އައިޖީއެމްއެޗްގައި ކުރި އޮޕަރޭޝަނެއްގައި ކުޑަކުއްޖެއްގެ ފުއްޕާމެއިން ޕިނެއް ނަގައިފި އެވެ.

ޕިނެއް ނަގާފައި ވަނީ 15 އަހަރުގެ އަންހެން ކުއްޖެއްގެ ފުއްޕާމެއިންނެވެ. އައިޖީއެމްއެޗްގެ ޑޮކްޓަރ މުހައްމަދު އިސްމާއިލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ 15 އަހަރުގެ އަންހެން ކުއްޖެއްގެ ފުއްޕާމެއިން އަނެއްކާވެސް ޕިނެއް ނަގާފައިވާ ކަމަށެވެ. އޭނާ ވަނީ ޕިން އަނގައަށް ނުލުމަށް އެދިވަޑައިގެންފައެވެ.

ޕިން ނެގުމަށް ކުރި އޮޕަރޭޝަނަށް ފަހު ޑޮކްޓަރުން އާއްމު ކުރެއްވި ވީޑިއޯއެއްގައި ވިދާޅުވީ ފުއްޕާމެއިން އެއްޗެއް ނަގަން ކުރަން ޖެހޭ އޮޕަރޭޝަނަކީ ވަރަށް ނުރައްކާތެރި އޮޕަރޭޝަނެއް ކަމަށެވެ. ފުއްޕާމޭ ފަޅައިގެން ގޮސް ލޭ ބޭރުވުން ފަދަ ކަމެއް ވެސް ދިމާވެދާނެ ކަމަށެވެ.

ވީޑިއޯގައި ޑޮކްޓަރ މުހައްމަދު އަލީ ވިދާޅުވީ ޑޮކްޓަރުންގެ އިލްތިމާސް އަކީ ބުރުގާ ޕިނެއް ވިޔަސް އަދި އެހެން ވެސް ނުރައްކާތެރި އެއްޗެއް އަނގައަށް ލައިގެން ނޫޅުން ކަމަށެވެ.

ބުރުގާ ޕިން އަނގައަށް ލައިގެން އުޅުމުގެ ތެރޭގައި ފުއްޕާމެއަށް ބުރުގާ ޕިން ދިއުމުގެ ސަބަބުން މީގެ ކުރިން ވެސް އައިޖީއެމްއެޗްގައި އޮޕަރޭޝަންތަކެއް ކޮށްފައިވެއެވެ.

ޑޮކްޓަރުންނާއި ސިއްހީ ދާއިރާގެ ތަޖުރިބާކާރުން ގެންދަނީ ބުރުގާ ޕިން ފަދަ ތަކެތި އަނގައަށް ލައިގެން ނޫޅުމަށް ތަކުރާރުކޮށް އެދެމުންނެވެ.