ރާއްޖެ ހިމެނޭހެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 ގެ ބަލިމަޑުކަމާއި ދެކޮޅަށް މަސައްކަތް ކުރުމަށް، ދެމެހެއްޓެނިވި އުސޫލެއް ބޭނުންވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރު، މުޙައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.

ނާޒިމް މިގޮތަށް ވިދާޅުވެފައި މިވަނީ، ކޮވިޑް-19 ރާއްޖޭގައި ފެތުރެން ފެށުމާއި ގުޅިގެން ރާއްޖޭގެ ބޯޑަރުތައް ބަންދުކޮށް، ރަށްތައް ފުރަބަންދުކުރުމާއެކު އަޅާފައިވާ ގިނަ ފިޔަވަޅުތަކާއެކު ޤައުމުގެ އިޤްތިސާދު ހުއްޓުމަކަށް އައިސްފައިވާ ދަނޑިވަޅެއްގައި އެކަމަށް އިޝާރާތް ކުރައްވަމުންނެވެ.

މިއަދު ކުރެއްވި ޓްވީޓެއްގައި މިކަން ފާހަގަކޮށް ނާޒިމް ވަނީ ޤައުމާއި އިޤްތިސާދު ފުރަބަންދުކޮށްގެން ތިބުމުގެ ސަބަބުން މީހުންގެ އާމްދަނީ ލިބުން ގެއްލި ފަޤީރުކަން އާންމުވެ އިޖުތިމަޢީ ވަބާތައް ކުރިމަތިވެދާނެ ކަމަށް ވިދާޅުވެފައެވެ. އަދި އެކަމުގެ ސަބަބުން ކޮވިޑް-19 އަށްވުރެ ގިނަ މީހުން ދުނިޔެ ދޫކޮށްފާނެ ކަމާއި މެދުވެސް ނާޒިމް ސުވާލު އުފެއްދެވިއެވެ.

"ގައުމު އަދި އިގްތިސާދު ލޮކްޑައުންކޮށްގެން ތިބުމުގެ ސަބަބުން މީހުންގެ އާމްދަނީ ގެއްލި، ފަގީރުކަން އާންމުވެ އަދި އިޖްތިމާއީ ވަބާތައް ކުރިމަތިވެ ކޮވިޑް-19 އަށް ވުރެ ގިނައިން މީހުން ދުނިޔެ ދޫނުކުރާނެތޯ؟" ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ، ކޮވިޑް-19 އަށް ވެކްސިނެއް އުފެއްދެންދެން، މަސްތަކެއް ނުވަތަ އަހަރުތަކެއް ވަންދެން ތިބޭނީތޯ ނުވަތަ ރައްޖާތެރިކަމުގެ ފިޔަވަޅު އަޅައިގެން އަދި ވަލްނަރަބަލް ގްރޫޕްތަކަށް ޚާއްސަ އިސްކަމެއް ދީގެން ޤައުމު އަދި އިޤްތިސާދު ހުލުވާލާނީތޯ ސުވާލު އުފައްދަން ޖެހޭ ކަމަށެވެ.

ރާއްޖެއިން ކޮވިޑް-19 ފެނުމާއި ގުޅިގެން ގިނަ ބަޔަކަށް މާލީ ދަތިތައް ކުރިމަތިވެ އިޤްތިސާދަށް ބޮޑެތި ލޮޅުންތައް އަންނަމުން ދާއިރު، އެކަމުން އަރައިގަތުމަށް އުސޫލުތަކެއް އެކުލަވާލައި އެ އުސޫލުތަކާއި އެއްގޮތަށް ޢަމަލުކުރުމުގެ މުޙިންމުކަން ނާޒިމް ވަނީ ފާހަގަކުރައްވާފައެވެ.

ރާއްޖެއިން އެންމެ ފުރަތަމަ ކޮވިޑް-19 ފެނިފައި ވަނީ މިދިޔަ އޭޕްރިލް މަހުގެ 15 ވަނަ ދުވަހުއެވެ. އެއާއެކު ރާއްޖޭގެ ބައެއް ރަށްތަކާއި މާލެ ސަރަޙައްދު ފުރަބަންދުގެ ހާލަތަށް ގެނެސްފައި ވާއިރު، އޭގެ ކުރިން ދުނިޔޭގައި މި ބަލީގެ ނުރައްކާ ބޮޑުވެފައި ވުމުން މާރިޗު 27 ވަނަ ދުވަހުން ފެށިގެން ރާއްޖޭގެ ބޯޑަރު ވަނީ ބަންދުކޮށްފައެވެ.

ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތްއޮތުމާއެކު ފަތުރުވެރިކަން ހީނަރުވެ އިޤްތިސާދަށް އަސަރު ކުރަމުން އަންނައިރު، މިމަހުގެ 28 ވަނަ ދުވަހަށް ހަމަވާ ފުރަބަންދުގެ މުއްދަތަށްފަހު ފުރަބަންދު އިތުރު ނުކުރާނެ ކަމުގެ އިޝާރާތެއް ސަރުކާރުން ކުރިން ވަނީ ދެއްވާފައެވެ. އަދި ބޯޑަރު ހުޅުވާލުމާއިއެކު ފަތުރުވެރިކަން އަލުން ފެށުމަށް މަސައްކަތް ކުރަމުންދާ ކަންވެސް ސަރުކާރުން ހާމަކުރައްވާފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ާައަހުމަދު

    ނާޒިމްގެ ކުންފުންޏަށް ވުރެ ބޮޑު ރިއަލްސްޓޭޓް ކުންފުންޏެއް ހަދަންވެގެން މިނިސްޓަރަކު ވަރަށް މަސައްކަތް ކުރާވާހަކަ ވަރަށް ހަރުކޮއް ކިޔާއަޑުއިވޭ އެއީ ތެދެއްތޯ؟

    16
  2. ފްރޭމް ޕްރޭމް

    ކޯޗެކޭކިޔާކަށް...ފިލާތިބެފަ ނުކުމެ ވީދެން.... ބަލިމަޑުކަމުން ނަފާވި އެކެއް މިވެސް...އަމިއްލަ ކުންފުނި ކޮވިޑްވިލެޖްގަ ބައިވެރިކޮއްފަ ފައިސާނަގާފަ ސިފައިންލައްވާ ހުރިހާ މަސައްކަތެކުރުވާފަ ފައިދާނެގި އެކެއް ނާޒިމަކީވެސް...ސަރުކާރަށް ބައިއަތުހިފައިގެންތިބި ގައްދާރުންތަ މުޅިންވެސް...ވެރިކަމާހެދި މޮޔަވާމީހުން..ސާފު ހުދުހެދުމުގަތިބި އެތެރެހަށި މުޑުދާރު ދެފުއްކެހެރިން..ގައުމު އަޅުވެތިވެ ނިމުނުއިރު ހިރޭތަން ކަހާނުލާ އެއްބާރުލުންދީގެންތިބި ދެމީހުން ނާޒިމާ ރިޔާޒު..އަރުތޫތު ބްރަދާސް ސެކުރިޓީފާމެއްގެ ނަމުގަ ކުރިކަންތަ ލަންކާގެ ތަހުގީގު ލިޔެފައޮތޯކިޔާއުޅުނު...

    14
    2
  3. ބީރުބޭ

    ދެމެހެއްޓެނިވި ގޮތުގަ ހުރިހާ ކަމެއްވެސް މިކުރަނީ. ސިއްހީ، ޓޫރިޒަމް، ތިމާވެށި. އިއާދަކުރަނިވި ހަކަތަ، މިހެންގޮސް ނަން ހުސްކޮށް. އެކަމަކު ޖަހާ ކޮންމެ ފޮޑި އެއްވެސް މިޖެހެނީ އަމިއްލަ އަތަށް.

    10
    1