ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ވަކިވަކި ބޯޑު ޑިރެކްޓަރުންގެ މުސާރައިގެ މައުލޫމާތު ހާމަކުރުމަށް ހައި ކޯޓުން މިއަދު ކުރި ހުކުމާ އެކު، މައުލޫމާތު ހޯދުމާއި ލިބި ގަތުމުގެ ގާނޫނުގެ ދަށުން މައުލޫމާތު ހާމަކުރުން ސަރުކާރު ކުންފުނިތަކަށް މަޖުބޫރު ވެއްޖެއެވެ.

ސަރުކާރުގެ ކުންފުނިތަކަކީ ދައުލަތުގެ އިދާރާތަކެއް ނޫން ކަމަށް ބުނެ މީގެ ކުރިން ސަރުކާރު ހިއްސާވާ ހުރިހާ ކުންފުނިތަކަކުން ވެސް ވަނީ އާއްމުންނަށް މައުލޫމާތު ނުދީ ހިފަހައްޓާފައެވެ.

ނަމަވެސް މިއަދު ހައިކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން އިއްވި ހުކުމުގައި ވިދާޅުވެފައި ވަނީ ދައުލަތުގެ އިދާރާ ކަމަށް ބުނެފައި އެވަނީ، ވެރިކަން ހިންގާ ފަރާތާއި، ރައްޔިތުންގެ މަޖިލީހާއި ޢަދުލު އިންސާފު ޤާއިމުކުރުމުގެ ބާރާއި މިނިވަން މުއައްސަސާތަކާއި މުސްތަޤިއްލު މަޤާމުތަކާއި ސަލާމަތީ ޚިދުމަތްތަކާއި ޤާނޫނުއަސާސީގެ ދަށުން އިންތިޚާބުކުރެވޭ ކައުންސިލުތައް ހިމެނޭ ގޮތުގެމަތިންނެވެ. އަދި، އެ ތަނެއް ހިންގުމުގައި ދައުލަތުގެ މަސްއޫލިއްޔަތެއް އަދާކުރާ ކޮންމެ ތަނަކާއި ދައުލަތުގެ ބަޖެޓުން ހިންގާ ކޮންމެ ތަނަކާއި ދައުލަތުގެ ބަޖެޓުން އެހީ ލިބިގެން ހިންގާ ކޮންމެ ތަނެއް މެ ހިމެނޭގޮތުން ކަން ގާނޫނުގައި ބަޔާން ކޮށްފައި އެބައޮތް ކަމަށެވެ.

ބޭންކް އޮފް މޯލްޑިވްސް އަކީ މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގައި "ދައުލަތުގެ އިދާރާ" މާނަކުރުމުގައި ހިމަނާފައިވާ ބައިތަކުގެ ތެރެއިން "އެތަނެއް ހިންގުމުގައި ދައުލަތުގެ މަސްއޫލިއްޔަތެއް އަދާކުރާ" ތަނެއްގެ ގޮތުގައި ބެލެވޭ ކުންފުންޏެއް ކަމަށާއި އެކުންފުނީގެ އަސާސީ ޤަވައިދުގައި އޮތް ކުންފުނީގެ މަޤުޞަދުން އެކަން އަދި މާބޮޑަށް ޔަގީންވާ ކަމަށް ވެސް ހުކުމުގައި ވެއެވެ.

މައްސަލަ ހުށަހެޅި އަޙްމަދު އައިމަން ލަޠީފް ބޭންކްގެ ފަރާތުން ހޯދުމަށް އެދިފައިވަނީ ބޭންކްގެ ބޯޑު އޮފް ޑިރެކްޓަރސް، ސީނިއަރ މެނޭޖްމަންޓް ސްޓާފުން، އަދި ބޭންކްގައި މަސައްކަތް ކުރައްވާ މުވައްޒަފުންގެ މަޤާމުތަކުގެ ތަފްޞީލުކަން އެނގޭކަން ފާހަގަ ކޮށް ހުކުމުގައި ބުނެފައި ވަނީ މި މަޢުލޫމާތަކީ ވިޔަފާރީގެ ސިއްރެއް ނުވަތަ ޓްރޭޑް ސީކްރެޓެއްގެ ގޮތުގައި ބެލެވިދާނެ މަޢުލޫމާތެއް ކަމަކަށް ޤަބޫލެއް ނުކުރެވޭ ކަމަށެވެ.

އަދި އެ މަޢުލޫމާތު ހާމަކުރުމަކީ ބޭންކްގެ ވިޔަފާރީގެ ނުވަތަ މާލީ މަސްލަހަތަށް ގެއްލުންވެދާނެ ކަމެއް ކަމަށް ބެލެވިދާނެ ސަބަބެއް ބޭންކަށް ކޯޓުގައި ބުނެދެވިފައި ނުވާކަމަށާއި އެހެންކަމުން އަޙްމަދު އައިމަން ލަޠީފް ހޯދުމަށް އެދުނު އެ މަޢުލޫމާތަކީ ދޫނުކުރެވޭނެ މަޢުލޫމާތެއް ކަމުގައި މައުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނަށް ބަލާއިރު ބެލެވެން ނެތް ކަމަށް ވެސް ހުކުމުގައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޑީސީން އެޗް

    ތިޔައީ 100އިގެ ހުކުމެއް ކުންފުނި ތައް މައުލޫމަތު ސިއްރުކުރަނީ ހިންގާ ކަރަޕްޝަން ފަލާ އަރާފާނެތީ އެހެން އެއްވެސް ކަމެއްގައެއް ނޫން

  2. އަބްދޫ

    ކުންފުނި ތަކަށް ބޭނުންވާ މިންވަރަށް ވުރެ ގިނަ މުވައްޒަފންނަށް ވަޒީފަ ދީގެން މުސާރަ ދެމުންދާ މައްސަލަޔާއި . މަސައްކަތް ކުރުމުގެ ނަމަުގަ ވަށަ ޓިނުވަ ވަކިކޮށް މަސައްކަތެއް ނުކކޮށް މުސާރަދޭ އެތައްބަކަު އެތައް މަސްތަކަކަށް ގެނގުލެ ކުންފުންޏަށް ގެއްލުންވާގޮތަށް އަމަލުކުރަމުންދާ މައްސަލަތަށް ބެލުމަށް ކޯޓް އަމުރެއް ނެރެންޖެހޭ ހާލަތަށް ގައުމު ގޮއްސި މިކަމާ ވިސްނަވާނެ ކަމަށް އުންމީދު ކުރަން.