މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގައި މަސައްކަތް ކުރަމުންދާ މުވައްޒަފެއް ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

އެކަން ހާމަކޮށްފައި ވަނީ މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

އެ ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޝާޙިދު އަލީ ވިދާޅުވީ، އެމްޕީއެލްގެ މުވައްޒަފެއް ކޮވިޑް-19 އަށް ފައްސިވިކަން އެނގިފައި ވަނީ މީގެ ފަސް ވަރަކަށް ދުވަސް ކުރިން ކަމަށެވެ.

"މިހާތަނަށް އަޅުގަނޑުމެންނަށް އެނގިފައި އޮތް މައުލޫމާތަށް ބަލާއިރުގައި އެމްޕީއެލްގެ އެއް މުވައްޒަފަކު ފައްސި (ޕޮޒިޓިވް)ވެފައި ވޭ. އެކަން އެނގިފައި ވަނީ މީގެ ހަތަރު ފަސް ވަަރަކަށް ދުވަސް ކުރިން". ޝާހިދު ވިދާޅުވިއެވެ.

އަދި އެ މުވައްޒަފު އެންމެ ފަހުން އެމްޕީއެލްގައި މަސައްކަތްކޮށްފައި ވަނީ މިދިޔަ އޭޕްރިލް 18 ވަނަ ދުވަހު ކަމަށް ޝާހިދު ވިދާޅުވިއެވެ.

އަދި އެއީ ފުރަބަންދުވި މުވައްޒަފުންނާއެކު، ފުރަބަންދުވި މުވައްޒަފެއް ނޫން ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.

"އެއީ އާއްމުކޮށް ޑިއުޓީއަށް ނުކުންނަ އުސޫލުން 18 ވަނަ ދުވަހު އެންމެ ފަހު ދުވަހަކަށް އެ މުވައްޒަފު ނުކުމެފައި މި ވަނީ، އެހެންވީމަ އޭގެ ފަހުން މުވައްޒަފެއް ފައްސިވެފައިވާކަމަށް، ނުވަތަ ބައްޔަށް ހުށަހެޅިފައިވާކަމަށް މައުލޫމާތު ލިބިފައެއް ނުވޭ". ޝާހިދު ވިދާޅުވިއެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް-19 އަށް ފައްސިވެފައި ވަނީ 468 މީހެކެވެ. އޭގެ ތެރެއިން ގިނައީ ބިދޭސީންނެވެ. ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރެއިން އެކަކު ވަނީ ނިޔާވެފައެވެ.