މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުގައި ތިބޭ ޤައިދީންނަށާއި ބަންދު މީހުންނަށް ވީޑިއޯ ކޯލް މެދުވެރިކޮށް ޢާއިލާއާ ބައްދަލުކުރުމުގެ އިންތިޒާމު ހަމަޖައްސައިފިއެވެ.

ކަރެކްޝަނަލް ސާވިސް އިން ބުނީ ޤައިދީންނާއި ބަންދު މީހުންނަށް ވީޑިއޯ ކޯލު ދިނުމުގައި ޢަމަލުކުރަންވީ ގޮތުގެ އުސޫލަށް މިއަދު ޢަމަލުކުރަން ފަށައި، އެ ސަރވިސްގެ ވެބްސައިޓްގައި އެ އުސޫލު ޝާއިއުކޮށްފައިވާ ކަމަށެވެ.

ކަރެކްޝަނުން ބުނީ ވީޑިއޯ ކޯލް ދިނުމުގެ މަޤްސަދަކީ، ދިމާވާ ކުއްލި ޙާއްލަތްތަކުގައި، ޢާއިލީ ބައްދަލުވުން އެ ސަރވިސްއިން މެދުކަނޑާލަން ޖެހޭ ޙާލަތްތަކުގައްޔާއި، ޢާއިލީ ބައްދަލުވުންތަކަށް ޖަލަށް ޒިޔާރަތް ނުކުރެވޭ ޢާއިލާތަކަށާއި އަދި އެނޫންވެސް ޒަރޫރީ ޙާލަތްތަކުގައި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް، ޢާއިލާ މެމްބަރުންނާ ބައްދަލުކޮށް ޢާއިލާއާ އޮންނަ ގުޅުމަށް ހީނަރުކަމެއް އަޔަނުދީ، އެގުޅުން ހެޔޮގޮތުގައި ދެމެހެއްޓުން ކަމަށެވެ. މީގެ އިތުރުން، އެ ސަރވިސްއިން އެއްވެސް ޙާލަތަކާ ގުޅިގެން ވަކީލު ބައްދަލުވުންތައް މެދުކަނޑާލަން ޖެހިއްޖެ ނަމަ، ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ވަކީލުންނާ ވެސް ބައްދަލު ކުރެވޭނެ ގޮތް މިހާރު އެކުލަވާލާފައިވާ އުސޫލުގައި ބަޔާންކޮށްފައިވާނެ ކަމަށް ކަރެކްޝަނުން ބުންޏެވެ.

މޯލްޑިވްސް ކަރެކްޝަނުން ބުނީ އަލަށް އެކުލަވާލެވުނު އުސޫލުގައިވާ ގޮތުން ކޮންމެ ޤައިދީއަކަށާއި ބަންދު މީހަކަށް ޢާއިލީ ބައްދަލުވުމުގެ ގޮތުގައި “ސްކައިޕް” މެދުވެރިކޮށް މަހަކު 2 ފަހަރު 15 މިނެޓުގެ ވީޑިއޯ ކޯލެއް ދިނުމަށް ކަނޑައަޅާފައިވާ ކަމަށެވެ. މީގެ އިތުރުން ވީޑިއޯ ކޯލުގެ ފުރުޞަތު ލިބިގެންދާނެ އިތުރު ޙާލަތްތަކެއް ވެސް މި އުސޫލުގައި ބަޔާންކޮށްފައިވާ ކަމަށް ކަރެކްޝަނުން ބުންޏެވެ.

"އެ ގޮތުން ޢާއިލާ މެމްބަރަކު ބަލި ޙާލަތު ބޮޑުވެ އެޑްމިޓްކޮށްފައިވަނިކޮށް، ޤައިދީ ނުވަތަ ބަންދުމީހާ ނުގެންދެވުމާއި ޢާއިލާ މެމްބަރެއްގެ ޖަނާޒާގައި ބައިވެރިވުމަށް ނުގެންދެވުމާއި އަނިބިމީހާ ވިހެއުމާ ގުޅިގެން ނުގެންދެވުމާއި ދަރިފުޅު ހިތާނަ ކުރުމާ ގުޅިގެން ނުގެންދެވޭ ހާލަތްތަކުގައި ވެސް 15 މިނެޓުގެ ވީޑިއޯ ކޯލެއް ދިނުމަށް ވަނީ ހަމަޖައްސާފައި،" ކަރެކްޝަނުން މައުލޫމާތުދެއެވެ.

ކަރެކްޝަނުން ބުނީ ވީޑިއޯ ކޯލް މެދުވެރިކޮށް އާއިލީ ބައްދަލުވުމަށް ހޯދަން އެދޭ ފަރާތްތަކުން މިމަހުގެ ފަސްވަނަ ދުވަހުން ފެށިގެން އެކަމަށް އެދި ފޯމް ހުށަހެޅުމުން އެ ބައްދަލުވުމުން އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށެވެ. އެކަމަށް އެދޭ ފޯމް އެ ސަރވިސްގެ ވެބްސައިޓް www.corrections.gov.mv އިން ޑައުންލޯޑް ކުރެވޭނެ ކަމަށާއި އަދި ފޯމް ފުރިހަމަ ކުރުމަށްފަހު [email protected] އަށް އީމޭލް ކުރުމުން ބައްދަލުވުމެއް ހަމަޖެހިގެންދާނެ ކަމަށް ކަރެކްޝަނުން ބުނެއެވެ.

ގައިދީންނާއި ބަންދު މީހުންނަށް އެމީހުންގެ އާއިލީ ބައްދަލުވުންތައް ވީޑިއޯ ކޯލް މެދުވެރިކޮށް ހަމަޖެއްސިއިރު ކަރެކްޝަނުން ވަނީ މިހާރު ދުނިޔޭގައި ހަލުވިކަމާއި އެކުގައި ފެތުރެމުން އަންނަ ކޮވިޑް19 ރާއްޖެއިން ފެނިފައިވުމާއި ގުޅިގެން އެކަމަށް ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ގޮތުން އެ ސާވިސް އިން ވަނީ ގައިދީންނާއި އާއިލީ ބައްދަލުވުންތައް މެދުކަނޑާލާފައެވެ. އަދި އެ ބައްދަލުވުންތައް މެދުކަނޑާލާ މިހާރު ދެމުން ގެންދަނީ ފޯނު ކޯލެވެ.