ކ. މާފުށި އެކި ސަރަހައްދުތަކުންނާއި ގޯތި ގެދޮރުން ފެންނަމުންދާ މަކުނަކީ ބްރައުން ވިޑޯކަމަށް ހެލްތް މިނިސްޓްރީން އަންގާފައިވާކަމަށް އެ ރަށު ކައުންސިލުން ވިދާޅުވެއްޖެއެވެ.

އެރަށު ކައުންސިލުން ނެރުނު އިއުލާނެއްގައި ވިދާޅުވީ، އެރަށުން ފެންނަމުން ދަނީ ބްރައުން ވިޑޯ މަކުނުކަން ހެލެތް މިނިސްޓްރީގެ ވެކްޓަރ ކޮންޓްރޯލް ޔުނިޓުން އަންގާފައިވާ ކަމަށާއި، އެކަމުން ސަލާމަތްވުމަށް ބޭނުން ކުރެވޭނެ ކެމިކަލަކީ ކޮބައިތޯ އެ ޔުނިޓުން ބަލަމުންދާ ކަމަށެވެ.

"ބްރައުން ވިޑޯ މަކުނު ނުވަތަ ބްރައުން ވިޑޯ ބިސް ފެނިއްޖެ ނަމަ، އެ އެއްޗެއް ނަގައި ނައްތާލުމަށާއި، އެއެއްޗެއް އަންދާލުން ނޫން ގޮތަަށް ނައްތާނުލުމަށް އިރުޝާދު ދެއްވާފައި ވެއެވެ". އެ އިއުލާނުގައި ވެއެވެ.

އެރަށު ކައުންސިލުން ވިދާޅުވީ، މި ޒާތުގެ މަކުނެއް ނުވަތަ ބިސް ފެނިއްޖެ ނަމަ ހަަން ހުރަހެއް މެދުވެރިކޮށް ނަގައި އަންދާލުމަށް އެދިފައެވެ.

"އަދި ކަމާއި ގުޅޭ ފަރާތްތަކާއި ގުޅިގެން މުޅި ރަށް ބަލައި ފާސްކުރުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާއިރު، މީހުން ދިރިއުޅޭ ގޯތިގެދޮރާއި، އެ ފަރާތެއްގެ ބެލުމުގެ ދަށުގައިވާ ތަންތަނުގައި މިފަދަ މަކުނެއް ނުވަތަ ބިހެއް ހުރިތޯ ބަލައި އެތަކެތި އަންދާލުމަށް ދަންނަވަމެވެ". ކައުންސިލުން ނެރުނު އިއުލާނުގައި ވެއެވެ.