މިއަދު އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގައި ދެ އަޑުއެހުމެއް ބޭއްވިއެވެ. އޭގެ ތެރެއިން އެއް އަޑު އެހުމަކީ ޓުއަރިޒަމް މިނިސްޓްރީން، 48 ރަށާއި ފަޅު ކުއްޔަށް ދޫކުރަން ވެފައިވާ އެއްބަސްވުމާއި، ލީސް އެއްބަސްވުމުގެ މައުލޫމާތު ހޯދަން އަމިއްލަ ފަރާތަކުން އެދިފައިވާ މައްސަލައިގެ އަޑުއެހުމެވެ. އަނެއް އަޑުއެހުމަކީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބި) އިން ރާއްޖޭގައި ހިންގާ ނެޝަނަލް ސިންގަލް ވިންޑޯ ޕްރޮޖެކްޓުގެ ދަށުން، އިކޮނޮމިކް މިނިސްޓްރީން މިދިޔަ އޭޕްރީލް މަހު އައިޓީ ސްޕެޝަލިސްޓުން ހޯދަން ކުރި އިއުލާނާ ގުޅިގެން ކުރިމަތިލި މީހުންނަށް މާކްސް ދިން ގޮތުގެ މައުލޫމާތު ހޯދުމަށް އެ މަގާމަށް ކުރިމަތިލި އެކަކު ކަމަށްވާ ޑރ. އިބްރާހިމް ޝިޔާމް އެދިވަޑައިގަތުމުން އެ މައުލޫމާތު ދޭން އިކޮނޮމިކް މިނިސްޓްރީން ދެކޮޅު ހެދުމާއި ގުޅިގެން އެ ކޮމިޝަނަށް ހުށަހެޅި މައްސަލައިގެ އަޑުއެހުމެވެ.

އެ ދެ އަޑު އެހުމުގައިވެސް އިންފޮމޭޝަން ކޮމިޝަނަރު ހުސެއިން ފިޔާޒްގެ ކަންބޮޑުވުމަަކަށްވީ އެއް މައްސަލައެކެވެ. އެއީ އެ ދެ ވުޒާރާއިން ވެސް ވާން ޖެހޭ ވަރަށް ތައްޔާރު ނުވެ، އިންފޮމޭޝަން ކޮމިޝަންގެ ބައްދަލު ވުމަށް އައުމެވެ.

މިއަދު ބޭއްވި ފުރަތަމަ އަޑު އެހުން ބޭއްވީ ހެދުނު 10:00ގައެވެ. އެއީ ރަށްތަކާއި ފަޅުތައް ކުއްޔަށް ދިން ފަރާތްތަކާއި ސަބް ލީސް އެއްބަސްވުމާ ގުޅޭ މައުލޫމާތު ހޯދުމަށް އަމިއްލަ ފަރާތަކުން ޓޫރިޒަމް މިނިސްޓްރީ އަށް ހުށަހެޅުމުން އެ މައުލޫމާތު ނުދިން މައްސަލައެވެ.

އެ މައްސަލައިގައި ލިޔުމުން ޖަވާބުދާރީވާން ފުރުސަތު ދިނުމަށް ޓުއަރިޒަމް މިނިސްޓްރީން އެދިވަޑައިގަތުމުން އިންފޮމޭޝަން ކޮމިޝަނަރު ވަނީ އެ މައްސަލައިގައި ޖަވާބުދާރީވާން 7 ދުވަހަށް ވުރެ ދިގު މުއްދަތެއް ލިބުމުންވެސް، ޖަވާބުދާރީ ވާން ތައްޔާރު ވެފައި ނުވާތީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

"ކީކޭތޯ އަޅުގަނޑު ދަންނަވާނީ ވަކި. ހަތްދުވަސް ދިން. ހަގީގަތުގައި ހަތް ދުވަހަށް ވުރެ ވެސް ދިގު މުއްދަތެއް ލިބިއްޖެ. އަޅުގަނޑަކީ ލީގަލް ޓީމް ނަމަ އަޅުގަނޑު އަންނާނީ ލިޔުން ހިފައިގެން މިތަނަށް އަންނަ އިރު. ހަތްދުވަސް ފަހުން އައިސްފައި އަޅުގަނޑަށް ނުކެރޭނެ އެކްސްކިއުޒް ދައްކާކަށް." ފިޔާޒް ވިދާޅުވިއެވެ.

މިއަދު ބޭއްވި ދެ ވަނަ އަޑުއެހުން ބޭއްވީ 11:00ގައެވެ. އެއީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބި) އިން ރާއްޖޭގައި ހިންގާ ނެޝަނަލް ސިންގަލް ވިންޑޯ ޕްރޮޖެކްޓުގެ ދަށުން، އިކޮނޮމިކް މިނިސްޓްރީން މިދިޔަ އޭޕްރީލް މަހު އައިޓީ ސްޕެޝަލިސްޓުން ހޯދަން ކުރި އިއުލާނާ ގުޅިގެން ކުރިމަތިލި މީހުންނަށް މާކްސް ދިން ގޮތުގެ މައުލޫމާތު ހޯދުމަށް އެ މަގާމަށް ކުރިމަތިލި އެކަކު ކަމަށްވާ ޑރ. އިބްރާހިމް ޝިޔާމް އެދިވަޑައިގަތުމުން އެ މައުލޫމާތު ދޭން ދެކޮޅު ހެދުމުން ޝިޔާމް ހުށަހެޅި މައްސަލަ އާއި ގުޅޭ އަޑު އެހުމެވެ.

އެ އަޑު އެހުމުގައިވެސް އިންފޮމޭޝަން ކޮމިޝަނަރު ވަނީ މައްސަލައިގެ އަޑު އެހުމަށް ވާން ޖެހޭ ތައްޔާރީތައް މައްސަލަ ރައްދުވާ، އިކޮނޮމިކް މިނިސްޓްރީން ވެފައި ނުވާކަން ފާހަގަކުރައްވާފައެވެ.

އެގޮތުން އެ މައްސަލައިގައި އިކޮނޮމިކް މިނިސްޓްރީން އައިޓީ ސްޕެޝަލިސްޓުން ހޯދަން ކުރި އިއުލާނާ ގުޅިގެން ކުރިމަތިލި މީހުންނަށް މާކްސް ދިން ގޮތުގެ މައުލޫމާތު ދޭން އިންކާރު ކުރި ނަމަވެސް، އެފަދަ އެހެން މައްސަލައެއްގައި އެ މިނިސްޓްރީން މައުލޫމާތު ހާމަކޮށްފައިވާ ކަމަށް ބުނުމުން އިކޮނޮމިކް މިނިސްޓްރީން ވަޑައިގެންނެވި ބޭފުޅުންނަށް ލިބުނީ ހައިރާން ކަމެކެވެ.

އަދި އިންފޮމޭޝަން ކޮމިޝަނަރު އިޝާރާތް ކުރެއްވި މައްސަލަ ނިމުނީ ކޮން އިރަކު ކަމެއްވެސް، އިކޮނޮމިކް މިނިސްޓްރީން ވަޑައިގެންނެވި ބޭފުޅުންނަކަށް ނޭނގުނެވެ. އެ ވުޒާރައިން ވަޑައިގެންނެވި ހަސަން ސޮފްވާން ވަނީ އިކޮނޮމިކް މިނިސްޓްރީން މަގާމަކަށް މީހަކު ހޮވަން ކުރާ އިންޓަވިއުގައި މާކްސް ހާމަކުރީ ކޮން އިރަކުތޯ ސުވާލުކޮށްފައެވެ.

އެކަމާއި ގުޅިގެން ފިޔާޒް ވިދާޅުވީ، އެ މައުލޫމާތު އިކޮނޮމިކް މިނިސްޓްރީ އަށް އެނގެން ޖެހޭނެ މައުލޫމާތު ކަމަށެވެ.

"އަޅުގަނޑު ނުޖެހޭނެ ތާ އެ މައުލޫމާތު ދޭކަށް. ތިބޭފުޅުންނަށް އެނގެންވާނެ ނޫންތޯ. ހޯމްވޯކް ހައްދަވައިގެން ވަޑައިގަންނަވާ." ފިޔާޒް ވިދާޅުވިއެވެ.

މި ދެ މައްސަލައިގައި ވެސް އިންފޮމޭޝަން ކޮމިޝަނަރު ފިޔާޒް ވަނީ 45 ދުވަހުގެ ތެރޭގައި މައްސަލަ ހުށަހެޅި ފަރާތުން އެދުނު މައުލޫމާތު ފޯރުކޮށްދިނުމަށް އަންގަވާފައެވެ. އަދި އެ މައުލޫމާތު ފޯރުކޮށްދެން 45 ދުވަސް ލިބުނު ނަމަވެސް އެ މުއްދަތު ހަމަވަންދެން ނުތިބެ، ވީއެންމެ އަވަހަކަށް މައުލޫމާތު ފޯރުކޮށްދިނުމަށް ފިިޔާޒް އިލްތިމާސްކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މޯދީ

    މިހާރު ދެން އެކިވަރުގެ ސަރުކާރުތަކާއި ތަހުގީގީ އިދާރާތައް، ބޮޑުވަޒީރުގެ އޮފީހުން އަންގާ އެންގުންތައްކަން ނޭގެ އުތަ!

  2. ޝާނާ

    ވ ރަނގަޅު ޒިންމާ އަދާކުރަންޖެހޭ ފަރާތްތައް ޒިންމާ އަދާ ނުކުރާނަމަ ޒިންމާދާރު ކުރުވުމަކީވެސް އެކަން ކުރަންޖެހޭ ފަރާތްތަކުން ކުރުން ލާޒިމް ކަމެއް ފިޔާޒްގެ މަސައްކަތަށް ޝުކުރުދައްނަވަން އުމީދު ކުރަން އެބޭފުޅުން ހޯމްވޯކް ހެދިތޯ ޗެކްކޮށްދެއްވާ ރަނގަޅަށް ކޮމިޝަން ފަންގްޝަންވެގެން ދާނެކަމަށް.

  3. ކިނބޫ

    މިގައުމުގަވެސް މިތިބީ އެކިވަރުގެ މޯދީން ކުދި، މެދު، ބޮޑު، މާސިންގާ މޯދީން އެންމެވެސް ކުރަނީ އަމުރު ޚިދުމަތެއްދޭނެ މީހަކުނެތް މިއޮތީވާ ސަރުކާރެއް