ސަރުކާރު މުވައްޒަފުން ގޭގައި ތިބެގެން ސަރުކާރުގެ ވިއުގަތަކަށް ހިލޭ ވަދެވޭނޭގޮތް ހަދައި، އޮފީސް މަސައްކަތްކުރުން ފަހިކޮށްދިނުމުގެ އިންތިޒާމްތައް ކުރިޔަށް ގެންދަން އުރީދޫން ފަށައިފިއެވެ.

މިއީ އުރީދޫ މޯލްޑިވްސް އާއި މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ އާއި ގުޅިގެން ކުރިއަށްގެންދާ ކަމެކެެވެ. އެގޮތުން އުރީދޫ ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑް ބޭނުންކުރާ ސަރުކާރު މުވައްޒަފުންނަށް ސަރުކާރުގެ އެކި ޕޯޓަލް ތަކަށް ހިލޭ ވަދެވި، އޮންލައިންކޮށް ބާއްވަންޖެހޭ މަޝްވަރާ ބައްދަލުވުންތައްވެސް ކުރިއަށް ގެންދެވޭނެއެވެ.

މި އިންތިޒާމް އާއި ގުޅޭ އިތުރު މައުލޫމާތު ސަރުކާރު މުވައްޒަފުންނަށް ކަމާ ގުޅުންހުރި މިނިސްޓްރީތައް މެދުވެރިކޮށް ދަނީ ދެމުންނެވެ.

މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ، މުހައްމަދު މަލީހު ޖަމާލް ވިދާޅުވީ ކޮވިޑް-19 އާއި ގުޅިގެން އިންޓަނެޓް ގެ ޚިދުމަތް ވަނީ މުޅި މުޖުތަމައު އާއި ވަކި ވަކި ފަރުދުންނަށް ކުރިއަށްވުރެ ވުރެ ބޮޑަށް ބޭނުންކުރަންޖެހިފައިވާ ކަމަށެވެ.

އިންޓަނެޓް ގެ ޚިދުމަތް ފޯރުކޮށްދޭ ކުންފުނިތަކުން އިސްނަންގަވައިގެން އަޅުގަނޑުމެންގެ މުޖުތަމައު އަށް ލުއިފަސޭހަ ކޮށްދިނުމަށް ކުރައްވަމުން ގެންދާ މަސައްކަތް ފާހަގަކޮށް ޝުކުރު އަދާކުރަން. ހަމަމިއާއިއެކު، އުރީދޫ ނެޓްވޯކް މެދުވެރިކޮށް ރައްކާތެރިކަމާއެކު ސަރުކާރުގެ ޕޯޓަލްތަކަށް ހިލޭ ވަދެވި، ދުވަހުން ދުވަހަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމުގެ އިންތިޒާމް ހަމަޖެއްސުމުގައި އަވަސް ޚިދުމަތެއް ފޯރުކޮށްދީފައިވާތީ، އުރީދޫ މޯލްޑިވްސްއަށް ޚާއްސަ ޝުކުރެއް އަދާ ކުރަން." މަލީހް ވިދާޅުވިއެވެ.

އުރީދޫ މޯލްޑިވްސްގެ މެނޭޖިންގް ޑިރެކްޓަރ އަދި ޗީފް އެގްޒެކެޓިވް އޮފިސަރ، ނަޖީބް ހާން ވިދާޅުވީ ސަރުކާރާއި އަދި ގުޅުންހުރި އެންމެހާ މުއައްސަސާތަކަށް މިފަދަ ކަންކަމުގައި އުރީދޫއިން އެއްބާރުލުން ފޯރުކޮށްދިނުމުގައި ދެމިތިބޭނެކަ މަށެވެ.

"އެގޮތުގެ މަތިން ސަރުކާރުން ކުރައްވަމުން ގެންދަވާ މުހިންމު މަސައްކަތްތައް ކުރިއަށް ގެންދިއުމަށް، ސަރުކާރު މުވައްޒަފުންނަށް ރައްކާތެރިކަމާއެކު ގޭގައި ތިބެގެން މަސައްކަތް ކުރުމުގެ އިންތިޒާމް މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ އާއި ގުޅިގެން ހަމަޖެއްސުމުގެ މަސައްކަތް ކުރިޔަށް ގެންދިޔުމީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް." އޭނާ ވިދާޅުވިއެވެ.

ދިވެހި ސަރުކާރާއި، އެޗް.ޕީ.އޭ އަދި ކަމާއި ގުޅޭ މުއައްސަސާތަކާއި ގުޅިގެން ކޮވިޑް-19 އާ ގުޅޭގޮތުން ޢާއްމު ހޭލުންތެރިކަން އިތުރުކުރުމަށް ކުރެވޭ ހުރިހާ މަސައްކަތެއްގައި އުރީދޫ މޯލްޑިވްސްގެ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ލިބެމުންދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ރަދީފް ހުސެން

    ލާރިވައްދަނީ އަމިއްލަ ވިޔަފާރިތަކުން. ކޯރޯނާއެއް އާއިލާއެއް އަމިއްލަ ސިއްހަތައް ހުރި ނުރައްކަލެއް ބެލުމެއްނެތި މަޖުބޫރުހާލުގާވެސް ގިއްގެޅެއްދެން ތެޅިބާލައިގެން ލާރިވައްދަނީ އަމިއްލަ ކުންފުނިތަކުގެ މުއައްޒަފުން ކުރާ ބުރަމަސައްކަތުން. ސަރުކާރަށްއޮތީ ހޯދުނުގޮތަކައް ހޯދައިގެން ބެހުން. އެކަމު ހިލޭ ޕެކޭޖު ގަނޑުވެސް މިދިއްކޮއްލަނީ ސިވިލްސަރވަންޓުންނައް އެކަނި. ކިހާތާހިރު.