ދަބަހުގައި ބޮމެއް އޮތް ކަމަށް ބުނެ، އިންޒާރު ދިން މީހަކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މިއަދު ހައްޔަރުކޮށްފިއެވެ.

"ވަގުތަށް" އެނގިފައިވާ ގޮތުގައި އެ މައްސަލައިގައި ހައްޔަރު ކުރީ ދިވެއްސެކެވެ. އެ ދިވެހި ފިރިހެނަކީ އެއާ އޭޝިއާގެ ފްލައިޓަކުން ތައިލެންޑްގެ ވެރިރަށް ބެންކޮކަށް ފުރަން އުޅުނު މީހެއް ކަމަށްވެއެވެ.

އެމީހާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުންނަ ފުރަތަމަ ޗެކިން އޭރިއާ ކައިރިއަށް ގޮސް، ދަބަހުގައި ބޮމެއް އޮތް ކަމަށް ބުނެ އިންޒާރު ދިނުމުން ސިފައިން ވަނީ އެމީހާ ހިފަހައްޓައި އޭނާގެ ހާޒިރުގައި ދަބަސް ބަލައި ފާސްކޮށްފައެވެ.

އެކަމަކު، އޭނާގެ ދަބަހުން ވެސް ގޮވާ ޒާތުގެ އެއްވެސް އެއްޗެއް ފެނިފައި ނުވާ ކަމަށްވެއެވެ.

އެހެންވެ، ސިފައިން ވަނީ އެމީހާ ފުލުހުންނާ މިހާރު ހަވާލުކޮށްފައެވެ.

ދަބަހުގައި ބޮމެއް އޮތް ކަމަށް ބުނެ އިންޒާރު ދިން މީހަކު އެއާޕޯޓުން ހައްޔަރު ކުރިއިރު، ދަބަހުގައި ބޮމެއް އޮތް ކަމަށް ބުނެ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ސެކިއުރިޓީންނަށް އިންޒާރުދިން ދެ ޓޫރިސްޓެއްގެ މައްސަލަ ދާދި ފަހުން ފުލުހުން ބެލިއެވެ. ފުލުހުން ބުނީ ސްވިޒަލެންޑާއި ސެނެގޯލްގެ ފިރިހެން ދެ ޓޫރިސްޓުން އެގޮތަށް އިންޒާރު ދިން އިރު ތިބީ މަސްތުވެގެން ކަމަށެވެ.

އެއާޕޯޓަށް ދިޔަ އެ ދެ ޓޫރިސްޓުންގެ ދަބަހުގައި ބޮމެއް އޮތް ކަމަށް ބުނީ އެ ޗެކްކުރަން ސެކިއުރިޓީން އުޅުމުން ކަމަށެވެ. އެކަމަކު އެފަދަ އެއްވެސް އެއްޗެއް ނުފެންނަ ކަމަށް، ފުލުހުން ބުންޏެވެ.

އެއާޕޯޓްތަކުގައި ސެކިއުރިޓީ ޗެކްކުރާ އިރު ބޮން ފަދަ އެއްޗެއް އޮތް ކަމަށް މަޖަލަކަށް ބުނުމަކީ ވެސް، މުޅި އެއާާޕޯޓް އެލާޓަށް އަންނަ ކަމެކެވެ. ދިވެހި މީހާގެ އިންޒާރާ ގުޅިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު އެލާޓަށް އައި ކަމަށްވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަފީބެ

    ކަސްޓަމްސް ގެ ބުރަމަސައްކަތެއް ނޫންތަ ތިމީހާ ހައްޔަރު ކުރުން. އާނ! އެހެންނަ އެނޫނީ ނުތިބޭނެ އެހެންމީހުން ކުރާ މަސައްކަތުން ކްރެޑިޓްނަގާ މެޑަލްޖްހާ ބަޔަކު.