ހަލުވި ބާރުމިނުގައި ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރަމުން އަންނަ ގައުމު ޗައިނާގައި ފެތުރެމުން އަންނަ ކޮރޯނާ ވައިރެހަށް ދިވެހިން ހޭލުންތެރި ކުރުމަށް ޕީއެންސީ އަދި ޕީޕީއެމް ހިމެނޭ އިދިކޮޅު ކޯލިޝަނުން ގޮވާލައިފިއެވެ.

އިދިކޮޅު ކޯލިޝަނުން ނެރުނު ނޫސް ބަޔާނެއްގައި ވިދާޅުވެފައި ވަނީ ކޮރޯނާ ވައިރެސް ހުރެދާނެ ކަމަށް ޝައްކު ކުރެވޭ މީހަކު ރާއްޖެއިން ފެނިފައިވާ ކަމަށް ސަރުކާރުން އިއުލާން ކޮށްފައިވާއިރު، އެބައްޔާ ބެހޭގޮތުން ރައްޔިތުން އިތުރަށް ހޭލުންތެރި ކުރުވާ ބަލީގެ މައުލޫމާތު ރައްޔިތުންނަށް ފުރިހަމަ ގޮތުގައި ފޯރުކޮށްދެމުން ދިއުމަކީ މުހިންމު ކަމެއް ކަމަށާއި، އެކަން ކުރުމަށް އިދިކޮޅުން ސަރުކާރަށް ގޮވާލާ ކަމަށެވެ.

އެބަޔާނުގައި ވަނީ ރާއްޖެއަކީ މި ބަލީގެ (ހައި ރިސްކް) އޮތް ގައުމެއް ކަމަށް ދުނިޔޭގެ ސިއްހަތާ ބެހޭ ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން އާންމުކޮށްފައި ވާއިރު މި ބައްޔަށް ޓެސްޓު ކުރެވޭނެ އިންތިޒާމް ރާއްޖޭގައި ހަމަޖެހިފައި ހުރުމަކީވެސް މުހިންމު ކަމެއް ކަމަށް ގޮވާލާފައެވެ. އަދި މި ބައްޔާ ބެހޭ ގޮތުން ރައްޔިތުން ރައްކާތެރި ކުރުމަށް މިހާރުން މިހާރަށް ފިޔަވަޅު އަޅަން ޖެހޭ ކަމަށް އެބަޔާނުގައި ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ވަމުންދާ ގޮތްގޮތުގެ މައުލޫމާތު އެއްވެސް ފޮރުވުމެއް ނެތި ރައްޔިތުންނާއި ހަމަޔަށް ފޯރު ކޮށްދިނުމަކީ މުހިންމު ކަމެއް ކަމަށް އެބަޔާނުގައި ވަނީ ފާހަގަ ކޮށްފައެވެ. އަދި އެކޯލިޝަނުގެ ފަރާތުން ވަނީ ކޮރޯނާ ވައިރެހުން ރައްކާތެރިވެ ތިބުމަށް ރައްޔިތުންނަށް އިލްތިމާސްކޮށްފައެވެ.

އަދި މި ބައްޔަކީ ފަސޭހައިން ފެތުރިގެންދާ ބައްޔަކަށް ވީހިނދު މާބަނޑު އަންހެނުންނާއި، އުމުރުން ދޮށީ މީހުންނާއި، ކުޑަކުދިންނާއި، ސްކޫލްތަކުގައި އުޅޭ ކުދިން ފަދަ ފަސޭހައިން މި ބަލި ޖެހިދާނެ ކަމަށް ބެލެވޭ އެންމެންގެ ރައްކާތެރިކަން ކަށަވަރު ކުރުމަކީވެސް މުހިންމު ކަމެއް ކަމަށް އެބަޔާނުގައި ވަނީ ވިދާޅުވެފައެވެ. \

އެބަޔާނުގައި އިތުރަށް ވިދާޅުވެފައި ވަނީ މި ފަދަ ދަނޑިވަޅުތަކުގައި އެ ކޯލިޝަނުން އަބަދުވެސް އެންމެ ބޮޑު އިސްކަމެއް ދެއްވާނީ ގައުމާއި ރައްޔިތުންނަށް ކަމަށެވެ. އަދި ގައުމާއި ރައްޔިތުންގެ ރައްކާތެރިކަމަށް މި ދަނޑިވަޅުގައި ކުރަން ޖެހޭ ހުރިހާ ކަމެއް އެކޯލިޝަނުން ކުރާނެ ކަމުގެ ޔަގީންކަން ދޭކަމަށް ބަޔާނުގައި ވަނީ ވިދާޅުވެފައެވެ.

"މިފަދަ ނުރައްކާތެރި ބަލިތަކުން މާތް ﷲ ސުބްހާނަހޫ ވަތައާލާ މި ގައުމާއި މިގައުމުގެ ރައްޔިތުން ރައްކާތެރި ކުރައްވާ މި ގައުމުގައި ވައިރަސް އިތުރަށް ނުފެތުރޭ ގޮތް މިންވަރު ކުރައްވާށި! އާމީން" އިދިކޮޅުގެ ބަޔާނުގައި ވަނީ ވިދާޅުވެފައެވެ.