މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން، އޮންލައިންކޮށް މައުލޫމާތު ހޯދަން އެދުމަށް ޕޯޓަލެއް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން މިއަދު އިފްތިތާހުކޮށްފިއެވެ.

"މަހޯލި" ގެ ނަމުގައި މިއަދު އިފްތިތާހު ކުރި ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް މައުލޫމާތު ހޯދަން އެދެވޭނެއެވެ.

މަހޯލި ޕޯޓަލް ތައާރަފްކޮށްފައިވަނީ ދައުލަތުގެ 50 އަށް ވުރެ ގިނަ އިދާރާތައް ހިމަނައިގެންނެވެ. މީގެ ތެރޭގައި މިނިސްޓްރީތަކާއި ކޯޓުތަކާއި މިނިވަން މުވައްސަސާތަކުގެ އިތުރުން ލޯކަލް ކައުންސިލްތައް ވެސް ހިމެނޭނެ ކަމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ހާމަކުރެއެވެ.

ޕޯޓަލް އިފްތިތާހު ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި އިންފޮމޭޝަން ކޮމިޝަނަރ އަހުމަދު އާހިދު ރަޝީދު ވިދާޅުވީ ޕޯޓަލްގެ މައިގަނޑު ބޭނުމަކީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގު ވީހާވެސް ފަސޭހަ ގޮތެއްގައި ހޯދައިދިނުން ކަމަށެވެ.

އަދި މައުލޫމާތު ހޯދަން ދައުލަތުގެ އިދާރާތަކުގައި އެދުމުން އެ މައުލޫމާތު ވީހާ ވެސް ފަސޭހަ ގޮތެއްގައި އެދުނު ފަރާތްތަކަށް މި ޕޯޓަލް މެދުވެރިކޮށް ފޯރުކޮށްދެވިގެންދާނެ ކަމަށް ވެސް އާހިދު ވިދާޅުވިއެވެ.

"ދައުލަތުގެ އިދާރާއަށް މައުލޫމާތަށް އެދި ހުށަހެޅުމުން އެ އިދާރާއަކުން އެ މައުލޫމާތު ދިނުމަށް އިންކާރު ކޮށްފި ކަމުގައި ވަންޏާ، ނުވަތަ ދިން މައުލޫމާތާ މެދު ހިތްހަމަ ނުޖެހޭ ކަމަށް ވަންޏާ، ގާނޫނުގައި ކަނޑައަޅާފައި އޮންނަ ގޮތަށް މުރާޖައާ ކުރުމަށް މުރާޖައާ ކޮމިޓީއަށް ވެސް ޕޯޓަލްއިން ހުށަހެޅޭނެ، އަދި މުރާޖައާ ކޮމިޓީން ނިންމާ ނިންމުމަށް ހިތްހަމަ ނުޖެހޭ ކަމަށް ވަންޏާ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް އިލްތިމާސްކުރުމަށް ޓަކައި ވެސް ޕޯޓަލްއިން ހުށަހެޅޭނެ،" އޭނާ ވިދާޅުވިއެވެ.

ޕޯޓަލް މެދުވެރިކޮށް މައުލޫމާތު ހޯދަން ހުށަހެޅުމުން، އީމެއިލް މެދުވެރިކޮށް އެ ކަން ދައުލަތުގެ އިދާރާތަކުގެ އިންފޮމޭޝަން އޮފިސަރުންނަށް އެނގޭނެ ގޮތަށް އިންތިޒާމުކޮށްފައިވާއިރު އިދާރާތަކުގެ އިންފޮމޭޝަން އޮފިސަރުން ޖަވާބު ދޭނީ ވެސް ޕޯޓަލް މެދުވެރިކޮށެވެ.