މިހާތަނަށް 3100 މީހުންނަށް ހިމަބިހިން ރައްކާތެރިވުމަށް އެމްއެމްއާރު އަދި އެމްއާރު ވެކްސިން ދީފައިވާ ކަމަށް ހެލްތް މިނިސްޓްރީ އިން ވިދާޅުވެއްޖެއެވެ.

ހެލްތް މިނިސްޓްރީއިން މިކަން ހާމަކޮށްފައި ވަނީ މިހާރު ޗައިނާގައި ފެތުރެމުންދާ ކޮރޯނާ ވައިރަސް އާއި އަދި ހިމަބިހިން ރައްކާތެރިވުމަށް އެމިނިސްޓްރީ އިން އަޅަމުންދާ އެންމެ ފަހުގެ ފިޔަވަޅު ތަކާއި ބެހޭ ގޮތުން މައުލޫމާތު ދެއްވަުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން މިނިސްޓަރ އަބްދުﷲ އަމީން އެވެ.

މިނިސްޓަރ ވިދާޅުވީ މިހާތަނަށް ހިމަ ބިހި ފެނިފައިވާ ސަރަހައްދުތަކުގެ ވަށައިގެން ދިރިއުޅޭ މީހުންނަށް ވެކްސިން ދިނުމުގެ މަސައްކަތް ކޮށްފައިވާނޭ ކަމަށާއި، އެގޮތުން މިހާތަނަށް 3100 މީހުންނަށް ވެކްސިން ދީފައިވާ ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ހިމަބިހި އައުޓް ބްރޭކާއި ގުޅިގެން ކުރިއަށް ގެންދިއުއަށް ހަމަޖެހިފައިވާ ވެކްސިން ކެމްޕޭނަށް ތައްޔާރު ވުމުގެ ގޮތުން މިހާތަނަށް މައުލޫމާތު ތަކެއް އެއްކުރެވިފައިވާ ކަމަށާއި، އެގޮތުން ވެކްސިން ނުޖަހާތިބި މީހުންގެ ބޮޑު ބައެއްވެސް މިހާރު ދެނެގަނެވިފައި ވާކަމަށެވެ.

އެހެން ނަމަވެސް އެއީ ކިހާ އަދަދެއްގެ މީހުންނެއްކަން މިނިސްޓްރީ އިން ހިއްސާކޮށްފައެއް ނުވެއެވެ. މިނިސްޓަރ ވިދާޅުވީ އޭގެ ތެރޭގައި ގިނައީ ވެކްސިންގެ ޑޯޒްތަަައް ހަމަނުކުރާ މީހުން ކަމަށެވެ.

މީގެ އިތުރުން ދެލައްކަ ވެކްސިން ޑޯޒް ރާއްޖެ ގެނައުމަށް މިހާރު މަސައްކަތް ކުރަމުންދާ ކަމަށާއި، އޭގެ ތެރެއިން 30،000 ޑޯޒް އިންޑިއާގެ އެހީތެރިކަމާއި އެކު މާދަމާ ރާއްޖެ ގެނެވޭނެ ކަމަށް މިނިސްޓަރ އަމީން ފާހަގަ ކުރެއްވިއެވެ.

މިނިސްޓަރ ވިދާޅުވީ ކޮންމެ ދުވަހަކުވެސް ހިމަބިލީގެ އަލާމާތްތައް ފެނިގެން ޑޮކްޓަރަށް ދައްކާ މީހުން، ބައްޔަށް ޓެސްޓު ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށާއި އެގޮތުން މިހާތަނަށް 70 އަށްވުރެ ގިނަ މީހުން އެބައްޔަށް ޓެސްޓު ކުރެވިފައިވާކަމަށެވެ.

"އެހެންވީމަ އަޅުގަނޑުމެންގެ މަސައްކަތް އެއްވެސް ގޮތަކަށް މަޑުޖެހިނުލާ ކުރިއަށް ގެންދާނަން އަޅުގަނޑުމެންގެ މަސައްކަތް. ކުރިއަށް އޮތް އެއް މަސްދުވަސް ވަންދެއް ކޭސް ނުފެނުނު ކަމުގައި ވީނަމަވެސް މަސައްކަތް ކުރާނަން" މިނިސްޓަރ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    އިންޑިއާގެ ގެރި މޯދީގެ ގެރި ގުއި އަޅާފައިވާ އިންސިއުލިން

  2. ޢަލީ ޖަނަހު

    ތި ވެކްސިން އާއި މެދު އަޅުގަނޑު ޝައްކު.