ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ ޑަބްލިޔުއެޗްއޯއިން ރާއްޖެއަކީ ހިމަބިހި ނައްތާލެވިފައިވާ ޤައުމެއްގެ ގޮތުގައި 2017 ވަނަ އަހަރު ކަނޑައެޅިފަހުން މިއަހަރު އަނެއްކާވެސް ރާއްޖެއިން ހިމަބިހި ފެނިފައިވާތީ، "މަވެސް ޖަހައިފިން"ގެ ނަމުގައި ހިމަބިހި ވެކްސިން ޕްރޮގްރާމެއް ފަށައިފިއެވެ.

އެޗްޕީއޭއިން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ މިއަދު ފަށާ ހިމަބިހި ވެކްސިން ކެމްޕެއިނަކީ މި އައުޓްބްރޭކާއި ގުޅިގެން މިފަދަ އިތުރު އައުޓްބްރޭކެއް ރާއްޖޭގައި ފެތުރުނަ ނުދިނުމަށްޓަކައި ހިންގާ ކެމްޕެއިނެއް ކަމަށާއި މި ކެމްޕެއިންގައި 6 މަހާއި 18 މަހާއި ދެމެދުގެ ތުއްތު ކުދިންނަށް އެމް.އާރު ވެކްސިންގެ އިތުރު ޑޯޒެއް ދެވޭނެ ކަމަށެވެ. އަދި 18 މަހާއި 40 އަހަރާއި ދެމެދުގެ މީސްލްސް ވެކްސިންގެ ދެ ޑޯޒު ފުރިހަމަ ނުކުރާ ހުރިހާ ފަރާތްތަކަކަށް ވެކްސިން ޖަހާނެ ކަމަށްވެސް އެޗްޕީއޭގެ ބަޔާނުގައި ބުނެފައިވެއެވެ.

މި ކެމްޕެއިންގައި ދިވެހީންގެ އިތުރުން ރާއްޖޭގައި އުޅޭ ބިދޭސީންނަށްވެސް ވެކްސިން ދިނުމަށް ރާވާފައި ވެއެވެ.

"ގާތްގަނޑަކަށް ތިންމަސް ދުވަހަށް ހިންގުމަށް ރާފައިވާ މި ކެޕްޕެއިން ފުރަތަމަ ފަށާނީ މާލޭގެ ސްކޫލްތަކުގަ. ސްކޫލްތަކުަގައި މީސްލްސްގެ ދެ ޑޯޒު ހަމަނުވާ ދަރިވަރުންނާނާއި، 40 އަހަރުން ދަށުގެ ޓީޗަރުންނާއި މުވައްޒަފުންނަށް ވެކްސިން ދެވޭނެ،" އީޕީއޭގެ ބަޔާނުގައި ބުނެފައި ވެއެވެ.

އެޗްޕީއޭގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ މިހާތަނަށް މީސްލްސްގެ ކޭސްތައް ފެނިފައިވަނީ މާލެ ސަރަހައްދުން ކަމުގައި ވާތީވެ، ވެކްސިން ދިނުމުގެ ކެމްޕެއިން ފުރަތަމަ ކުރިއަށް ގެންދާނީ މާލޭގައި ކަމަށާއި، އަތޮޅު ތެރޭގައިވެސް މި ކެމްޕެއިން ފެށުމުގެ ތައްޔާރީތައް ވަރަށް ބާރަށް ކުރިއަށް އެބަދާ ކަމަށެވެ.