ޖޭޑަބްލިއު ރިސޯޓުން މޫދަށް ފުންމާލި އިމާމް ގެއްލުނުތާ މިއަދަށް ހަތަރު ދުވަސް ވެފައިވާއިރު، އަދިވެސް އެ މީހާ ފެނިފައި ނުވާ ކަމަށް އެމްއެންޑީއެފް އިން ވިދާޅުވެއްޖެއެވެ.

އެމްއެންޑީއެފް އިން މިއަދު ހަވީރު ވިދާޅުވީ، އެ މީހާ ހޯދުމުގެ މަސައްކަތް އަދިވެސް ކުރަމުން އަންނަ ކަމަށެވެ.

ހޯދަމުން އަންނަނީ އެ ރިސޯޓުގައި އިމާމެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ އުމުރުން 30 އަހަރުގެ މީހެކެވެ. އެ މީހާ ގެއްލިފައި ވަނީ، އޭޕްރިލް 6 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރ މޭޖަރ އިބްރާހިމް އާޒިމް މިއަދު ވިދާޅުވީ، އެ މީހާ ގެއްލުނު ސަރަހައްދުގައި އެމްއެންޑީއެފްގެ ކޯސްޓްގާޑު ލޯންޗް ކާނި މިއަދުވެސް ހަރަކާތްތެރިވަމުންދާ ކަމަށެވެ. އަދިވެސް އެ މީހާ ފެނިފައި ނުވާ ކަމަށް އާޒިމް ވިދާޅުވިއެވެ.

އެމީހާ ގެއްލިގެން ރިޕޯޓުކޮށްފައި ވަނީ އެރޭ 22:13 ހާއިރު އެވެ.

ސީސީޓީވީ ފޮޓޭޖްތަކުން ފެންނަ ގޮތުގައި ފޯނެއްގައި ހުރެފައި ގޮސް އޭނާ ފުންމާލައިފައި ވަނީ ސަޕްލައި ޖެޓީ އިން މޫދަށް ކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ނަމާ އެއްފަދަ ކިނބޫ

    އެގޮތްމިގޮތަށް ކިތައް މީހުން މަރާލައިފި؟ އަދިވެސް ކޮމިޝަނުން މުސާރަ ކަނީ؟