އައްޑޫގައި ގުޅިފައިވާ ރަށްތަކުން ކަރަންޓް ކެނޑުމުގެ މައްސަލަ ހައްލު ކުރުމަށްފަހު އެސިޓީގެ ރަށްތަކަށް ކަރަންޓް ފޯރުކޮށްދެވިފައިވާ ކަމަށް ފެނަކަ އިން ވިދާޅުވެއްޖެއެވެ.

އިއްޔެ ފެނަކަ ކޯޕަރޭޝަނުން އައްޑޫގެ ގެތަކަށް ފޮނުވި ނޯޓިސްގައި ބުނެފައިވަނީ ކަރަންޓު ކެނޑުމަށް ހަމަޖެހިފައިވަނީ އައްޑޫގެ ކަރަންޓުގެ ހާލަތު ރަނގަޅު ކުރުމަށް ގުޅިފައިވާ ރަށްރަށަށް ކަރަންޓު ދެމުންގެންދާ ސެންޓްރަލް ޕަވަރހައުސްގެ ޕެނަލް އަޕްގްރޭޑް ކުރުމަށާއި އަދި އަލަށް ގެނައި ދެ އިންޖީނު ކަރަންޓުވިއުގަށް ގުޅުމުގެ މަސައްކަތް ކުރުމަށްޓަކާ ކަމަށެވެ.

އެރަށުން ކަރަންޓް ކަނޑާލަން ފެނަކައިން ނެރުނު އިއުލާނުގައި ބުނެފައިވަނީ މިއަދު ހެނދުނު 9:00 އިން ފެށިގެން ހަވީރު 16:00 އާއި ހަމައަށެވެ. މި ގަޑިތަކުގައި ރައްޔިތުންނަށް ދިމާވާނެ ދަތިތަކަށް ފެނެކައިން ވަނީ މާފަށް އެދިފައެވެ.

އައްޑޫއިން ކަރަންޓް ކެނޑުމާއި ގުޅިގެން، ގިނަ ރައްޔިތުން މިއަދު ވަނީ ދަތުރު ގޮސްފައެވެ.

މާލެ ސިޓީ ފިޔަވައި އެންމެ ބޮޑު އެއް އާބާދީއެއް އޮންނަ އައްޑޫ ސިޓީއަކީ އަބަދުވެސް ކަރަންޓް ކެނޑުމުގެ މައްސަލަ ދިމާވެފައިވާ ރަށެކެވެ. މި މައްސަލަ ހައްލުކުރުމަށް ފެނަކައިން ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި އިތުރު ޖެނެރޭޓަރުތަކެއް ހޯދަން ނިންމާފައެވެ.

މީގެ އިތުރުންވެސް އައްޑޫ ސިޓީގެ ކަރަންޓަށް ދިމާވެފައިވާ މައްސަލަ ހައްލު ކުރުމުގެ ގޮތުން މިދިޔަ އަހަރު އޮކްޓޯބަރު މަހުގެ ތެރޭގައި 570 މިލިއަން ރުފިޔާގެ ބޮޑު މަޝްރޫއެއް ޗައިނާގެ ކުންފުންޏެއް ކަމަށްވާ ޑޮންގްފަންގް އިލެކްޓްރިކްއާ ހަވާލުކޮށްފައެވެ.