ސްކޫލް ކުދިންގެ މެދުގައި ކީރިތި ޤުރުއާނަށް ލޯބިޖެއްސުމުގެ ބޭނުމުގައި "އަލްކައުން" ގެ ފަރާތުން އިންތިޒާމްކޮށްގެން ބޭއްވި "އަލް ކައުން އިންޓާރ ސްކޫލް ޤުރުއާން މުބާރާތް" ކާމިޔާބު ކަމާއިއެކު ނިންމާލައިފިއެވެ.

"ވަގުތު" އަށް މައުލޫމަތު ދެއްވަމުން އަލްކައުންގެ އޮފިޝަލަކު ވިދާޅުވީ ބައިވެރިވި ހުރިހާ ސްކޫލްތަކުންނާއި ބެލެނިވެރިން ވެސް މި މުބާރާތުގެ އިންތިޒާމްތައް ވަރަށް ރަނގަޅުކަމަށް ބުނެފައިވާ ކަމަށެވެ.

"ދެން ޖާގައިގެ ދަތިކަމުގެ ވާހަކަ ހުރިހާ ބޭފުޅުންވެސް ދެއްކި. އަސްލު އަޅުގަނޑުމެންނަށް އިތުރު އެއްވެސް ތަނަކުން ޖާގަ ނުލިބިގެން އަލްކައުންގަ މުބާރަތް ބޭއްވީވެސް. އެ ނޫނިއްޔާ ނެތް އިތުރު އެއްވެސް މައްސަލައެއް އެ ގޮތަށް ދިމާވެފައެއް" މުބާރާތުގެ އޮފިޝަލް ވިދާޅުވިއެވެ.

އެހެން އަހަރުތަކާއި ޚިލާފަށް ރާއްޖޭގެ ހުރިހާ ސްކޫލްތަކުގެ ދަރިވަރުންނަށްވެސް ބައިވެރިވެވޭނެ ގޮތަށް ކުރިއަށް ގެންދިޔަ މި މުބާރާތުގައި ޖުމްލަ 65 ސްކޫލަކުން 915 ދަރިވަރުން ބައިވެރިވެފައިވެއެވެ. ނަމަވެސް ބައެއް ސަބަބުތަކާއި ހުރެ މުބާރާތުގައި ކިޔަވައިފައިވަނީ 906 ދަރިވަރުންނެވެ.

"އަންނަންޖެހޭ ދުވަހަށް ނާދެވުނު ކުދިންނަށްވެސް ދެވަނަ ފުރުސަތެއް ދިނުމުން މިއަދު އޭގެ ތެރެއިންވެސް ބައެއް ކުދިން ކިޔެވި" މުބާރާތް އިންތިޒާމް ކުރުމުގައި އިސްކޮށް ހުންނެވި އޮފިޝަލަކު ވިދާޅުވިއެވެ.

މުބާރާތުގެ ޖަޖުންގެ ޕެނަލްގައި ހިމެނެނީ އަބްދުއްﷲ އަލީއާއި މުހައްމަދު ސުހެއިލް އަދި އަމީންއެވެ. އެއީ އެއްވެސް ސްކޫލެއްގެ ޓީޗަރެއްގެ ގޮތުގައި ނުހިމެނޭ، އަދި އެއްވެސް ސްކޫލަކަށް ކޯޗްކަން ކޮށްދީފައި ނުވާ ޤުރުއާނާއި ބެހޭ ދާއިރާއިން ލިބެން ތިބި އެންމެ ރަނގަޅު ފަރާތްތައް ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.

މި މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް ހަމަޖެހިފައިވާ ދުވަހެއް އަދި ކަނޑައެޅިފައެއް ނުވެއެވެ. މުބާރާތުން އެއްވަނަ ހާސިލްކުރާ ދަރިވަރަކަށް އަސްކޮއި ހައްޖު އުމްރާއިން އުމްރާ ދަތުރެއް ދިނުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

މުބާރާތުގެ ރެކޯރޑިންގ 1439 ވަނަ އަހަރުގެ ރަމަޟާން މަހުގެ ކޮންމެދުވަހަކު އަލްކައުން އިން ދެއްކުމަށް ހަމަޖެހިފައިވާއިރު، މި މުބާރާތަކީ މިނިސްޓްރީ އޮފް އެޑިއުކޭޝަނުން އެކުލަވާލާފައިވާ ސްކޫލް އެކްޓިވިޓީ ކަލަންޑަރ 2018 ގައި ހިމެނިފައިވާ މުބާރާތެއްކަންވެސް ފާހަގަކޮށްލެވެއެވެ.

މިމުބާރާތުގެ އެހީތެރި ޕާޓްނަރ އެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ މޯލްޑިވްސް އެއަރޕޯޓްސް ކޮންޕެނީ (އެމް އޭ ސީ އެލް) އެވެ. އަދި މި މުބާރާތުގެ އޮންލައިން ޕާރޓްނަރ އަކީ ވަގުތު އޮންލައިންއެވެ. މިއީ މުބާރާތް ކުރިއަށްގެންދާ ހަތަރުވަނަ އަހަރެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ބެސްޓް

  ވަރަށް އުފާވެއްޖެ. އަލްޙަމްދު ލިﷲ

 2. ޢާއިޝް

  ތިވަރުގެ ބޮޑުކަމެއް ނިންމާލެވުމަކީ ވަރަށް ބޮޑު ޤުރުބާނީއެއް..ވަަރަށް ބޮޑަށް ޝުކުރިއްޔާ. އަދި އޮންލައިން ޕާޓްނަރ ވަގުތުއަށްވެސް ޝުކުރިއްޔާ.

 3. ޢަލީ

  މިކަހަލަކަންކަމުގައި ކުރިއަރައި ދާންވީ. ޒުވާބުކުރުމުގައެއް ނޫން

 4. ޙުސައިން

  މިއިން އެނގެނީ ރާއްޖޭގެ ރައްޔިތުންގެ ހިތްތަކުގައި ޤުރްއާނަށް އުފެދިފައިވާ ލޯބި. ނަމަވެސް ނޭނގިތިބެ ޚަރަދު މިކުރެވެނީ ސިޔާސީ ކަންކަމަށް. ތިޔަ މުބާރާތުގެ އެހީތެރި ޕާޓުނަރ އެމްއޭސީއެލް އަށް ވަރަށް ބޮޑަށް މަރުހަބާ ދަންނަވަން.

 5. އިބޫ

  ސައްތައިންސައްތަ ކަމެއް. އައި ސެލިއުލް އެވްރީ ޕާޓިސިޕެންޓް، ވެލްޑަން އެން ކީޕް އިޓް އަޕް