ހަރުކަށި ފިކުރަށް ނިސަބަތްވާ ބަޔަކު މިދިޔަ އަންގާރަ ދުވަހުގެ ރޭ ހުޅުމާލޭގައި ތިން ބިދޭސީއަކަށް ހަމަލާދީ ހިންގާފައިވާ ފިނޑި ޢަމަލާއި ގުޅިގެން ނެޝަނަލް ސެކިއުރިޓީ ކައުންސިލް (އެން.އެސް.ސީ.) ޓުއަރިޒަމް ދާއިރާގެ އިސްފަރާތްތަކާއި ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފި ކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެއެވެ.

ގައުމީ ސަލާމަތާއި ބެހޭ ކައުންސިލުން މިބައްދަލުވުމުގައި ބައިވެރިވި ބޭފުޅުންގެ މައުލޫމާތެއް ރައީސް އޮފީހުން ހާމައެއް ނުކުރައްވައެވެ. ގައުމީ ސަލާމަތާއި ބެހޭ ކައުންސިލަކީ ގައުމީ ސަލާމަތާއި ބެހޭ ބޮޑެތި ކަންކަމުގައި މަޝްވަރާ ކުރަން އޮންނަ ކައުންސިލެކެވެ. އާއްމު ގޮތެއްގައި އެކައުންސިލްގައި ތިއްބަވަނީ ރައީސުލްޖުމްހޫރިއްޔާގެ އިތުރުން ޑިފެންސް މިނިސްޓަރާއި، ހޯމް މިނިސްޓަރާއި، ޗީފް އޮފް ޑިފެންސް ފޯސް އާއި ކޮމިޝަނަރ އޮފް ޕޮލިސް އެވެ.

ރައީސް އޮފީހުން ވިދާޅުވީ ޓުއަރިޒަމްދާއިރާގެ އިސްފަރާތްތަކުގެ އިތުރުން މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، އަލްއުސްތާޛު ފައްޔާޒް އިސްމާޢީލާއި މިނިސްޓަރ އޮފް ޓޫރިޒަމް ޢަލީ ވަހީދުގެ އިތުރުން މޯލްޑިވްސް މާރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން ( އެމްއެމްޕީއާރުސީ)ގެ މެނޭޖިންގ ޑިރެކްޓަރ ޠައްޔިބު މުޙައްމަދު ބައިވެރިވެ ވަޑައިގެންނެވި މި ބައްދަލުވުން ބާއްވަވާފައި ވަނީ އިއްޔެ މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުވުމުގައި، އެންއެންސީގެ ފަރާތުން، ޓުއަރިޒަމްދާއިރާގެ އިސް ފަރާތްތަކަކަށް ވަނީ މި ހަރުކަށި ޢަމަލާ ގުޅިގެން ދިވެހި މުޖްތަމަޢާއި އިޤްތިޞާދަށް އޮތް ނުރައްކާތެރިކަން ފާހަގަކުރައްވާ މިކަމުގައި ދުރާލާ ފިވަޅުތަކެއް އަޅާނެކަމާއި މިފަދަ ޢަމަލުތައް ހުއްޓުވުމުގައި ކުޑަވެސް ދުލެއް ނުދެއްވާ ކުރިޔަށްދާނެ ކަމުގެ ޔަޤީންކަން ފަތުރުވެރިކަމުގެދާއިރާގެ ފަރާތްތަކަށް ދެއްވާފައި ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.

މީގެ އިތުރުން މި ހަރުކަށި ހަމަލާއާ ގުޅިގެން ސަލާމަތީ ގޮތުން އަޅާފައިވާ ފިޔަވަޅުތަކުގެ މަޢުލޫމާތުތައް ވެސް ޓުއަރިޒަމް ދާއިރާގެ އިސްފަރާތްތަކާ އެން.އެން.ސީ އިން މި ބައްދަލުވުމުގައި ޙިއްޞާކުރެއްވިއެވެ. އަދި މިކަމުގައި އިތުރަށް އެޅިދާނެ ފިޔަވަޅުތަކާ ބެހޭގޮތުންވެސް މި ބައްދަލުވުމުގައި މަޝްވަރާކުރައްވާފައި ވެއެވެ.

މި ބައްދަލުވުމުގައި ޓުއަރިޒަމްދާއިރާގެ އިސްފަރާތްތަކުން ވަނީ މިކަމާގުޅިގެން ކުރަންޖެހޭ ކަންކަމުގައި ޓުއަރިޒަމްދާއިރާގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ލިބޭނެކަމަށް ވިދާޅުވެފައިވާ ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއްވައެވެ.