ކުުރިއަށް އޮތް ތިން މަހަށް ދައުލަތުގެ ހިދުމަތްތައް ދަމަހައްޓައި، ސިއްހީ ހިދުމަތްތަކަށް ބޭނުންވާ ހޭދަތައްކޮށް، އިގްތިސާދީ ގޮތުން އާއިލާތަކަށް ބޭނުންވާ އަސާސީ ކަންކަން ފުއްދޭ މިންވަރު ކަށަވަރުކުރުމަށް އެންމެ މަދުވެގެން 4.2 ބިލިއަން ރުފިޔާގެ ފައިނޭންސިން ބޭނުންވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމުގެ މި ދަނޑިވަޅުގައި ދައުލަތުގެ ހަރަދަށް ޒިންމާ ވުމުގެ ގާނޫނުގައި ބުނާ ގޮތުން ގުދުރަތީ ކާރިސާއެއް ނުވަތަ ބަލިމަޑުކަމުގެ ހާލަތެއް ދިމާވެއްޖެނަމަ މަޖިލީހުން ކަނޑައަޅާ މުއްދަތަކަށް ފިނޭންސް މިނިސްޓްރީން އެ ގާނޫނުގައި އަމަލު ކުރަން ލާޒިމުކުރާ ފިޒިކަލް އުސޫލުތައް ބަޔާން ކުރާ މާއްދާތަކުން އިސްތިސްނާ ކޮށްދިނުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައެވެ.

މިނިސްޓަރު އަމީރު ވަނީ އެ ސިޓީއާ އެކުގައި ކޮވިޑް-19 އާ ގުޅިގެން އިގްތިސޯދީ އަދި މާލީ ލޮޅުމާއި އެކު ދައުލަތުގެ ހަރަދުތަކަށް ބޭނުންވާ ކޭޝް ފްލޯ ހޯދުމަށް މަޖިލީހަށް ލިޔުމެއް ފޮނުވާފައެވެ. ފިނޭންސް މިނިސްޓްރީން ވަނީ މިހާރުގެ ހާލަތާއި ގުޅޭ ގޮތުން ތިން ސިނާރިއޯ އެއް އެކުލަވާލައިފައެވެ. އޭގެތެރެއިން މިނިސްޓަރު އަމީރު ވިދާޅުވަނީ މިހާރު ކުރިމަތިވާނެ ކަމަށް އެންމެ ބޮޑަށް ލަފާކުރެވޭ ސިނާރިއޯއަކީ ސިނާރިއޯ ތިނެއް ކަމަށެވެ.

ސިނާރިއޯ ތިނެއްގައި ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރާ އަދަދު 50 އިންސައްތަ ދަށްވެ، ބެޑްނައިޓްސް 39 އިންސައްތަ ދަށްވާނެކަމަށް ލަފާކޮށްފައިވެއެވެ. އަދި ރާއްޖޭގެ ރިއަލް އިކޮނޮމީގެ އެހެން ސެކްޓަރތަކަށް ވެސް މީގެ އަސަރުކޮށް، އިގްތިސާދުގެ ޖުމުލަ ޑިމާންޑް ދަށްވާނެ ކަމަށް ލަފާކޮށްފައިވެއެވެ. އެއާއެކު، ރާއްޖޭގެ އިގްތިސާދު 2020 ވަނަ އަހަރު 5.11 އިންސައްތައިން ދަށްވާނެ ކަމަށް ލަފާކޮށްފައިވެއެވެ.

ރާއްޖޭގެ އިގްތިސާދީ ކުރިއެރުމަށާއި ފަތުރުވެރިކަމަށް އަންނަ ބޮޑު ހީނަރުކަމާއެކު، ދައުލަތުގެ އާމްދަނީ 2020 ވަނަ އަހަރުގެ ބަޖެޓުގައި އަންދާޒާކުރި މިންވަރާ އަޅައި ބަލާއިރު 49 އިންސައްތަ ދަށްވާނެ ކަމަށް ސިނާރިއޯ ތިނެއްގައި ވަނީ ލަފާކޮށްފައެވެ. އެ ސިނާރިއޯގައި، އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 2020 ވަނަ އަހަރު ލިބޭނެކަމަށް ލަފާކުރެވެނީ 2.15 ބިލިއަން ރުފިޔާއެވެ. މި އަހަރު މިހާތަނަށް ލިބިފައިވަނީ 6.4 ބިލިއަން ރުފިޔާއެވެ.

ފިނޭންސް މިނިސްޓަރު ވިދާޅުވީ އާމްދަނީ އަށް އަންނަ ހީނަރުކަމާއެކު، ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް ފިޔަވަޅުތައް އެޅިފައިވާ ކަމަށެވެ. މީގެ ތެރޭގައި ޑެޕިއުޓީ މިނިސްޓަރުން ލެވެލްއިން ފެށިގެން މަތީ ފަންތީގެ މުވައްޒަފުންގެ މުސާރަތައް 20 އިންސައްތަ ކުޑަކުރުމާއި، ދަތުރުފަތުރަށް ކުރާ ހަރަދު ކުޑަ ކުރުމާއި، މަރާމާތުތަކާއި ހަރުމުދާ ހޯދުން މަޑުޖައްސާލުމާއި، އެހެނިހެން ރިކަރަންޓް ޚަރަދުތައް ވެސް ކުޑަކުރުން ހިމެނެއެވެ.

އަދި އިތުރު ހަރަދުތަކަށް ކޮމިޓްނުކުރުމުގެ ގޮތުން އިތުރު މުވައްޒަފުން ނުނެގުމާއި، މަޝްރޫއުތައް އެވޯޑްކުރުން ވެސް މަޑުޖައްސާލެވިފައިވާ ކަމަށް ފިނޭންސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ. އަދި ލޯނު އަދާކުރުމަށް ކުރާ ހޭދަ ކުޑަކުރުމަށް ޑެޓް ރިލީފް އަދި މޮރެޓޯރިއަމް ހޯދުމުގެ މަސައްކަތްވެސް ކުރަމުން އަންނަ ކަމަށް ފިނޭންސް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރަށް، 35،000 ރުފިޔާއަށް ވުރެ ބޮޑު ކޮންމެ ހަރަދެއް ކުރުމުގެ ކުރިން މިނިސްޓްރީ އޮފް ފިނޭންސްގެ ހުއްދަ ހޯދުމަށް ދަންނަވާފައިވާނެ ކަމަށާއި އެ ދެންނެވުނު ފިޔަވަޅުތަކާއެކު، ދައުލަތުގެ ބަޖެޓު، 2020 ވަނަ އަހަރަށް ފާސްކޮށްފައިވާ 9.37 ބިލިއަން ރުފިޔާއިން 1.30 ބިލިއަން ރުފިޔާއަށް ކުޑަކުރެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެއަށްވުރެ ބޮޑަށް ހަރަދު ކުޑަކުރާނަމަ، ދައުލަތުން ފޯރުކޮށްދޭ މުހިންމު ހިދުމަތްތަކަށާއި ޕްރޮގްރާމްތަކަށް ބުރޫ އަރާނެ ކަމަށް އަމީރު ވިދާޅުވިއެވެ. އެގޮތުން ދައުލަތުން މުވައްޒަފުން މަދުކުރަން ނުވަތަ މުވައްޒަފުންގެ މުސާރައިން އުނިކުރަން ޖެހިދާނެ ކަމަށް އަމީރު ވިދާޅުވިއެވެ.

އަމީރު ވިދާޅުވީ ދައުލަތުގެ ހަރަދުތައް އެކި ދިމަދިމާލުން ހިފެހެއްޓި ނަމަވެސް، ކޮވިޑް-19 އާ ގުޅިގެން ސިއްހަތަށާއި އިޖުތިމާއީ ރައްކާތެރިކަމަށާއި، ކާރިސާ މެނޭޖްކުރުމަށް ކުރާ ހަރަދު އިތުރުވެފައިވާ ކަމަށެވެ. އަދި ހާލަތު ބަދަލުވަމުންދާ ގޮތަށް ބަލައި، އެކަމަށް އިތުރަށް ފައިސާ އިތުރު ކުރަން ޖެހިފައިވާ ކަމަށެވެ. ހަމައެއާއެކު، އިގްތިސާދަށް އައި ބޮޑު ހީނަރުކަމާއި އެކު، ވިޔަފާރިތަކާއި ގޭބިސީތަކުން ވަނީ ދައުލަތުގެ އެހީއަށް ބޭނުންވެފައި ކަމަށް އަމީރު ވިދާޅުވިއެވެ. މިގޮތުން، މި ކާރިސާގެ ތެރޭގައި ކުރު މުއްދަތުގައި ވަޒީފާތައް ދެމެހެއްޓުމަކީ ދައުލަތުގެ މުހިއްމު މަގުސަދުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެހެންކަމުން، އިގްތިސާދީ ރިލީފް ޕެކޭޖަށްވެސް ދައުލަތުން ހަރަދު އިތުރުކުރަން ޖެހިފައިވާ ކަމަށާއި އެ ހަރަދުތައް މި ވަގުތު ހަމަޖައްސަމުން ދަނީ 2020 ވަނަ އަހަރަށް ފާސްކޮށްފައިވާ ބަޖެޓުގެ ކޮންޓިންޖެންސީއިންނާއި ބަޖެޓުގެ ތެރެއިން ރީއެލޮކޭޓް ކޮށްގެން ކަމަށް އަމީރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ދައުލަތުގެ އާމްދަނީ އާއި ހަރަދަށް ބަލައި ބަޖެޓުގެ ޑެފިސިޓަށާއި ޑެފިސިޓް ފައިނޭންސް ކުރުމަށް ފައިސާ ހޯދަންޖެހޭ މިންވަރު ވަނީ ވަރަށް ބޮޑަށް
އިތުރުވެފައި ކަމަށެވެ. އެގޮތުން ސިނާރިއޯ ތިނެއްގައި، ބަޖެޓު ޑެފިސިޓް 13 ބިލިއަން ރުފިޔާއަށް އިތުރުވެ، ފައިނޭންސިން ހޯދަންޖެހޭ މިންވަރު 2.13 ބިލިއަން ރުފިޔާއަށް އިތުރުވެފައިވާ ކަމަށް ފިނޭންސް މިނިސްޓަރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. ޅަތީފާ

    އެވެސް އަނެއް ކާ ދިރުވާލަންތަ

    14
  2. ނަކަސް

    މިޖާރުން މިހާރަށް 20 ބިލިއަން ލިބުނަށް ކައިފަ ނާކީވެގެން ނޫންތޯ ރައްޔިތަކަށް ކަމެއް ކޮށްދެވޭނީ

  3. ޙެޔޮ

    އެހެންވިއްޔާ ސިޔާސީ މަޤާމްތައް އިތުރުކުރައްވާ

    12
  4. ޑެއިލް

    ރާއްޖެއށް ކޮވިޑް ނާންނާނެކަމަށް ހީކޮށް ބަޖެޓް އެކިނަންނަމުގައި ބަޖެޓް ކަހާލައިފައި ދެންކޮންހާ ވާހަކައެއް.

    11
  5. ފިޔަވަޅު

    އޭތް އޭތް ! ސިއްހީ ހިދުމަތަށޭ ނުކިޔާ !
    ތަނެއްދޮރެއް ނުދަންނަ ސިޔާސީ ބައިގަނޑަށް ބޮޑު މުސާރަ ދޭންށޭ ކިޔާ .
    އާނ އެހެންނަ . އިހައްދުވަހު އަނެއްކާ ސިޔާސީ މަޤާމަކަށް މީހަކު ލައިފި .
    މިހާރު ރައްޔިތުން މަޖިލީހުގެ އެއްވެސް ބޭނުމެއް ނެއް .
    އެމީހުންގެ މުސާރަ ކަނޑާލާ !

  6. ކޮރަލް

    މުސާރަ 20 ޕަސެންޓް ކުޑަކުރީމަ ވެސް 65 ހާސް މަޖްލިސް.މެމްބަރުން ގެއަށް ގެންދަން ލިބެ އެވެ. މިއީ ރައްޔިތުންނޭ ކިޔާމީހުންގެ ހާލެވެ.

    14
  7. ކޮފާލި

    ޢަނެއްކާ ކާލާނެ އެތިކޮޅެއް ހޯދަނީދޯ އަދި ގާތް މީހަކަށް ބޮޑު މަގާމެއްދޭން ތައްޔާރު ވަނީތޯ ؟

    12
  8. ބޯހަލާކު

    30 ބިލިޔަންގެ ބަޖެޓް ކޮބާތަޯ.

    11
  9. ޑަބިޔާ

    ސަރުކާރުގެ ބޮޑުން ހިއްސާވާ ކުންފުނިތަކަށް ބަދަލު 2 ބިލިޔަން ގިނަފައިސާދެވިއްޖެ. އަދި ދޭންޖެހޭ 2 ބިލިޔަން އިބައިން ކިހާބޮޑު ކަމެއް ކޮބާހޭ ލިބުނު ލާރިތައް. ސާހިދު ގޮސްގެން އޭނަ ލިބުނޭ ކީ ލާރިތައްކޮބާ

    12
  10. ހުސޭނުބޭ

    މިދިޔަ އަހަރު ސަރުކާރުން ބަދަލުގެ ގޮތުގައި ގޭކުދިންނަށް ކޯޓުތައް މެދުވެރިކޮށް ބަދަލުގެ ގޮތުގައި ދިން 4.3 ބިލިއަން ރުފިޔާ އަނބުރާ އަތުލަންވީނު! މިއީ ތިކަމަށް އޮތް ހަމައެކަނި ހައްލަކީ! މިކަން ކުރަން ނޭގެންޏާ ކަލެޔަކަސް އިސްތިއުފާދީފައި ގޭގައި އޮވޭ!

    13
  11. ރައްޔިތު މީހާގެ އާދޭސް

    އާދޭސް ކޮށްފައި ދަންނަވަން. މިދަނޑިވަޅުގައި ސިޔާސީ މީހުންގެ މުސާރަ ކުޑަކޮށްބަލަ އިގުތިސާދު ރަނގަޅުވީ މާ ގެއްލުނު މުސާރަ ގަލޯކުރިޔަސް ހެޔޮ.
    ސިޔާސީންގެ މުސާރަ 85000 ރުފިޔާ 35000 ރުފިޔާ
    ސިވިލްސާވިސް މީހާ 12000 ރުފިޔާ 7000 ރުފިޔާ

    10
  12. ދިވެހިން

    ބިދޭސީންނަށް ކިހާވަރެއް ބަޖެޓުކުރީ؟

  13. ކަލޯ

    ކަލޯ ރަނގަޅު އަދަދެއްތަ ތީ؟ މިނިސްޓަރ ވިދާޅުވިޔަސް ހުންނާނެދޯ ޤަބޫލުކުރެވޭ ވާހަކަތައް. އެއަށްބޮޑު އާސަންދައިންވެސް އަހަރަކަށް އުޅެނީ 1.5 ބިލިއަނުގަ. ކަލޭ ތިބުނަނީ 3 މަހަށް 4.2 ބިލިއަނޭ. ބަހާގަޑި އަންގާލައްޗޭ. ޖައްސާލާނަން

  14. ާައަހުމަދު

    މީ އަޅެ ކާކުގެ ބުނެގެން މިނިސްޓަރކަން ދީފަހުރި މީހެއްބާ؟

  15. ޝަފީހު

    ރައްޔިތުންގެ މަޖިލީހު މެމްބަރުންގެ މުސާރަ އާއި އެލެވެންސުތައް އެއްކޮއް ޖުމްލަ 25000 ރުފިޔާ އައް މިހާރުން މިހާރައް ހަދާދެއްވާ.. މިވަގުތު އެމީހުންގެ މުސާރައިން ކަނޑާލަބައިން އެތައް ހާސް ރައްޔިތުންނެއްގެ ކޮއްތު ހަމަޖައްސާލެވޭނެ.. މިކަން ކުރައްވާ..