"ޑރ. ބިލާލް ފިލިޕްސްއަކީ ދީނީ ހެޔޮލަފާ ނަސޭހަތްދޭ އިލްމުވެރިއެއްގެ ގޮތުގައި ގިނަ އިސްލާމީ މުޖުތަމަޢުއަކުން ބަލައެއް ނުގަނޭ. އެ ބޭފުޅާ ރާއްޖެ ގެންނާކަށް ނުފެނޭ."، މިއީ ޒުވާނުންނަށް އަމާޒުކޮށްގެން ދީނީ ނަސޭހަތް ދިނުމަށް ޑރ. ބިލާލް ފިލިޕްސް ގެނައުމަށް ޔޫތު މިނިސްޓަރު އަހްމަދު މަޙްލޫފް ނިންމެވުމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ކުރެއްވި ޓްވީޓެކެވެ.

ނަޝީދު މިގޮތަށް ވިދާޅުވެފައިވާއިރު އެމަނިކުފާނުގެ ވެރިކަމުގައި އެމަނިކުފާނުގެ ފާޑުކިޔުންތައް އެންމެ ބޮޑަަށް އަމާޒުކުރައްވާ ޖަމްޢިއްޔަތުއް ސަލަފްގެ ދަޢުވަތަކަށް ރާއްޖެ ވަޑައިގެން ޑރ. ބިލާލް ފިލިޕްސް ވަނީ އަލިމަސް ކާނިވަލުގައި ދަރުސް ދެއްވާފައެވެ. ހަމަ ގައިމުވެސް އޭރުވެސް ސަރުކާރުން ދެއްވަން ޖެހޭ ހުއްދަތަކެއް ހުންނާނެއެވެ. ޑރ. ފިލިޕްސްއަކީ ކޮން ފެންވަރެއްގެ ކޮން ފިކުރެއްގެ ބޭފުޅެއްކަން ސަރުކާރުން މި ހުއްދަތައް ދެއްވާއިރު ބައްލަވާނެއެވެ.

ރައީސް ނަޝީދު ވެރިކަމުގައި ހުންނެވިއިރު ޑރ. ބިލާލް ފިލިޕްސް ރާއްޖޭގައި ތަޤްރީރު ދެއްވިއިރު ވެސް އޮސްޓްރޭލިއާ އަދި އިނގިރޭސިވިލާތުން ވެސް އޮތީ އެގައުމުތަކަށް ޑރ. ބިލާލް ފިލިޕްސްއަށް ނޭރޭ ގޮތަށް ނިންމާފައެވެ. މިކަން މިގޮތަށް އޮތްކަން ހަމަގައިމު ވެސް ރާއްޖޭގެ ސަރުކާރަށް އޮންނާނީ އެނގިފައެވެ. މިކަން އެނގިތިބެ ސަރުކާރުން ޑރ. ބިލާލް ފިލިޕްސްގެ ދަރުސެއް ކުރިޔަށް ގެންދަން ހުއްދަ ދިނީ ހަރުކަށި ފިކުރަށް ފުރުސަތު ދިނުމަށް ހެއްޔެވެ؟

ހަމައެހެންމެ އެމްޑީޕީގެ އިސް ފަރާތްތަކުން ހަރުކަށި ފިކުރު ފަތުރާ މީހެއްގެ ގޮތުގައި ސިފަކުރާ ޑރ. ޒާކިރު ނައިކް ވެސް ވަނީ ރައީސް ނަޝީދުގެ ސަރުކާރުގެ އިސްލާމިކް މިނިސްޓްރީގެ ދަޢުވަތަކަށް ރާއްޖެ ވަޑައިގެން ރާއްޖޭގައި ދަރުސް ދެއްވާފައެވެ. އޭރުގެ ސަރުކާރުން "ހަރުކަށި ފިކުރު ފަތުރާ މީހަކަށް" ދަޢުވަތު ދީ އޭނާގެ ދަރުސްތައް ރާއްޖޭގައި ބޭއްވި ކޮން މަގުސަދެއްގައިތޯ މިއީ ސުވާލު އުފެދޭ ކަމެކެވެ.

ޑރ. ބިލާލް ފިލިޕްސްއަކީ ކްރިސްޓިއަނެއްގެ ގޮތުގައި ހުންނަވައި އިސްލާމް ދީން ދިރާސާ ކުރެއްވުމަށްފަހު ދީން ގަބޫލް ކުރެއްވި ބޭފުޅެކެވެ. ޔުނިވަސިޓީ އޮފް މަދީނާއިން އިސްލާމިކް ޢަޤީދާއިން މާސްޓަރސް ޑިގްރީއާ ހަމަޔަށް ކިޔަވާ ވިދާޅުވެގެން ހުންނެވި ބޭފުޅެކެވެ. އިސްލާމް ދީނާއި ގުޅޭގޮތުން އެތައް ފޮތްތަކެއް ލިޔުއްވި ބޭފުޅެކެވެ. ހަމައެހެންމެ އެއީ އިސްލާމީ ތަޢުލީމް ދުނިޔޭގައި ފެތުރުއްވުމަށް މަސައްކަތްކުރެއްވި މުދައްރިއްސެކެވެ. ޑރ. ބިލާލްގެ އެތަކެއް ދަރިވަރުންނެއް މިއަދު ވެސް އިސްލާމީ އުއްމަތަށް އެދަނީ ޙިދުމަތް ކުރަމުންނެވެ. މިފަދަ ބޭފުޅަކީ ހަރުކަށި ފިކުރު ފަތުރާ އިސްލާމް ދީނާއި ދެކޮޅު ބޭފުޅެއްގެ ގޮތުގައި ސިފަކުރެއްވުމަކީ ހަމަ ގައިމުވެސް ގިނަ ބަޔެއްގެ ކިބައިގައި ދަށު ދަރަޖައިގެ އަމަލެކެވެ.

ކޮންމެއަކަސް ޑރ. ބިލާލް ފިލިޕްސްގެ ދަރުސް މަޑުޖައްސާލާފައިވާއިރު މިކަމާ ގުޅިގެން ރައީސް ނަޝީދު އަދި އެމްޑީޕީގެ ބައެއް އިސް ބޭފުޅުން ފާޅުކުރެއްވި ޚިޔާލުތަކަށް ގިނަ އަދަދެއްގެ އާއްމުން އަންނަނީ ފާޑު ކިޔަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Juhaa

    އެމް.ޑީ.ޕީގެ އިސް ސަފުގައި ގިނައިން ތިބޭނީ ލާދީނީ މީހުން. އެމީހުންނަކަށް އިސްލާމުން އުޅޭގޮތް ކަމަކު ނުދާނެ. މަޖިލީހުގެ މެންބަރު ކަމުގައި އެތިބަ ހުރިހާ އަންހެނުން އެ ތިބެނީ ޢައުރަ ނިވާނުކޮށް.

    21
  2. ?ޖާބިރު.

    މަގޭ ހިތައް އަރާ މިމީހުން ރާއްޖެ އައް އައިސް ދައްކަނީ ވަކި އިތުރު ކޮންވާހަކައެއްހޭ.