ރާއްޖެގެ ގައުމީ އުފެއްދުންތެރިކަން ނުުވަތަ ގްރޮސް ޑޮމެސްޓިކް ޕްރޮޑަކްްޓް(ޖީޑީޕީ) 100 ބިލިއަން ރުފިޔާއަށް ވުރެ މައްޗަށް އަރައިފިއެވެ.

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް ޖީޑީޕީ 100 ބިލިއަން ރުފިޔާއަށްވުރެ އިތުރުވެފައިވާ ކަމަށެވެ.

މިއީ ރާއްޖެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ބެލުމެއް ނެތި ކުރިއެރުން ހޯދުމަށް ސަރުކާރުން އެކުލަވާފައިވާ ވަރުގަދަ ސިޔާސަތުތަކުގެ ނަތީޖާ ކަމަށް އަމީރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރާއިން ހޯދަމުންދާ ކުރިއެރުންތަކާއި އެހެން ދާއިރާތަށް ވެސް ކުރިއަރައިގެން ދިއުމާއިއެކު މި އަހަރު ރާއްޖެގެ ގައުމީ އުފެއްދުންތެރިކަން 9.4 އިންސައްތައަށް ކުރިއަރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. ކުރިން ލަފާކޮށްފައިވަނީ ޖީޑީޕީ 7.6 އިންސައްތައަށް ކުރިއަރާނެ ކަމަށެވެ.

"ރަޝިޔާއާއި ޔޫކްރޭން ހަނގުރާމައާއި ޗައިނާއިން ބޭރަށް ދަތުރުކުރުން މަނާކުރި ނަމަވެސް، 2021 ވަނަ އަހަރާ އަޅާބަލާއިރު 2022 ވަނަ އަހަރު ރާއްޖެއަށް ފަތުރުވެރިން އަންނަ މިންވަރު %26.7 އިތުރުވެ، މިހާތަނަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 1.68 މިލިއަން ފަތުރުވެރިންނަށް އަރާފައިވޭ.". މިނިސްޓަރު އަމީރު ވިދާޅުވެފައި ވެއެވެ.

މިނިސްޓަރު ވިދާޅުވީ މި އަހަރު ވެސް ފަތުރުވެރިކަމުގެ ދާއިރާގެ ޕާފޯމެންސް ވަނީ ވަރުގަދަވެފައި ކަމަށެވެ. މިއަހަރުގެ ފެށުނީއްސުރެ މިއަދާ ހަމައަށް ރާއްޖެ އައި މީހުންގެ އަދަދު 2022 ވަނަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 17.5 އިންސައްތަ އިތުރުވެފައިވާ ކަމަށް ވިދާޅުވިއެވެ.

އާ ޕްލައިޓްތަކުން ރާއްޖެއަށް ދަތުރުފެށުމާއި ޗައިނާގެ މާކެޓް އަލުން ހުޅުވިގެން ދިއުމާއިރު މި އަހަރު ރާއްޖެއަށް 1.93 މިލިއަން ފަތުރުވެރިން ޒިޔާރަތްކުރާނެ ކަމަށް ލަފާކުރެވޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޔާގޫތު

    ވޯޓައް 4 މަހަށްވާއިރަށް ދޮގުތައް ހަދަންފެށީދޯ؟ 100 ބިލިއަން ދަރަނި އޮތްކަން ވަނީ ސާބިވެފަ. ޖީ.ޑީ.ޕީ ތިހާ މައްޗައް ގޮސް އިގުތިސާދު ތިހާ ކުރިއަރާނަމަ ލިޔެކިޔުންތައް ދައްކަން ބުނީމަ އެއީ ގައުމީ ސަލާމަތަށް ނުރައްކާވާ ކަމެކޭ ކިޔާ އޮއްބާލަނީ ކީއްވެ؟

    10
    2
  2. ކޮރަލް

    ރާއްޖެ އަށް އެތެރެ ވާ ޑޮލަރުގެ ބޮޑޫ ބައެއް ގެންދަނީ ބިދޭސީންނެވެ. ގްރޮސް ޑޮމެސްޓިކް ޕްރޮޑަކްްޓް(ޖީޑީޕީ) 100 ބިލިއަން ރުފިޔާއަށް ވުރެ މައްޗަށް ދިއުމުން ފައިދާ އެއްނެތެވެ.

    10
    2
  3. ޝަފިގު

    ދަަރަނި އޮތީ ޖީޑީޕީގެ 113% ގަ ކަމަށްވާއިރު ގައުމު މި ހަގަނީ ހަމަ ފުރިހަމަ ދަރަނީގެ ފައިސާއިންނެވެ. މިޔަށް ބަގުރޫޓު ވުމޭނޫން ކޯޗެއްތޯ ކިޔާނީ. ގައުމުގެ ދަރަނި ހުންނަންޖެހޭ ހަގީގީ މިންގަޑަކީ އެ ގައުމެއްގެ ޖީޑީޕީގެ 50% އަށް ވުރެ ދަށުގައެވެ. ވީމާ އަަަހަރެމެންނަށް ސަރުކާރުން ދައްކާނެ އެއްވެސް އުޒުރެއް ނެތެވެ.

  4. ހުސޭނުބޭ

    ޑޮމެސްޓިކް ކަރަޕްޝަން ހުރި މިންވަރަކާއި ދައުލަތުގެ ދަރަނި ހުރި މިންވަރުވެސް ހިމަނާލިނަމަ ވަރަށް ފުރިހަމަވީސް

    5
    1
  5. #މިނިވަން ޤައުމު

    ކަލޯ ތިކަމުން ރައްޔިތަކަށް ވާފއައިދާއެއް ބުނެދީބަލަ ..ތިޔަ ޖީޑީޕީ މަތިވާނެ ރައްޔިތުން ފެލިވަރަކަށް! ގައިމު ރައްޔިތުމީހާގެ ޖީބަށް ލުޔެއްނުވޭ.. ތަކެތީގެ އަގުދަނީ ހެސްކިޔާފަމައްޗަށް..ދިރިއުޅެންޖެހެނީ ހާސްކަމާ ހިތްދަތިކަމުގަ. ޑޮލަރ އެހާދަތި އެހާއަގުބޮޑު..ދެންތިކަމުން ލިބޭ ހިތްހަމަޖެހުމަކީ ކޮބާ އޭގެމަނއަކީ ހުސްދޮގޭ ތިހަދަނީ ތިވެސް މަޅާލަނީ ސިޔާސީ މީހުން