ރަށް ގިރުމުގެ މައްސަލައިގައި ކަމާއި ބެހޭ ފަރާތްތަކުގެ އަމަލުތައް ފެންނަނީ ދެ ފުށްދެގޮތްކޮށް ކަމަށާޢި، ބަހާއި އަމަލާއި ދިމާ ނުވާ ކަމަށް ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވިދާޅުވެއްޖެއެވެ.

އަލީ ހުސެއިން މިހެން ވިދާޅުވީ، މިހާރު ކުރިއަށްދާ އެންވައިރޮމެންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީގައި ވާހަކަދައްކަވަމުންނެވެ.

ރަށްގިރުމުގެ މައްސަލަ ބޮޑުވެ، އެ ކަމުގެ ޝަކުވާތަށް އިތުރުވެފައިވީ ނަމަވެސް އެކަމަށް ދޭންވާ އެންމެ އެކަށީގެންވާ ސަމާލުކަން ނުދެވޭ ކަމަށް އޭނާ ވިދާޅުވިއެވެ. ފަހަށް ޖައްސަންވީ އަސާސީ ޚިދުމަތްތައް ނޫން ކަަމަށާ، ފަހަށް ޖައްސަން ޖެހެނީ އަލަށް ހިއްކާ ރަށްތަކުގެ މަސައްކަތް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

އަލީ ހުސެއިން ވަނީ މީހުން ދިރިއުޅޭ ރަށްތައް ގިރަމުންދާއިރު އެތަންތަން ހިމާޔަތް ނުކުރެވޭކަން ފާހަގަކުރައްވާ އެކަމާއި މެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

"އަޅުގަނޑުމެން ފަސްކުރަން ޖެެހެނީ އަސާސީ ޚިދުމަތްތަކެއް ނޫން. ފަސްކުރަންވީ އަލަށް ހިއްކާ ރަށްތަކުގެ މަސައްކަތް. ހަމައެގޮތަށް އަޅުގަނޑުމެން ފަހަށް ޖައްސާލަންވީ 23 މީޓަރު ބޮޑެތި ކަނޑުން ތަންތަން ހިއްކައިގެން ހަދަން އުޅޭ ބޮޑެތި ބަދަރުތައް. ބޮޑެތި މެގަ ޕްރޮޖެކްޓްތައް އިހަށް މަޑުޖައްސާލަން. މަޑުޖައްސާލާފަ މިހާރު އަޅުގަނޑުމެން ދިއިރުޅޭ ރަށްތައް ހިމާޔަތްކޮށް، އެ ރަށްތަކުގައި ދިރިއުޅޭ މީހުންނަށް ރައްކާޓެރިކަމާއި އެކު އުޅެވޭނެ ގޮތެއް ހަދާދީފަ ނޫންތޯ ދެން ހުރި ކަންތައްކާއި އުޅެންވީ." އަލީ ހުސައިން ވިދާޅުވިއެވެ.

އެއްކޮޅުން ރަށް ގިރާ ވާހަކަދައްކާފައި އަނެއް ކޮޅުން ރަށް ބޮޑު ކުރަން، ފަޅު ހިއްކުމަކީ އެއީ ގަބޫލުކުރެވޭ އުސޫލެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

މިއަދު ބާއްވަމުންދާ އެންވައިރޮންމެންޓް އެންޑް ކްލައިމެޓް ޗޭންގް ކޮމިޓީގެ ބައްދަލުވުމަކީ ރަށްގިރުމުގެ މައްސަލައިގައި، ބާއްވާ ކުއްލި ބައްދަލުވުމެކެވެ. އެ ބައްދަލުވުން ބާއްވަމުން ދަނީ އާއްމުންނަށް ހުޅުވާލައިގެންނެވެ.

ރަށްގިރުމުގެ މައްސަލަ އަކީ ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ދިމާވެފައިވާ ސީރިއަސް މައްސަލައެކެވެ.