޔަތު އަދާކުރަން ނުޖެހޭ ކަމަށް ޤާޒީ ކަނޑައެޅިއެވެ.

މިދިޔަ އަހަރު ޑިސެމްބަރު މަހުގެ ތެރޭގައި ޑަބްލިއު ކޮންސްޓްރަކްޝަން ގެ ފަަރާތުން އިމާރާތް ކުރަމުން ދިޔަ ތަނަކުން މަގު މައްޗަށް ވެއްޓުނު ސިމެންތި ބަސްތާ އެއް ގައި ޖެހި ބަންގްލަދޭޝްގެ އެންމެ 8 އަހަރުގެ ކުޑަ ކުއްޖެއް ކަމަށްވާ ޖިއާން މަރުވި މައްސަލަ އަކީ މުޅި ރާއްޖެ ސިއްސުވާލި ހިތާމަވެރި ހާދިސާ އެކެވެ.

އެ ހާދިސާ އަށް ފަހުން މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގެ އެންޑް އިންފުރާސްޓްކްޗަރއިންވަނީ އިމާރަތްކުރުމުގައި އަޅަންޖެހޭ ސަލާމަތާއި، ކޮންޓްރެކްޓަރުގެ އާންމު ޒިންމަތަކާއި، އިމާރާތުގެ ވެރިފަރާތުގެ ޒިންމާތަކާއި ދެވޭ އަދަބުތަކާއި ޖޫރިމަނާތައް ބަޔާންކޮށް ޤަވާއިދެއް އެކުލަވާލާފައެވެ. މި ޤަވާއިދު ޖެނުއަރީ މަހުގައި ވަނީ ގެޒެޓް ކޮށްފަ އެވެ.