އާދަޔާއި ޚިލާފް ރޯގާއެއް ރާއްޖޭގައި ފެތުރޭ ނަމަ، މި ދަނޑިވަޅުގައި އެކަން ބަލާނީ "އެލަރޓް" ނުވަތަ ޚާއްސަ ސަމާލުކަމެއް ދޭން ޖެހޭ ކަމެއްގެ ގޮތުގައި ކަމަށް ޑރ. އަހުމަދު ޝަހީދު ވިދާޅުވެއްޖެއެވެ.

މިރޭ، ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝަހީދު ވިދާޅުވީ، ކޮވިޑް 19 ގެ މަސްރަހު ދުނިޔޭގައި ބަދަލުވަމުންދާ ކަމަށާ، ބަދަލުވާ ހާލަތާއި އެކު ބަލިން ރައްކާތެރިވުމަށް ރާއްޖެއިން އަޅާފައިވާ ފިޔަވަޅުތަކަށް ވެސް ބަދަލުގެންދާނެ ކަމަށެވެ.

މީގެ ކުރިން އެ ބަލި ފެތުރެމުން އައީ ބޮޑަށް ޗައިނާގައި ކަމަށްވީ ނަމަވެސް، މިހާރު އެ ހާލަތު ބަދަލުވަމުން ދާތީ، ކުރިއަށް ވުރެ ހަރުދަނާ ފިޔަވަޅުތަކެއް އެ ބަލިން ރައްކާތެރިވުމަށް އަޅަމުންދާ ކަން އޭނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ކޮންމެ ދުވަހަކު ވެސް ހުމާއި ރޯގާ ފަދަ ބަލިތަކަށް ފަރުވާ ހޯދާ މީހުންގެ އަދަދު ބަލާ، އިތުރަށް ސަމާލުވާން ޖެހޭ އެއްވެސް ކަމެއް ހުރިތޯ ބަލަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

"އޭގެ މާނައަކީ މިސާލަކަށް އައިޖީއެމްއެޗަށް ދައްކަން އަންނަ އަރިދަފުސް ރޯނގާ، ހުން، ދުވަހުން ދުވަހަށް ބަލާ، އެ ސްޓެޓިކްސްތައް އެބަ ބަލާ. އެގޮތުންބަލާއިރު އާދަޔާ ޚިލާފަށް އަރިދަފުސް ރޯގާއެއް ރާއްޖޭގައި ފެތުރޭ ކަމަށް ވާނަމަ އަޅުގަނޑުމެންނަށް ވާނީ އެލާޓަކަށް. ނުވަތަ ގޮތް ނޭނގޭ ނިއުމޯނިއާއެއް ފެތުރޭނަމަ." ޑރ.ޝަހީދު ވިދާޅުވިއެވެ.

މީގެ އިތުރުން ބަލި ފެތުރެމުންދާ ޤައުމަކުން އަންނަ މީހުންގެ ކިބައިން "ކޮވިޑް 19"އިގެ އެއްވެސް އަލާމާތެެއް ފެންނަ ނަމަ ދާނެ ޚާއްސަ ކްލިނިކްތަކެއް ވަރަށް އަވަހަށް އެކުލަވާލާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެކަމުގެ މަޤްސަދަކީ އެފަދަ މީހުން އާއްމުކޮށް ޚިދުމަތް ހޯދާ ތަންތަނަށް ނުގޮސް، ސިއްހީ ހިދުމަތްތައް ހޯދާނެ ނިޒާމެއް ޤާއިމް ކުރުން ކަމަށާ، ބަލީގެ އެއްވެސް އަލާމާތެއް މީހެއްގެ ކިބައިން ފެންނަ ނަމަ އެޗްޕީއޭގެ ހޮޓްލައިނަށް ގުޅައިގެން އެ މީހާ ޑޮކްޓަރަށް ދެއްކުމުގެ ފުރުސަތު ހަމަޖެއްސުން ކަމަށް ޑރ. ޝަހީދު ވަނީ ވިދާޅުވެފައެވެ.

މިހާރު ރާއްޖެއިން ވަނީ އީރާނާއި، ޗައިނާ އަދި ސައުތު ކޮރެއާގެ ދެ ހިސާބަކުން މީހުން ރާއްޖެއައުން މަނާކޮށްފައެވެ. އެހެންނަމަވެސް އެއްވެސް ޤައުމެއްގައި ހުރި ދިވެއްސެއް ރާއްޖެ އަށް އަންނަން ބޭނުންވާ ނަމަ އެ ފުރުސަތު އޮންނާނެ ކަން ހެލްތް މިނިސްޓްރީން ފާހަގަކުރައްވައެވެ.

އެހެންނަމަވެސް އެފަދަ ފަރާތްތައް އަންނަނީ ބަލި ފެތުރޭ ޤައުމަކުން ކަމަށް ވާނަމަ، އެ ފަރާތްތައް 14 ދުވަސް ވަންދެން ކަރަންޓީން ކުރާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މާމިގިލީ މީހާ

    މިދިޔަ މަހުން ފެށިގެން މާމިގިލީގަ އާދަޔާހިލާފު ގަދަ ރޯގާއެއް އެބަ ފެތުރޭ.

  2. އެމަންޖެ

    ރޯގާއެއް ފެތުރިގެންނެއްނޫންދޯ މިފެނުނީކީ.