މިހާރު ފެތުރެމުންދާ ކޮވިޑް-19 އާ ގުޅިގެން އައިޖީއެމްއެޗްގައި ތިބި ބަލި މީހުންނަށް ޒިޔާރަތް ކުރުން މިއަދުން ފެށިގެން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ.

އައިޖީއެމްއެޗްއިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ބަލި މީހުންނަށް ޒިޔާރަތް ކުރުން ވަގުތީ ގޮތުން މެދުކަނޑާލީ ކޮވިޑް-19 ގެ ސަބަބުން ރައްކާތެރިވުމުގެ ފިޔަވަޅު އެޅުމުގެ ގޮތުން ހޮސްޕިޓަލްގައި ބައިތިއްބައިގެން ފަރުވާދޭ ބަކި މީހުންނަށް ނުރައްކާވެދާނެ ކަމަށް ފެންނާތީ އަދި އެންމެންގެ ރައްކާތެރިކަމަށް ޓަކައި ކަަމަށެވެ.

"ނަމަވެސް ފާސް ލިބިފައިވާ ބަލިމީހާގެ އެހީތެރިޔާއަށް ބަލިމީހާ އާއިއެކު މަޑުކުރުވޭނެ ވާހަކަ ދެންނެވީމެވެ". އެ ބަޔާނުގައި ވެއެވެ.

އައިޖީއެމްއެޗް އިން ވަނީ، ފާސް ލިބިފައިވާ މީހުންގެ އިތުރުން، އެހެން މީހުން ހޮސްޕިޓަލަށް ޒިޔާރަތް ކުރުމާއި، މި ނޫން އެހެން ކަންތައްކުގައިވެސް ކޮންމެހެން ހޮސްޕިޓަލަށް ދާން ނުޖެހޭނަމަ ހޮސްޕިޓަލަށް ނުދިއުމަށް އިލްތިމާސްކޮށްފައެވެ.

ރާއްޖެއިން ކޮވިޑް-19 ފެނިފައި ވަނީ ޅ. ކުރެއްދޫ އައިލެންޑް ރިސޯޓުންނެވެ. އެ ރިސޯޓުގައި މަސައްކަތް ކުރާ ދެ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްފެފައިވާކަން އިއުލާނު ކުރީ ރޭގައެވެ.

ރާއްޖެއިން ކޮވިޑް-19 ފެނުނު ކަމުގައިވިޔަސް، އާއްމުން ޕެނިކް ނުވުމަށް ސަރުކާރުން ވަނީ އެދިފައެވެ. އަދި ޑޮކްޓަރުންގެ އިރުޝާދާއި އެއްގޮތަށް އަމަލު ކުރުމަށްވެސް އެދިފައި ވެއެވެ.