ދުނިޔޭގައި ހަލުވިކަމާއި އެކުގައި މިހާރު ފެތުރެމުން އަންނަ ކޮވިޑް19 ވައިރަހުގެ ސަބަބުން ރާއްޖޭގެ އިގްތިސޯދަށް ކުރާ އަސަރުތައް ކުޑަކޮށް ރާއްޖެއަށް އާމްދަނީ ވަންނާނެ ގޮތްތަކާއި ބެހޭ ގޮތުން ރައްޔިތުންގެ މަޖިލީހުގައި މަޝްވަރާ ކުރެވެން ޖެހޭ ކަމަށާއި މިފަދަ ހައްސާސް ދަނޑިވަޅެއްގައި މަޖިލިސް ހުއްޓިގެން ނުވާނެ ކަމަށް ޑީއާރްޕީގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

އިލެކްޝަންސް ކޮމިޝަނުގެ މެންބަރު ކަމަށް ބޭފުޅަކު އައްޔަން ކުރުމާއި ގުޅޭ ގޮތުން މިނިވަން މުއައްސަސާތަކުގެ ކޮމެޓީން ހުށަހެޅި ރިޕޯޓަށް ބަހުސް ކުރައްވާ ވާހަކަދައްކަވަމުން ޖާބިރު ވިދާޅުވީ މިފަދަ ދަނޑިވަޅެއްގައި ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލިސް އޮންނަން ޖެހޭނީ އިމަޖެންސީގައި ކަމަށެވެ. އޭނާ ވިދާޅުވީ ދައުލަތުގެ ހަރަދުތައް ކުޑަ ކުރުމަށް ނިންމާ ނިންމުމާއި އެކުގައި ދިވެހި ދައުލަތަށް ފައިސާ ނުވަތަ އާމްދަނީ ވަންނާނެ ގޮތްތަކާއި މެދު ވެސް މަޖިލިސް ތެރޭގައި ވާހަކަދެކެވެން ޖެހޭ ކަމަށެވެ.

ޖާބިރު ވިދާޅުވީ މިވަގުތު މާލިއްޔަތު ކޮމެޓީއާ އިގްތިސޯދީ ކޮމެޓީގެ މަސައްކަތްތައް ވަރަށް ބާރު ސްޕީޑުގައި ކުރެވެން ޖެހޭ ކަމަށެވެ. އެގޮތުން އެ ކޮމެޓީތަކަށް ރާއްޖެއަށް މިވަގުތު އިންވެސްޓު ކުރަމުން ގެންދާ ފަރާތްތައް ހާޒިރު ކުރަންޖެހޭ ކަމަށް ޖާބިރު ވިދާޅުވިއެވެ. ޖާބިރު ވިދާޅުވީ ބައިނަލްއަގުވާމީ ޖަމިއްޔާ ޖަމާއަތްތަކުގެ ތެރެއިން ރާއްޖެއަށް މަދަނީ އަދި މާލީ އެހީ ދޭ ފަރާތްތަކުގެ އެހީތެރިކަން ރާއްޖެއަށް ހޯދަންޖެހޭ ކަމަށެވެ.

"މިއަދު ދިވެހި ސަރުކާރުން ބޭނުންވަނީ ސީދާ މި މަޖިލީހުން ރައްޔިތުންނަށް ބޭނުންވާ ސްޓިއުމްލަސް ޕެކޭޖެއް އޮޕަރޭޓުވާން. އެއީ އާމްދަނީ ހޯދުމާއި ބެހޭ ގޮތުން. ފުރަތަމަ ކަމަކީ ކޮބައިތޯ. އާމްދަނީ ހޯދުމާއި ބެހޭ ގޮތުން އެއްވެސް ކަމެއް ވާތަނެއް އަޅުގަނޑަކަށް ނުފެނޭ. ކޮރޯނާ ވައިރަސް، އެވާހަކައަށް ވަރަށް ރަނގަޅަށް އެޑިއުކޭޓުވެއްޖެ، އަޅުގަނޑު މި ގޮވާލަކީ ދުނިޔޭގައި ސޭފްކޮށް ތިބެން ބޭނުންވާ ހުރިހާ އެންމެން ރާއްޖެ އަންނަން އެންމެން،" ޖާބިރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރާއްޖޭގެ ރައްޔިތުންނަށް ވެސް މި ހާލަތުގައި އެއްވެސް އެއްޗެއް މަދުވެގެން ނުވާނެ ކަމަށެވެ. އެގޮތުން މުވައްޒަފުންގެ މުސާރަތައް ކުޑަކޮށް މުވައްޒަފުން ވަޒީފާއިން ވަކި ކުރުމަކީ ކޮށްގެން ވާނެ ކަމެއް ނޫން ކަމަށާއި އެކަން ކުރުވިޔަ ދީގެންވެސް ނުވާނެ ކަމަށެވެ.

"އަޅުގަނޑު މާލިއްޔަތު ކޮމެޓީގެ މުގައްރިރަށާއި އެ ކޮމެޓީގެ މެންބަރުންނަށް ގޮވާލަން މިރެެއިން މިރެއަށް އެ ކޮމެޓީ ބާއްވާ ރާއްޖޭގައި ތިބި ހުރިހާ އިގްތިސޯދީ މާހިރުން އެއްކުރާށޭ. އެއްކޮށްފައި ސީދާ މި ރާއްޖެއަށް ދެން ހަދަންވީ ގޮތެއް، އޭގެތެރޭގައި އެމްޔޫ މަނިކު ޗަމްޕާ އަފީފު ޗަމްޕާ އުއްޗު ސަންޓްރެވަލް ޝިޔާމް ގާސިމް އިބްރާހީމް އަބްދުﷲ ޖާބިރު އަދިވެސް ނަން ކިޔާ ހުރިހާ އެންމެން މިތަނަން [މަޖިލީހަށް] ގެންނާށޭ. މިގައުމުން އެމީހުން އެއްޗެއް ނަގާފައި އޮތިއްޔާ އެ އެއްޗެއް ހަވާލު ކުރާށޭ މިއީ ވަގުތެކޭ މި ވަގުތުކޮޅުގައޭ އެންމެ އެއްބާރުލުން ދޭންޖެހޭނީ،" ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވަނީ ތަކުރާރުކޮށް މަޖިލިސް ބަންދު ނުކޮށް މަޖިލިސް ބޭއްވުމަށް ގޮވާލާފައެވެ. މިއަދު މާލިއްޔަތު ކޮމެޓީވެސް ސައުވީސް ގަޑިއިރު މަސައްކަތް ކުރަން އެބަޖެހޭ ކަމަށް ވިދާޅުވެ ޖާބިރު ވިދާޅުވީ މި ދަނޑިވަޅުގައި ސަރުކާރަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް ގާނޫނުތައް ބަދަލުކޮށްގެން ވިއަސް ސަރުކާރަށް ދޭންޖެހޭ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ބޮޑު ހަސަންބެ

    ޖާބެ ބުންޏަސް ތީ ރަނގަޅު ވާހަކެއް. ޖާބެއަށް ވިސްނޭ އަންނިއަށް ނުވިސްނުނަސް.

    10
    2
  2. ދިވެހި ފޭރާން

    މަޖިލީހުގަވެސް ބެޑް ބަހައްޓަން ވީނުންތޯ، ކެޕޭސިޓީ އިތުރު ކުރަން.

  3. އަލީ

    ފުރަތަމަ ކަލޭ ރާއްޖެއިން ނެގި އެއްޗެހި ދޭންވީނު؟ އިހައްދުވަހުވެސް ބޮޑުމޮހަރާ ނެގީ... ކާކަށް ކޯޗެއް ދީފަ؟

  4. ޙަސަނުގެދަރި

    މަޖްލިސް ވެސް ބަންދު ކުރަންވީ ކިހާބޮޑު ޚަރަދެއް ކުޑަވެގެން ދާނެ ތަނުގަ ހުރި އޭސީތައް ކަނޑާލިޔަސް ހޮޅިވާހަކަ ނުދެއްކޭނެތީ ދެރަވަނީތޯ ޖާބިރޫ

  5. ނައީމް

    އެބަޔަކު ކުރިކަމެއް އެބަޔަކާއި ބައްދަލްކުތާނެތެވެ.!ﷲ އަކުބަރު.:
    1. ރާއްޖެ ބޮއިކޮޓްކުރަން ނަސީދު އައްނި ޓުއަރިސްޓުންނަށް ގޮވާލި.
    2. ދަރިން ސުކޫލަލަށް ނުފޮނުވުމަށް ރޮޒެއިނާ ގޮވާލި.
    3. ދަރުމަވަންތަ ހޮސްޕިޓަލަކީ ބޭކާރުތަނެއްކަމަށް އެމްޑީޕީން ބުނި.
    4. ޓެބްލެޓަކީ ބޭނުމެއްނުހިފޭ އެއްޗެއްކަމަށް އެމްޑީޕީން ބުނި.
    މި ހުރިހާކަމަކާއި މިއަދު އެމްޑީޕީ ސަރުކާރަށް ކުރިމަތިލާންޖެހިއްޖެ.
    ދިރިތިބީންނަށް މިއީ ޢިބުރަތެއް!!

    13
  6. އަހަރެން

    ކަލޭމެން ބަހުސް ކޮށްގެންދޯ ރާއްޖެއަށް ފައިސާ ތިވައްދަނި، ކަލޭމެންބަހުސްކުރަނީ އަމިއްލަ އަންބޮނޑި ބޮޑުކުރަން. ގޮތްކުޑަތަށް.