އަލީ މައުރޫފް - ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަކީ ގަޓް ހުރި ރައީސެއް ކަމަށާއި ފާއިތުވި ހަތަރު އަހަރު ރައީސް ޔާމީން ކޮށްދެއްވި ޚިދުމަތްތަކަށް ބަލާއިރު އަދި އެމަނިކުފާނަށް ރިޔާސީ ދައުރެއް ދޭން ޖެހޭ ކަމަށް ރައްޔިތުން މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަލީ މައުރޫފް ވިދާޅުވެއްޖެއެވެ.

މައުރޫފް މިހެން ވިދާޅުވީ ހއ.އިހަވަންދޫގައި ޕީޕީއެމް އިން ބާއްވަމުންދާ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މައުރޫފް ވިދާޅުވީ އޭނާ ވެސް ރައީސް ޔާމީން އާއި އެކު 2013 ގެ ރިޔާސީ އިންތިޚާބުގައި ހުރިހާ ރަށަކަށް ދަތުރު ކުރި ކަމަށާއި އޭރު އެއީ އިޤުތިޞާދީ ތަޖުރިބާކާރެއްގެ ގޮތުގައި ސިފަ ކުރެވުނު ނަމަވެސް މިއަދު އެއީ އިޤުތިޞާދީ ތަޖުރިބާކާރެއްގެ އިތުރުން ދީނީ ލީޑަރެއް ކަން ވެސް ސާބިތު ކޮށްދެއްވައިފި ކަމަށެވެ.

"ރައީސް ޔާމީން އަކީ ދީނީ ލީޑަރެއް. އެމަނިކުފާނަކީ ގައުމީ ބަޠަލެއް." މައުރޫފް ވިދާޅުވިއެވެ.

މައުރޫފް ވިދާޅުވީ ކުރިއަށް އޮތް ފަސް އަހަރަށް ރައީސް ޔާމީން ހޮއްވަވައިފިނަމަ އަދި އިތުރު ތަރައްޤީގެ ރާއްޖެއަށް ގެނެސްދެއްވާނެ ކަން ޝައްކު ނުކުރައްވާ ކަމަށެވެ.

"ހީވެސް ނުކުރާ ފަދަ ބަދަލުތަކެއް ރާއްޖެ އަށް އަންނާނެ. އައިހެވަން ވެސް ކާމިޔާބު ވާނެ. ނ.އަތޮޅާއި ށ.އަތޮޅުގައި ވެސް އެއާޕޯޓް އެދަނީ އަޅަމުން. މާލޭ އެއާޕޯޓް އެދަނީ ހަތް މިލިއަން މީހުންނަށް ޚިދުމަތް ދިނުމަށް. އަދި ހއ.އަތޮޅުގައި ވެސް ރައީސް ޔާމީން އެއާޕޯޓެއް އަޅުއްވައިދެއްވާނެ." މައުރޫފް ވިދާޅުވިއެވެ.

މައުރޫފް ވިދާޅުވީ ރައީސް ޔާމީން ރިޔާސީ ވައުދެއްގައި ވެފައިވާ ވައުދެއް ނުފުއްދަވާ ދޫކޮށެއް ނުލާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޕާޓީ ވެސް ވަނީ ގާނޫނާ ހިލާފުވެފަ 2 ވަނަ ދައުރެއް ލިބޭނީ ޕާޓީ ގާނޫނުގެ ތެރެއައް ވައްދާ ޕާޓީގެ އެތެރޭ އިންތިހާބުވެސް ބޭއްވިގެން ތާ