ހދ.ނޭކުރެންދޫ މެޖިސްޓްރޭޓް ކޯޓުގައި މަސައްކަތް ކުރާ އުމުރުން 60 އަހަރުގެ ވޮޗަރަށް ހަމަލާދީ ޒަހަމްކޮށްލި މައްސަލާގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ، ކޯޓު އަމުރެއްގެ ދަށުން މިއަދު ހައްޔަރުކޮށްފައިވަނީ އުމުރުން 29 އަހަރާއި 34 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

"ވަގުތު"އަށް މައުލޫމާތުދެމުން އެރަށު ކައުންސިލް ރައީސް އަލީ އާދަމް ވިދާޅުވީ، އެ ހަމަލާ ދީފައި ވަނީ ރޭ އެ މީހާ ޑިއުޓީއަށް ދިޔަ ގަޑީގައި ކަމަށެވެ. އަދި އެ ހަމަލާގައި ދީފައިވާކަމުގެ މައުލޫމާތު ލިބުނީ ރޭ 12:00 ހާއިރު ކަމަށް އޭނާ ވިިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ހަމަލާގައި ޒަހަމްވި މީހާގެ ހާލު އެހާ ރަނގަޅު ނޫން ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި ރޭ އޭނާއަށް އެރަށު ސިއްހީ މަރުކަޒުގައި ފަރުވާ ދިނުމަށްފަހު، ރޭ ދަންވަރުގެ ވަގުތެެއްގައި އެ މީހާ ހދ. ކުޅުފުއްޓަށް ފޮނުވާލާފައިވާކަމުގެ މައުލޫމާތު ލިބިފައިވާކަމަށް އަލީ އާދަމް ވިދާޅުވިއެވެ.

އެ މީހާއަށް އިތުރުފަރުވާދިނުމަށް މާލެ ފޮނުވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މައުލޫމާތު ލިބެއެވެ.