ކޮންމެ 5 އަހަރަކުން އެއް ފަހަރު ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް ކުރިއަށް ގެންދާ ގޭބިސީގެ އާމްދަނީއާއި ޚަރަދުކުރުން ހުރިގޮތުގެ ސާރވޭ މާލެއާއި އަތޮޅުތަކުގައި އަލުން ފަށައިފިއެވެ.

މި ސާރވޭ އަލުން ފައްޓާފައިމިވަނީ މިދިޔަ ނޮވެމްބަރު މަހު ސާރވޭކުރުން މެދުކަނޑާލުމަށްފަހުއެވެ.

މި ސަރވޭގެ މަޢުލޫމާތު އެއްކުރުމުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ، ޖަނަވަރީ، ފެބްރުއަރީ، މާރިޗު އަދި އޭޕްރިލް މަހުގައެވެ. އަދި މި މުއްދަތުގެ ތެރޭގައި ނެޝެނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ޓީމުތައް ގޭބިސީތަކަށް ޒިޔާރަތްކުރާނެއެވެ. މި މައުލޫމާތު އެއްކުރަން ގޭބިސީތަކަށް ޒިޔާރަތްކުރާ ފަރާތްތަކަށް ކަމާބެހޭ ލިޔެކިޔުންތަކާއި ކާކުކަން އަންގައިދޭ އައި.ޑީ ކާޑެއް ދީފައިވާނެކަމަށާއި، ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކުވެސް ހެނދު 8:30 އިން ހަވީރު 6:00 އާއި ދެމެދު ބިއުރޯގެ ޓީމްތައް ސަރވޭގެ ކުރުމުގައި ހަރަކާތްތެރިވާނެކަމަށް ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ވިދާޅުވެއެވެ.

ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ވިދާޅުވީ މިހާރު ކުރިއަށްދަނީ ސާރވޭކުރާނެ ސަރަހައްދުތަކުގެ ލިސްޓް ނެގުމުގެ މަސައްކަތްކަމަށެވެ. ސަރަހައްދުތައް ކަނޑައެޅުމަށްފަހު ގުރުއަތަކުން ހޮވާލެވޭ ގޭބިސީތަކެއްގައި ސާރވޭގެ ސުވާލުކަރުދާސްތައް ފުރިހަމަ ކުރުމުގެ މަސައްކަތް ފެށިގެންދާނެކަމަށް އެފަރާތުން ވިދާޅުވިއެވެ.

ގޭބިސީގެ އާމްދަނީއާއި ޚަރަދުކުރުން ހުރިގޮތުގެ ސަރވޭ މާލޭގައި ކުރުމަށް ހަމަޖެހިފައިވަނީ 1080 ގޭބިސީއަކަށެވެ. އަދި އަތޮޅުތެރޭގެ 20 އަތޮޅުން ހޮވާލެވޭ 4760 ގޭބިސީއެއްގައި މިސަރވޭ ކުރާނެއެވެ.
މިސަރވޭއަށް އާއްމުންގެ ފުރިހަމަ އެއްބާރުލެއްވުން ދިނުމަށް ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން އިލްތިމާސްކުރެއެވެ.