މިއަހަރު ނިމޭއިރު ރާއްޖޭގެ ހުރިހާ ރަށެއްގައި ބޭސިކް ވޭސްޓް މެނޭޖުމެންޓް ފެސިލިޓީއެއް ގާއިމް ކުރެވޭނެ ކަމަށް އެންވަޔަރަންމެންޓް މިނިސްޓަރ ތޯރިޤް އިބްރާހީމް ވިދާޅުވެއްޖެއެވެ.

އިއްޔެ އިންޑަސްޓްރިއަލް ވިލެޖުގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ތޯރިޤް ވިދާޅުވީ ފާއިތުވި ހަތަރު އަހަރެއްހާ ދުވަސް ތެރޭގައި ޕްލޭން ކުރެވިގެން ކުންފުންޏެއް މެދުވެރިކޮށް މާލެއާއި ބައެއް ސިޓީތަކުގައި ރައްކާތެރިކަމާއި އެކު ކުނި މެނޭޖުކުރެވެން ފެށިފައިވާ ކަމަށެވެ.

ނަމަވެސް އަދިވެސް ކުނި މެނޭޖުކުރުމުގައި އެންމެ އެކަށޭނެ ހައްލެއް ލިބިފައި ނުވާ ކަމަށާއި އުންމީދަކީ މިއަހަރު ނިމޭއިރު ރާއްޖޭގެ ކޮންމެ ރަށެއްގައިވެސް ބޭސިކް ވޭސްޓް މެނޭޖުމެންޓް ފެސިލިޓީއެއް ގާއިމް ކުރުން ކަމުގައި މިނިސްޓަރ ތޯރިޤް ވިދާޅުވިއެވެ،

"އަޅުގަނޑުމެން މިދަނީ "ސާފު ރާއްޖޭ" ގެ ދަށުން ނުހަނު ގިނަ މަސައްކަތްތަކެއް ކުރަމުން. އެގޮތުން މިއަހަރު ނިމޭއިރު އިރާދަކުރެއްވިއްޔާ ރާއްޖޭގެ ހުރިހާ ސަރަހެއްދެއްގެ ހުރިހާ ރަށެއްގައި އެންމެ ބޭސިކް ވޭސްޓް މެނޭޖުމެންޓް ފެސިލިޓީއެއް ގާއިމް ކުރުމުގެ މަސައްކަތް ދަނީ ކުރެވެމުން. އަދި މާލެއާއި ބޮޑެތި ސިޓީތަކުގައި އޯގަނައިޒްކޮށް ކުނި މެނޭޖުކުރުމުގެ މަސައްކަތްތައް ކުރެވެމުން ދަނީ" މިނިސްޓަރ ތޯރިޤް ވިދާޅުވިއެވެ.

އަދި ސާފުކޮށް ރާއްޖެ ހެދޭނީ ފަރުދީ ޒިންމާ ނަގައިގެން ކަމަށާއި އެހެން ކަމުން އެއްވެސް ބޭފުޅަކު މަގުމަށްޗަށް ކުނި ނޭޅުމަށް މިނިސްޓަރ ތޯރިޤް ވަނީ ރައްޔިތުންނަށް އިލްތިމާސް ކޮށްފައެވެ. އަދި މީގެ ކުރިން ކުނި މެނޭޖުކުރުމުގައި ނުކުރާހާ ގިނަ މަސައްކަތް މިއަދުގެ ސަރުކާރުން ކުރަމުން ގެންދާ ކަމަށާއި އުންމީދަކީ މުސްތަގުބަލިގައި ރާއްޖެއަކީ ސާފު އަދި ރައްކާތެރިގޮތުގައި ކުނި މެނޭޖުކުރެވޭ ތަނަކަށް ހެދުން ކަމުގައިވެސް މިނިސްޓަރ ތޯރިޤް ވަނީ ވިދާޅުވެފައެވެ.