މާލެ އަތޮޅު އިތާފުށި ކައިރީގައި ދެ ލޯންޗު ޖެހި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ގެއްލުނު މީހާ އަދިވެސް ނުފެންނަ ކަމަށް އެމްއެންޑީއެފް އިން ވިދާޅުވެއްޖެއެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރ ކެޕްޓަން އިބްރާހި،މް އާޒިމް "ވަގުތު" އަށް މައުލޫމާތުދެއްވަމުން ވިދާޅުވީ، ރޭ ކަނޑުމަތީގައި ހިނގި އެކްސިޑެންޓްގައި ގެއްލުނު މީހާ އަދިވެސް ނުފެންނަކަމަށާއި، އޭނާ ހޯދުމުގެ މަސައްކަތް އެމްއެެންޑީއެފް އިން އަދިވެސް ކުރަމުން އަންނަ ކަމަށެވެ.

އޭނާ ހޯދުމުގެ މަސައްކަތުގައި އެމްއެންޑީއެފްގެ އިތުރު ލޯންޗެއްވެސް މިހާރު ހަރަކާތްތެރިވަމުން އަންނައިރު، އިތުރު ޑައިވިންގ ޓީމެއްވެސް ހަރަކާތްތެރިވަމުން އަންނަކަމަށް އާޒިމް ވިދާޅުވިއެވެ. ރޭ ވެސް އޭނާ ހޯދުމުގައި އެމްއެންޑީއެފްގެ ދެލޯންޗާއި ޑައިވަރުން މަސައްކަތް ކުރިއެވެ.

ގެއްލިފައިވަނީ އެކްސިޑެންޓުވި ދެލޯންޗުގެ ތެރެއިން އެއް ލޯންޗުގެ ކައްޕިއެވެ.

ރޭ ހިނގި މި ހާދިސާގައި އެކްސިޑެންޓުވީ، އިތާފުށީ ދެ ލޯންޗު ކަމުގައިވާ އިތާފުށި 5 އާއި އިތާފުށި 3 އެވެ.

މި އެކްސިޑެންޓާއި ގުޅިގެން އަނިޔާވި ބިދޭސީއަކު އޭޑީކޭގައި ފަރުވާދެމުންދަނިކޮށް ރޭގެ ވަގުތެއްގައި ވަނީ ނިޔާވެފައެވެ.