އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ކުރާ ދައުވާއެއްގެ ޝަރީއަތުގެ އަޑުއެހުމެއް އާދިއްތަ ދުވަހު ބާއްވަން ކްރިމިނަލް ކޯޓުގައި ތާވަލް ކޮށްފިއެވެ.

އާދީއްތަ ދުވަހަށް ތާވަލް ކޮށްފައި ވަނީ ދެ ބޭފުޅުންގެ މައްޗަށް ކުރާ ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަމަކަށް ނުފޫޒު ފޯރުވުމުގެ ދައުވާ އާއި އަބްދުﷲ ސައީދުގެ މައްޗަށް ކުރާ ދައުލަތުގެ މަސައްކަތަށް ހުރަސް އެޅުމުގެ ދައުވާގެ ޝަރީއަތެވެ.

މިއީ މިމައްސަލައިގައި ބާއްވާ ދެވަނަ އަޑުއެހުމެވެ.

ދެފަނޑިޔާރުންގެ މައްޗަށް ދައުލަތުން ވަނީ ޓެރަރިޒަމްގެ ދައުވާ އާއި އަދުލު އިންސާފު ގާއިމް ކުރަން ހުރަސް އެޅުމުގެ ދައުވާ އާއި ރިޝްވަތު ހިފުމުގެ ދައުވާ ވެސް އުފުލާފައެވެ. ނަމަވެސް އަދި އެދައުވާތަކުގެ ޝަރީޢަތެއް ނުފަށައެވެ.

ފެބްރުއަރީ 06 އިން ފެށިގެން ބަންދުގައި ތިއްބެވި ދެފަނޑިޔާރުންގެ މައްޗަށް ފުލުހުން ވަނީ ރިޝްވަތުގެ ގޮތުގައި ފައިސާ ހިފުމަށްފަހު ޝަރުޢީ ޙުކުމްތައް ވަކި ގޮތަކަށް ކުރުމާއި ޤާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ޤާނޫނާއި ޚިލާފަށް ބަދަލުކުރުމަށް މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން މަސައްކަތްކުރުމާއި ދަޢުލަތް ހިންގުމަށް ހުރަސްއެޅުމާއި، ޖިނާޢީ އަދުލުގެ ނިޒާމު ހިންގުމަށް ޤަސްދުގައި ހުރަސް އެޅުމުގެ ތުހުމަތު ކޮށްފައެވެ.

ދެެބޭފުޅުންގެ ޝަރީޢަތް ނިމެންދެން ބަންދުގައި ބައިތިއްބަން ކްރިމިނަލް ކޯޓުން ވަނީ އަމުރު ކޮށްފައެވެ. ދެބޭފުޅުން ކުރެ އެއްވެސް ބޭފުޅަކު ބަންދުގެ މުއްދަތު ހައިކޯޓުގައި އިސްތިއުނާފު ކުރައްވާފައެއް ނުވެއެވެ.